އާސަންދައިން 200 މިލިޔަން އުނިކޮށް މުސާރަދޭން 478 މިލިޔަން ކޮށްލީއިތުރު

އާސަންދައިން 200 މިލިޔަން އުނިކޮށް މުސާރަދޭން 478 މިލިޔަން ކޮށްލީއިތުރު

ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބަލިވީމާ ބޭސްކޮށް އަވަސް ޝީފާ ލިބުމަށެވެ. ބޭސްފަރުވާގެ ހިދުމަތަކީ ދިރިހުރުމުގެ ހައްގު ކަށަވަރު ކޮށްދިނުމަށް ކުރަން ލާޒިމު ކަމެކެވެ. ރައްޔިތެއް ނެތި ވެރިކަމެއް ނުއޮންނާނެއެވެ. ދުޅަހެޔޮ އާބާދީއެއް ނެތި ތަރައްގީއެއް ނުވާނެއެވެ. ކެއިން ބުއިމަށް ފަހު މީހަކަށް އެންމެ ބޮޑަށް ބޭނުން ވާނީ ބޭސް ފަރުވާއެވެ. 

ރައްޔިތުންގެ ބޭސް ފަރުވާއަކީ މުއިއްޒަށް މާ މުހިންމު ކަމަކަށް ނުވެއެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރީކިއު ދިގުވެ މަސް ދެމަސްވެ ދާއިރުވެސް ޑޮކްޓަރަށް ނުދެއްކިގެން އެތައް ބަޔަކު އެބަ މަރަށް ތެޅެއެވެ. އެހެނެކޭ ކިޔާފައި ރާއްޖޭން ކުރެވޭ ކަމަކަށް ވެގެން ބޭރަށް ދިއުމަށް އާސަންދައެއް ނުދެއެވެ.

އަމިއްލަ ހޮސްޕިޓަލްތަކަށް ބޮޑު އަގުގައި ދައްކައިގެން ބޭސް ކުރެވެން ނެތް މީހާ ސަރުކާރު ހޮސްޕިޓަލަުން ޑޮކްޓަރަށް ދެއްކެންދެން މަސް ދެމަސް ވިޔަސް އޮންނަން ޖެހެނީ ފަރުވާނުކޮށެވެ. ފަރުވާ ނުކުރެވި ބަލީގައި ދިގުލައިގެން ގޮސް ފުރާނައަށް ނުރައްކާވާ ހިސާބަށް ބަލިހާލު ބޮޑުވަމުން ދަނީ އެ ގޮތަށް އެތައް ސަތޭކަ ބައެކެވެ. 

އައިޖީއެމްއެޗްގެ ޑޮކްޓަރކިއު ކުރުކުރެވޭނެ ބުއްދިއެއް ސަރުކާރަށް ކުރެވޭ ކަމަކަށް ނުވެއެވެ. އަހަރަކު އެތައް ސަތޭކަ މިލިޔަނެއް ހަރަދުކޮށްގެން ސަރުކާރުން ހޮސްޕިޓާ ހިންގަން އުޅުމަށްވުރެ ބަލިމީހުންނަށް ދެކޮޅު ޓިކެޓާއި 500 ޑޮލަރ ދީފައި ބޭރަށް ފޮނުވުންވެސް ބަލިމީހާއަށާއި ސަރުކާރަށް ފައިދާ ބޮޑުވާނެއެވެ. 

ރައީސް މުއިއްޒަށް ވެސް ބޮޑު ހަރަދަކަށް ވެގެން އުޅެނީ ރައްޔިތުންނަށް އާސަންދަ ދީގެން ބޭސް ކުރުމެވެ. ސަރުކާރު ހިންގުމުގެ ނަމުގައި އެތައް ހާސް ބަޔަކަށް ސަރުކާރުން މުސާރަޔާއި އިނާޔަތް ދޭކަށް ބޮޑުވެގެން ނޫޅެއެވެ. 2026 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާލުމުންވެސް އެކަން އެނގިގެން ދެއެވެ.

2025 ވަނަ އަހަރުގެ ފުރަތަމަ 3 މަހު އާސަންދައަށް ކުރި ހަރަދަށްވުރެ 2026 ވަނަ އަހަރުގެ ފުރަތަމަ 3 މަހު އާސަންދައަށް ކުރި ހަރަދު 200 މިލިޔަން ރުފިޔާ މަދެވެ. އަސަންދަ ނުލިބިގެން ބޭސް ފަރުވާ ނުކުރެވިފައި ތިބި މީހުންވަނީ ގިނައެވެ. އެހެން އެކަން އޮތް އިރު ސަރުކާރުގެ އެސްއޯއީތައް ނުހިމަނާ ސަރުކާރުން މުސާރަޔާ އިނާޔަތަށް ކުރި ހަރަދު 2025 ގެ ފުރަތަމަ 3 މަހަށްވުރެ 2026ގެ ފުރަތަމަ 3 މަހު 478 މިލިޔަން އިތުރެވެ. އެއިން އެގިގެން ދިޔައީ ރައްޔިތުންނަށް ބޭސްވަރުވާ ކުރުމަށްވުރެ ބަޔަކަށް މުސާރައާއި އިނާޔަތް ދިނުން މުއިއްޒަށް މާ މުހުންމު ކަމެވެ.