ޕްރައިމަރީ ވޯޓް ފޮއްޓަށް ލެވެނީ ވޯޓް ދިންމީހާގެ ނަންޖަހާފަ
ކެންދޫ ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި ބ. ކުޑަރިކިލުގައި ވޯޓްލުން
ރައްޔިތުންގެ މަޖިލީސް އިންތިާހާބުގައި ޕީއެންސީ ޓިކެޓްގައި ވާދަކުރާނެ މެންބަރުން ހޮވުމަށް ބާއްވާ ޕްރައިމަރީ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ. ހެދިގޮތެއް ހަދައިގެން 71000 މީހުނަށް ވޯޓް ދިނުމުގެ ހައްގު ދީގެންނެވެ. ޕީޕީއެމްގެ ނަމުގައި މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ޕީޕީއެމަށް ނުދީ ޕީޕީއެމް-ޕީއެންސީގެ މެންބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީގައި ވަރަށް ބޮޑެތި އޮޅުވާލުންތައް ހިންގަމުން ދާކަމަށް މައުލޫމާތު ލިބެއެވެ.
ކެންދޫ ދާއިރާގެ ޕީއެންސީ ޓިކެޓަށް ބޭއްވޭ ޕްރައިމަރީގައި 3 މީހަކު ވާދަކުރެއެވެ. ޓިކެޓަށް ވާދަކުރަނީ ކެންދޫ އަބޫބަކުރު (އަބޫ)އާއި ކެންދޫ ޖިހާދު (ޖިއްކޮ) އާއި ކަމަދޫ އަހުމަދު ރިޒާ އެވެ. ކެންދޫ ދާއރާއަކީ ފަސް ރަށް ހިމެނޭ ދާއިރާއެކެވެ. އެރަށްރަށަކީ ކެންދޫ، ކުޑަރިކިލު، ކަމަދޫ، ކިހާދޫ، ދޮންފަނެވެ.
ކެންދޫ ދާއިރާއިން ޕީއެންސީ ޓިކެޓް ވަކި މީހަކަށް ދިނުމަށްޓަކާ ބޮޑެތި އޮޅުވާލުންތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ވަރަށް ބޮޑަށް ހިފަމުން ދާކަމަށް މައުލޫމާތު ލިބިއެވެ.
ބ. ކުޑަރިކިލު ޖަމްއިއްޔާގޭގައި ބަހައްޓާފައިވާ ޕީއެންސީ ޕްރައިމަރީ ވޯޓް ފޮއްޓަށް ވޯޓު ކަރުދާސް އެޅެމުން ދަނީ ވަރަށް އާދަޔާ ހިލާފު ގޮތަކަށެވެ. ވޯޓް ދޭމީހާއަށް ވޯޓް ފޮއްޓައް ވޯޓް ކަރުދާސް ކޮޅު ވައްޓާލެވެނީ ފާހަގަ ޖެހި ވޯޓު ކަރުދާސްކޮޅު، ވޯޓްފޮށި ބަލަހައްޓަން އިންނަ މީހާ އަތުލާ ވޯޓް ކަރުދާސް ކޮޅުގެ ފުރަގަހުގައި ވޯޓްލާ މީހާގެ ނަން ޖަހުމަށް ފަހުގައެވެ. ބޭނުމަކީ ރައީސް މުއިއްޒު ޓިކެޓް ދޭން ބޭނުންވާ މީހާއާއި ދެކޮޅަށް ވޯޓުދޭ މީހާ ދެނެގަތުމެވެ.
މިގެނެސް ދިނީ ހަމަ އެންމެ ރަށެއްގައި ކަންކުރެވެމުންދާ މުޑުދާރު ގޮތެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ރޭވިގެން ވޯޓު އޮޅުވާލުމުގެ ކުޅިގަނޑު ވަރަށް ބޮޑަށް ހިގަމުން އެބަދާކަމަށް މިނޫހަށް އަންނަނީ ގިނަ އަދަދަކަށް މައުލޫމާތު ލިބެމުންނެވެ. ކަންކަން ހުރި ހިސާބު ހަމައެކަނި މި ޓްވީޓުން ސާފެވެ. ހުޅުފަޅައިގެން ދާވަރު ހަވީރު ފަހެއްގެ ފަހުން ބަލަން ތިބެމާ ހިގާށެވެ.