މުއިއްޒަށް: ރާއްޖެއަކީ ފެންދީފާ ކަތިލާ ކުކުޅަކީތަ!
މުއިއްޒުގެ މަވެތިކަމަށް ރާއްޖެ ކޮމްޕްރަމައިޒްވުން
އަށްޑިހައިގެ ކުރިން ރަށްރަށުން މާލޭ ދަރުމާރުކޭޓަށް ކުކުޅު ގެންނަނީ މުޅި މުޅީގައެވެ. މުޅިއަށް ކުކުޅުލައިގެން މާލެގެންނަނީ ބައްތެލީގެ ގެގަނޑުގެ ބޭރުގައި އެލުވައި ގެންނެވެ. ވެހޭހާ ވާރޭފެނަކާއި ޖަހާހާ ރާޅެއްގެ ލޮނު ކުކުޅުމުޅިއަށް ހުންނަނީ ވިއްސާލަ ވިއްސާލައެވެ. މުޅި ތެރޭގައި އޮންނަ ކުކުޅު އޮންނަނީ ހީކަރުވައިގެންނާއި ގަންނަ ބިރުން މަރުވާ ވަރުވެފައެވެ.
ބައްތެލީގެ ބޭރުގައި އެލުވައިގެން މުޅިއެއްގައި ކުކުޅު އެ ގެންދަނީ ފުރަމާނަ ދަތުރެއްގައެއްް ނޫނެވެ. ކުކުޅަށް އެ ކުރެވެނީ ޒަބަހުގެ ދަތުރެއް ކަމެއް އެއްގޮތަކަށް ވެސް ކުކުޅަކަށް ނޭގެއެވެ. ފެން ދީފައި ކަތިލުމަށް ގެންދެވޭ ދަތުރެއް ކަމެއް ކުކުޅަކަށް ނޭގެއެވެ.
ދަރުމާރުކޭޓުން ކޮންމެވެސް މީހަކު ކުކުޅު ގަނެގެން ގެއަށް ގެންގޮސް ކުކުޅު މުޅި ތެރޭން ނަގައެވެ. ދުނިޔޭގެ ހަމަވައިގެ ތެރެއަށް ލޯހުޅުވާލެވި ހަމަ ނޭވާއެއް ލެވޭއިރު ކުކުޅުގެ އެއްފައިގާ އޮންނަނީ ނަނުގަޑެއް އައްސާފައެވެ. ފައިގާ އެއްސި ނަނުގަނޑުގެ އަނެއްކޮޅު ކާށި އެހޭ ފޭރާ ބުޑުގައި އައްސާފައި ކުކުޅު ދޫކޮށްލައެވެ. ވާ އުފަލުން ކުކުޅު ދުއްވައި ގަންނައިރު ކުކުޅަށް ދެވެނީ ނަނުގަޑުގެ ދިގު މިނަށެވެ. އެއްސި މީހާ ފޮނުވަން ބޭނުން ހިސާބަކަށް ނޫނީ ކުކުޅަކަށް ނުދެވެއެވެ. ފޭރާ ބުޑުގައި ވައު ޖަހާފައި އައްސާފައި ކުކުޅު ބަހައްޓަނީ ކަތިލާ ދުވަސް އަންނަންދެން ކަމެއް ކުކުޅަކަށް ނޭގެއެވެ. ކަތިލާ ވަގުތު ޖެހެންދެން ގަނޑިން ގަޑިއަށް ބަނޑުފުރާ ކުކުޅަށް ކާންވެސް ދެއެވެ. އެންމެ ފަހުން ކަތިލާ ވަގުތު ޖެހުމުން ފެންދީފައި ކައިތިލައިގެން ކާލާނީ ކަމެއް ކުކުޅަކަށް ނޭނގެއެވެ.
އަހަރެމެންގެ ކަނޑުކޮސް ރައީސަށް ވަނީ ވެސް މުޅިއަށް ލައިގެން ކަތިލަން ގެންދާ ކުކުޅަށް ވާވަރެވެ. ވެރިކަން ހޯދާށާއި ވެރިކަން ލިބުމުން ބޭރު ކުރަން އުޅުނު އިންޑިއާ ސިފައިންގެ އަސްކަރީ ބޯޓެއްގައި ރައީސް މުއިއްޒު އިންޑިއާއަށް ގެންދިޔައީ ފެން ދީފާ ކަތިލާށެވެ.
ހެއްދެވިހާ ކުނި ފުޅައަކާއި އާޑަ ފުރައްސާރައެއް އިންޑިއާއަށްކޮށް ގޮން ޖެހުމަށް ފަހު ދިއްކޮށްލާ ޒައިތޫނީ ފަތް ކޯޅީގައި އިންޑިއާއިން ހަމަހުރެފާ ނުހިފާނެކަން އެނގެއެވެ. ދެފައި މައްޗަށް ވެއްޓި ކަލާ ކޮއްޓަކާ ގޮވާ ރޮއެ ހޭރި ސަލާން ޖެހުމުން ދޫ ލަޑެއް ނުދޭނަމޭ ބުނެ ނަގާކޮޅަށް ޖަހާ ބުރަކަށީގައި ފިރުމާލީތާއެވެ.
ކުރިން ގޯސްވެގެން އުޅުނު ހުރިހާކަމެއް އެއަށްވުރެ މާބޮޑަށް ކޮށްދިނުމާއި އިހަށް ނުކޮށްދޭ އެތައްކަމެއް ކޮށްދޭ ދިނުން މުއިއްޒު ބަލައިގަތުން ސިފަކުރެވެނީ ކަތިލަން ނަނު ޖަހާފައި އިން ކުޅަށް ކާން އެޅުމުން ކާކެއުމެވެ. ޅިސް ގޮވަންދެން ކާންދިނަސް އާހިރުގައި ކަތިލާ ވަގުތުޖެހުމުން ކަތިލައިގެން ކާލާނީ ކަން މުއިއްޒަކަށް ނޭގެއެވެ.