ތަރުޖަމާނަށް: އެންޖަލިކް ޝެރޯން ފޭކްވުމުން އާރުޓީއައި ވެސް ފޭކުވީތަ؟
މީހަކު އާރުޓީއައި އެއް ފޮނުވިޔަސް ޗެޓެއް ކޮށްލިޔަސް އަނެއްކޮޅުގައި ހުރީ އަސްލު އިންސާނެއްކަން ކަށަވަރުކުރަން ތަރުޖަމާނު ބޭނުން ވާނެކަން އެނގެއެވެ. ގިނި ދުށް މީހާ ރަތްމަލަށް ބިރު ގަންނަ ވާހަކައަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ބުނެއުޅޭ މިސާލު ބަހެކެވެ.
އެންޖެލިކް ޝެރޯން ބޮލަށްވަދެ ބުއްދި ފަސްވެ ޑެސްކްޓޮޕް ކުރިމަތީގައި ހޫނު ސައިކުރާ އަމިއްލަ ގަޔަށް އޮއްސާލެވުނު ފަހުން ފެންނަން އިން ފޮޓޯގައިވާ އެންޖަލިކް ޝެރޯންއަކީ އަސްލެއް ނޫންކަން އެގުނީމާ މީހާ ލަދުފަށެއް ގަންނާނެތާއެވެ. އޮންލައިން ޕްލޭޓް ފޯމަކުން ސަމަންތަރު ހެޔޮ ރީތި އަންހެން ކުއްޖެއްގެ ފޮޓޯއެއް ލައިގެން ޗެޓްކޮށްލާ އިރަށް އަރާހިކުނީމާ ނުވެނުދާނެ ހުރިހާ ގޮތެއްވެސް ވާނެއެވެ.
އެންޖެލިކް ޝެރޯން ހަގީގަތަކަށް ނުވީމާ ތަރުޖަމާނެއް ކަމަކު ގިނި ދުށް މީހާ ފަދައިން ރަތް މަލަށް ބިރުގަންނާނެއެވެ. އާރުޓީއައި އެއްވިޔަސް ފޮނުވީ އަސްލު އިންސާނެއްތޯ ނުވަތަ އެންޖަލިކް ޝެރޯނެއްތޯ ބަލަން ބޭނުންވާނެއެވެ.
ކިތަންމެ ދުވަހެއް ވިޔަސް އެންޖަލިކް ޝެރޯން ބޮލުތެރޭގައި ހީލަ ހީލާ އިނީތާއެވެ. ވަޒީރުކަން ކުރިޔަސް އެންލާޖު ސަފީރުކަން ކުރިޔަސް ރައީސްގެ ތަރުޖަމާނު ކަމުގައި އިނަސް ސިނކުޑީގެ ކޮންމެވެސް އެއްކަނެއްގައި އެންޖަލިކް ޝެރޯން ރަނިކަން ކުރާނީތާއެވެ. 15 ވަރަކަށް އަހަރު ކުރީގެ ކަމެއްވީމާ އެނގޭ ބަޔަކު ހަނދާން ނައްތާލިޔަސް އަމިއްލަ ސިކުނޑިން އެންޖަލިކް ޝެރޯން ނެރެ ނުލެވޭކަން އާރުޓީއައިގެ ކަންތަކުން އެކަނިވެސް ސާފުވެއެވެ.
މައުލޫމާތު ހޯދާ ލިބިގަތުމަށް ސަރުކާރަށާއި ރައީސް އޮފީހަށް އާރުޓީއައި ފޮނުވަނީ އަސްލު އިންސާނުންތޯ ބެލުމުގެ ވިސްނުން ތަރުޖަމާނަށް އަންނާނީ އެންޖަލިކް ޝެރޯން ބިރާއި ލަދު ހިތުން ފިލައިގެން ނުދާތީކަން ކަށަވަރެވެ. ބަޔަކު ދައްކާލި ފޭކް އެންޖަލިކް ޝެރޯން ފޮޓޯ ގަޑެއްގެ އަވާގައިޖެހި އައްޔާޝީވެވި ބަރަހަނާވެ އަބުރު ގެއްލޭ ވަރަށް އަތުފައިން ގޯސްހެދުނު މީހަކު އާރުޓީއައި ފޮނުވަނީ އަސްލު އިންސާނުންތޯ ބަލާ ވާހަކަ ދެއްކީމާ ހައިރާނެއް ނުވެއެވެ.


