މުއިއްޒު ސަރުކާރުގައި މުއިއްޒުގެ ބާރެއް ނެތް!
މުއިއްޒު ވެރިކަންފެށީ ސީނިއަރ މިނިސްޓަރަކާއި 22 ކެބިނެޓް މިނިސްޓަރުންނާއި ވަޒީރުން ފެންވަރުގެ އެތައް ވަޒީރުންނާއި ވަޒީރުންގެ ފެންވަރުގެ މުޝީރުންނާއި ވަޒީރު ފެންވަރުގެ އެންބެސެޑަރުންނާއި ވަޒީރު ފެންވަރުގެ އިމާމުން އެންމެ މަތިފަޑިއަށް ލައިގެންނެވެ. މުއިއްޒުގެ ވަޒީރުންގެ އަދަދަކީ ކޮބައިކަމާއި އެއީ ކޮންބައެއްކަން ވެސް މުއިއްޒަށް ނޭނގޭހާ ވަޒީރުން ގިނައެވެ.
ވަޒީރުންގެ ބޮޑު ފައުޖާއި އެނޫން އެތައް ހާސް ސިޔާސީންގެ މައްޗަށް އޮތް މަތިބަރު ސަރުކާރައިގެން މުއިއްޒަށް ކުރިއަށް ހިގައިނުގަނެވިގެން އުޅޭތާ ކިތަންމެ ދުވަހެކެވެ. ވެރިކަމަށް އާދެވުނު ގޮތުން ސަޕޯޓުބޭސް ބޮޑުކޮށް ފުޅާކުރުމަށް މީހަކު ބުނިހާ ގޮތަކަށް ބުނިހާ ކަމެއް ކޮށްދިނުން ނޫން ގޮތެއް މުއިއްޒަކަށް ނެތެވެ.
ރައީސްކަން ހޯދަން ކުރި ކެންޕޭނުގައި ކެބިނެޓް ޕޯޓިފޯލިއޯތައް ވިއްކަންވެސް ޖެހުނުކަމަށްވެއެވެ. މޫސާ ޒަމީރާއި ޑރ. ޝަހީމާއި އުޝާމާއި އިހުސާނު ކަހަލަ މީހުންގެ ވަޒީރުކަމަކީ 5 އަހަރު ދުވަހަށް މޯގޭޖުކޮށް ފައިސާ ނަގާފައިވާ ޕޯޓިފޯލިއޯ ތަކެއްކަމަށް ކިޔާއުޅެއެވެ. އެނޫންވެސް ކިތަންމެ ޖާގައެއް މޯގޭޖްކޮށް އެތައް ބަޔަކަށް ބައިއަޅަންޖެހުނެވެ.
ކިތަންމެ ބޮޑު ގޯހެއް ހެއްޖަސް ފަޒްލު ކަހަލަ މީހަކު މަޖުބޫރުވެގެން ސައިޑްލައިނު ކުރިޔަސް ރަނަގަޅު އަދަދަކުން ގޮނޑިގަނެގެން ތިބީމާ ގޮތެއް ނުހެދޭނެއެވެ. ބޮޑު އަދަދެއް ދައްކައިގެން ގޮނޑިގަނެ ގޮނޑި ދަމަހައްޓަން ފައިސާއަޅާ ވަޒީރަކު ގައިގައި ކިތަންމެ ބޭނުން ވިޔަސް މުއިއްޒަށް އަތެއް ނުލެވޭނެއެވެ. ތުން ފިއްތަ ފިއްތާފައިވެސް މޮންދޫދުމެން ދޫކޮށްލާކަށް މުއިއްޒަކަށް ލާހިކެއްނޫނެވެ.
ކުރުކޮށް ބުނަންޏާ މުއިއްޒު ސަރުކާރު އޮތީ 3 ފައިޖެހި އުނދުނެއްގެ މަތީގައެވެ. އަޑި ނޭނގޭ 3 ބާރަކުން މުއިއްޒު ސަރުކާރު އޮތީ ހިސޯރު ކޮށްފައެވެ. ހިފަހައްޓާ ދެނީ ބޭބެއެވެ. ސާޖިދާއާއި ޒަމީރާއި އިހުސާނާއި ބޭނުން ނުވާ ގޮތަކަށް މުއިއްޒަށް އިނގިވެސް ހަލުވާނުލެވޭނެކަމަށް މުހައްލިލުން ބުނެއެވެ. ކެބިނެޓްގައި ހިފެހެއްޓިފައި ތިބި މީހުންނާއި އަލަށް އެތެރެވީ މީހުނަށް ބަލާލުމުން މުއިއްޒަށް އޭނާގެ އަމިއްލަ ސަރުކާރަށް ބާރު ނުހިނގާވަރު ވަޒަން ކޮށްލެވޭނެއެވެ. މުއިއްޒު މައްޗަށް ބާރު ހިންގާ އަޑީ ދައުލަތް ފެންނާނެއެވެ. ސަލަފީންނާއި ހެޕީ މާކެޓާއި ތެޔޮ ދޮންބެ ނޫން މަންޒަރެއް އޭރަކުން ނުފެންނާނެއެވެ.
އެހެން ކަމުން އެޕްރީލް 4ގެ ބޮޑު ނާކާމިޔާބީއަށް ފަހު ކެބިނެޓް 10 ވަޒީރުންގެ ކުއްލި އިސްތިއުފާއަކީ އިއްތިފާގެއް ނޫނެވެ. 10 ވަޒީރުންގެ އިސްތިއުފާއަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން އެއްބާރުލުން ދިނުމަށް ދިން އިސްތިއުފާއެއް ނޫނެވެ.


