ރައްޔިތުންގެ ނިންމުން ހަޖަމުކޮށް މުއިއްޒަށް އިސްލާހެއް ނުވެވޭނެ!

ރައްޔިތުންގެ ނިންމުން ހަޖަމުކޮށް މުއިއްޒަށް އިސްލާހެއް ނުވެވޭނެ!

ރައްޔިތުްގެ ނިންމުމަށް އިހުތިރާމްކޮށް ކަންކަން ރަގަޅުކުރާނެ ކަމަށް މުއިއްޒު ބުނުމަކީވެސް ލައްކަ ބޮޑުވަރެކެވެ. ވެރިކަމަށް ހޮވުނީއްސުރެ ހިތުހުރިހާ ގޮތަކަށް މުއިއްޒު ކަންކަން ކުރަމުން އައީ ރަނގަޅުގޮތް ނޭނގިގެނެއް ނޫނެވެ. ދޮގުހެދުމާ އޮޅުވާލުމާއި ހިޔާނާތްތެރިވުމުގައި ދައުރެއްގެ ދެބައިކުޅަ އެއްބައަށް ވުރެ ބޮޑު ބައެއް ކަޑައްތުކުރީ އޮޅުމަކުން ނޫނެވެ. 

ރައްޔިތުންގެ ނިންމުން އިހުލާސްތެރިކަމާއެކު ގަބޫލުކޮށް ކަންކަން ރަމގަޅުކުރަން މުއިއްޒު ފަށާނީ ކިހާ ހިސާބަކުން ކިހިނެއް ހެއްޔެވެ. ވެރިކަމަށް އަރާ ދިމާކުރީ އަބުބޮޑު ހަރަދު ބޮޑު ދިރިއުޅުމެއް އުޅޭށެވެ. ޝެހެންޝާހެއްގެ ގޮތުގައި މަތިހަށި ނަގާށެވެ. މުރައްކަބު ޖާހިލުން ތަކެއް ކިޔާބަހަށް ވެރިކަން ހިންގާށެވެ. ރިޝްވަތާއި ކޮރަޕްޝަނާ ފަސާދައާއި ދޮގާ މަކަރު ނޫންކަމެއް  މުއިއްޒުގެ ވެރިކަމުގައި ނެތެވެ. 

ހަނދާން އައުކޮށްލަން ކުރީކޮޅުގެ ކުޑަމިންވަރެއް ހިތައް ގެނެސްބަލާށެވެ. މާލޭގެ ބޯހިޔަވާވަހިކަމަށް ތަރައްގީކުރަން ފަށާފައިވާ މާލެ އާއި ގުޅަލެވެން އޮތް ސަރަހައްދު ނިންމުމުގެ މަސައްކަތް ކުރުމުގެ ބަދަލުގައި ގަދަފައިވިއްދާފައި ފެށީ ފުށިދިއްގަރުފަޅު ހިއްކާށެވެ. ވެރިކަން ދިފާއުކުރުމަށް ރިޝްވަތު ދީގެން ގަނެލީ މަޖިލީހުން 13 މެންބަރުންނެވެ. ކޮރަ÷ޝަނުގެ ތެރެއިން 100 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ވަޒީރުންނަށް 20 ކާރު ގަތީއެވެ. ރިޔާސީ ގަނޑުވަރަށް ވަދެވުނީ އެތައް މިލިޔަނެއް ހޭދަކޮށްގެންނެވެ. ދުނިޔެ ބަލައިލަން ބޮޑެތި ފައުޖު ހަދައިގެން ދަތުރުކުރީ ހޭނުބަހައްޓާ ފަސްޓު ކުލާހުންނެވެ. 

700 އަށް ވުރެ ގިނަ ނުކުރާން ބުނި ސިޔާސީ މަގާމުތައް ތިންހަތަރު ހާހަށް އަރުވާލީއެވެ. ސަރުކާރު ކުންފުނިތަކަކީ ޕާޓީ އައްޑާތަކަކަށް ހަދާ އެތައްހާސް ބަޔަކަށް ބޭކާރު ގޮތުގައި ވަޒީފާތައް ބަހާލީއެވެ. ޒަރޫރަތެއް ނެތި ކަންދެއްކުމަށް ޑްރޯނާއި ބަރު ހަތިޔާރު ގަތީއެވެ. ވޭޕް މަނާކޮށް ދުންފަތަށް ކުރާހޭދަ އެތައް ގުނައަކަށް ބޮޑުކުރަން ރައްޔިތުންނަށް ޖެއްސީއެވެ. 

ހަމައެއް ލަމައެއްނެތި ފަޒުލްމެން ކަހަލަ މީހުން ބޭނުންކޮށްގެން ކޮރަޕްޝަނާއި ފަސާދަ ހިންގާ އައުވާނުންނަށް ފަޅުތަކާ ބިންތަކާ ބަހާ މުޅި ދައުލަތަކީ ވައްކަމާއި ހިޔާނާތުގެ ގޭންގަކަށް ހެދީއެވެ. ކޯޓުތަކާއި މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހަކީ ދަތްނެއް ސިންގާތަކަކަށް ހަދާ ނިންމީއެވެ. 

މައިނޯރިޓީން ލިބުނު މަޖިލިސް މެޖޯރިޓިއާއި އެކު ދުނިޔެ ރަންވެ އެޅިހާ ބަތަކަށް ރައްޔިތުން ރިހަވެގެން ތިބޭނެކަމަށް ގަބޫލުކުރެވުނު ހިސާބުން މުއިއްޒުގެ ބުއްދި ރަންވީއެވެ. ދައުލަތް ދަވަލަން ފޫގަޅައިގެންތިބި އައުވާނުންގެ ބަހަށްހެއްލި ގެއްލުނުއިރު މުއިއްޒަށް ރައްޔިތުންނެއް ނެތެވެ. ރައްޔިތުންގެ އަޑެއް ނީވުނެވެ. ނޭހިއެވެ. ވަގަކަށް ހާސްދުވަހެވެ. ވެރިއަކަށް އެއްދުވަހެވެ. ރައްޔިތުން ގޮތް ނިންމައިފިއެވެ.