އިސްތިއުފާއަށް ގޮވާލެވޭ އަޑު އެއްވާނަކަށް ޖެހިދާނެ!
މަގުބޫލުކަން ތެއްތިރީހަކަށް ޕަސެންޓައް ވެއްޓިއްޖެ!
ބަސްނުވިކޭ އޮޑިއެއްގެ ދިރުބަލުގައި ގިރިދަށްކަން ނަޝީދު މިހުންނަނީ ކީއްވެފާ ހެއްޔެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަންޏެކޭ ނަޝީދެކޭ އެމްޑީޕީއަށް ތަފާތެއް ނެތެވެ. ޕާލަމަންޓްރީ ގްރޫޕްގެ ނިންމުމަކަށް ތަބައެއް ނުވެއެވެ. ގައުމީ މަޖިލީހުގެ ނިންމުމަކަށް ތަބައެއް ނުވެއެވެ. ކޮންގްރެސްގެ ނިންމުމަކަށް ބޮލެއް ނުލަނބައެވެ. އާއްމު މެންބަރުން ދޭވޯޓެއްގެ ނަތީޖާ ގަބޫލެއް ނުކުރެއެވެ. އެކަމަކު ޕާޓީގެ ރައީސޯލައެވެ.
އެމްޑީޕީގެ ގުނަން ތަކުގެ ނިންމުންތައް ބޮލާލާ ޖެހުމަކީ އެމްޑީޕީގެ ރައީސްގެ މަސްއޫލިއްޔަތަކީ ހެއްޔެވެ. އެތައް ހާސް ބަޔަކީ ތިމާ ކަމަށް ހެދިގެން އުޅުމަކީ ނަޝީދުގެ ޑިމޮކްރަސީ ހެއްޔެވެ. މެޖޯރިޓީއަކީ ނަޝީދުގެ ވިދާޅުބަސްފުޅު ހެއްޔެވެ. މުޅި ޕާޓީގެ އެންމެން ތިބޭން ޖެހެނީ ނަޝީދު އެޅިހާ ބަތަކަށް ރިހަ ވެގެން ހެއްޔެވެ. އެމްޑީޕީގެ ވެރިކަމެއްގައި ވެސް ގައުމުގެ ވެރިކަން ނުކުރާން ކަމަށް ހުވާކޮށްގެން ފެށި އިސްލާހީ ހަރަކާތަކީ ނަޝީދުގެ މުށުތެރެއަށް ތާއަބަދަށް އެމްޑީޕީ މަހާލުމުގެ ތެޔޮގުޅާ ސާދާއެއް ހެއްޔެވެ.
ހޮދުމުހުތާރު ވުމުގައި ނަންވާނީ މުގާބޭއެވެ. މައުމޫނަށް ކުރިހާ މަލާމާތާއި ފުރައްސާރަ ތިމާގެ އަނގައަށް ވަދެ ނިމިއްޖެއެވެ. ގަބީލާއެއް ޕަޕެޓެއް ވަކިނުވާ ވަރަށެވެ. އެމްޑީޕީ އުފެދުނީއްސުރެ ނަޝީދު ޖެހިހާ ބެރަކަށް އާއްމު މެންބަރުން ނެށިއެވެ. އިސްކޮށް އުޅުނު ފިކުރު ތަފާތު އެންމެންހެން ފައްސާ ނަގާލިއެވެ. އިބުރާމެން މުނައްވަރުމެން ގޮތް ދޫކޮށް ފަހަތައް ޖެހެލީ ނަޝީދުގެ ހަގީގީ ސޫރަ ކޮންމެވެސް ހިސާބަކުން ރައްޔިތުންނަށް ދައްކާލަން ތާއެވެ.
ކާމިޔާބީގައި ހިތްތިރިކޮށް ނާކަމިޔާބީގައި ހިތްވަރު ގަދަކުރުމުގެ ފަލްސަފާއަކީ ނަޝީދު ނޫން އެހެން މީހުންގެ މައްޗަށް ހިނގާ އެއްޗަކީތާއެވެ. ފަހަތަށް ޖެހެން ޖެހޭތާ ފަހަތަށް ޖެހެން ޖެހެނީ ވެސް އެހެން މީހުނެވެ. މެޖޯރިޓީއަށް ތަބާ ނުވުމާ ގަދަބަސް ބުނުމުގައި ހައްދެއް ސުމާރެއް ނޯވެއެވެ. ކިތަންމެ މަވެތި ވިޔަސް މަހެއް ފަހާލާނެ މަހެއް ހުރެދާނެކަން މިއަދު އެބަ އެނގޭ ނޫންހެއްޔެވެ.
ކުރިން އެމްޑީޕީގައި އުޅުނުހާ ހަރު ސިޔާސީ މީހުން އެކި ކަހަލަ ބަދުނާމުގައި ފައްސާނަގާލިއެވެ. އެކަމަކު އަބަދަކު އެންމެނަކު އެއްގޮތެއް ނުވާނެއެވެ. އެމްޑީޕީ ހިސޯރުކޮށް އޮބިއަޅުވައިގެން އުޅުނު ރޫހާނީ ލީޑަރު ވެސް ޕާޓީން ބާކީވެ މިއަދު އެކަހެރި ވެއްޖެއެވެ. މަގުބޫލުކަން ތެއްތިރީހަކަށް ޕަސެންޓައް ވެއްޓިއްޖެއެވެ. ފިކުރެއްގެ ދިރުމަކީ ހިޔާލީ ފޮލަޔަކަށް ވެނިމެނީއެވެ. ހަކުޅި ކުރިއަށް ކުޅެ، ކުޅޭ ކޮންމެ ކުޅިއަކީ މުއުޖިޒާތެއް ގޮތުގައި ދެއްކި ދުވަސް ފަހަނަ އަޅާ ހިނގައްޖެއެވެ. ބޭނުންވާ ގޮތަކަށް ޕާޓީގެ އެއްވެސް ގުނަވަނަކުން އެއްކަމެއްވެސް ފާހެއް ވަނީއެއް ނޫނެވެ.
ބޮޑާ ހެދުމާ ފުއްވުންނޫން ކަމެއް ޕާޓީގެ ރައީސްގައި ނެތެވެ. ހާކާ ބޮޑާ ބަލާ ލޮއްސަން އުޅޭނެ ބަޔަކު ދާދި މަދުވެއްޖެއެވެ. މިއަދު ޕާޓީގެ ރައީސަކަށް ނަޝީދު ބަހައްޓަން ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް ބަހައްތަން ފެންނަކަމަށް ބޮޑު އަގުލަބިއްޔަތެއް ލިބުމަށްވުރެ ނުލިބުން ގާތެވެ. އެންމެ ފަހުން އެމްޑީޕީގެ ރައީސްގެ އިސްތިއުފާއަށް ގޮވާލެވޭ އަޑު އެއްވާނަކަށް ޕާޓީގެ ތެރޭގައި ހިފަމުން ދާންފަށައިފިއެވެ.