ކުރިއަށް އޮތީ ދުވަސް ނުފުރާ ބައިގެންދިޔުން؟!

ހިލަމެއްނެތި ފުދުނު ވައުދު ހަފުތާ ސާދަ!

ކުރިއަށް އޮތީ ދުވަސް ނުފުރާ ބައިގެންދިޔުން؟!

ވެރިކަމެއްގެ މިހާ ކުރީކޮޅު ރައްޔިތުންގެ އުންމީދު ކެނޑުނު ސަރުކާރެއް މިނޫނީ ދިވެހިން ނުދެކެއެވެ. ވޯޓުދިން ގިނަ މީހުންނާއި ވޯޓުނުދިން އެންމެންހެން ތިބީ މާޔޫސްވެ ގޮތް ހުސްވެފައެވެ. ހަމައެހެން މުއިއްޒު ސަރުކާރުން ސިޔާސީ މަގާމު ލިބުނު ގިނަ މީހުން ވެސް ތިބީ ވާނުވާގައެވެ. ހާސްކަމާ ކަންބޮޑުވުމުގައެވެ. ސިޔާސީ މަގާމު ހޯދުނު މޮޔަ ހީވެގެން އުޅޭ ކިތަންމެ ބަޔަކު އެބައުޅެއެވެ. އެމީހުންވެސް ރަނގަޅު މުސާރައެއް ލިބޭތީ މަޑުކޮށްލައިގެން ވާނުވާގައި ތިބީއެވެ.

އެކަމަކު ހަފްތާ 14ގެ ވައުދުތައް ފުއްދިގެން ސަރުކާރުގެ ވެރިން އުފަލުން ފޮޅެނީއެވެ. ނަށާ ލަވަކިޔަނީއެވެ. ރައްޔިތަކަށް ހިލަމެއްނުވެއެވެ. ބަދަލެއްގެ ހެޔޮ އުހުސާސެއް އާއްމު ރައްޔިތަކަށް ނުކުރެވެއެވެ. ވާނީ އެހެންތާއެވެ. ހަފްތާގައި ހުރީ ފަށާނަން ފަށަނަން ކުރާނަން ކުރާނަން ކަމުގެ ވައުދެވެ. ކުރިންނެއް މިނިސްޓްރީތަކެއް އުފައްދާ އެތަންތަނާ މަސައްކަތް ހަވާލު ކުރުންވެސް ވީ ފުދުނު ފިސާރި ބޮޑު ވައުދަކަށެވެ. އިންޑިެާ ސިފައިން ބޭލުމުގެ ވާހަކަ ދައްކާ ލެވުމަކީ ސިފައިން ބޭލުމުގެ ވައުދު ފުދުމެވެ. ނަތީޖާއެއް ނެރެދެވޭ ރައްޔިތަކަށް ލުޔެއް ލިބޭ ކަމެއް ހަފްތާ ސާދައަކުން ނުފުދުނެވެ. އެކަމަކު ވައުދުތައް ފުދި ނިމިއްޖެއެވެ.

ގިބަޔކު އެބަބުނެއެވެ. މިއީ ކޮންކަހަލަ ވެރިކަމެއްހެއްޔެވެ. ރައްޔިތުން ގަނަ ނުތަޅުވާ ވަކިކަމެއް ނެތެވެ. ފުވައްމުލަކާއި ދުވާފަރުގައި ރޮއެހޭރުނީ ކަރަންޓު ނުލިބިގެންނެވެ. އައްޑުއާއި ނައިފަރުގައި ފެން ނުލިބުމުގެ މައްސަލައެވެ. މާލޭއިން އިރުއިރުކޮޅުން ކަރަންޓް ކެނޑެއެވެ.

މަސްވެރިން އުޅެނީ ކިރިމަހަށް ފައިސާ ނުލިބިގެންނެވެ. މާލޭގައި އެއްޔަކު އުޅެނީ ފުލެޓުވެރިންގެ ފުލެޓު ފޭރިގެންނެވެ. ބިންވެރިންގެ ބިންތައް ފޭރި ގަނެގެންނެވެ. ފަށާފައި ހުރި މަސައްކަތްތައް ނުނިމިގެން ރަށްރަށު މީހުން ތިބީ ރަތަށް އަރާފައެވެ. ތައުލީމީ އަހަރު ކުރުކޮށްލައިގެން ބެލެނިވެރިން ތިބީ ކޮށިއަރާފައެވެ. އާސަންދަ ނުލިބިގެން އަނެއްބަޔަކު މަރަށް ތެޅެނީއެވެ. 

ޑޮލަރު ނުލިބިގެން ވިޔަފާރިވެރިން ތިބީ މުދާ ނުގެނެވިފައެވެ. ރަށްރަށުގެ ވަޒީފާތަކުން ނިކަމެތިން ކެނޑުމާ ސަސްޕެންޑް ކުރަމުން ސިޔާސީ މަގާމް ތަކަށް މީހުން އިސްކޮށް ބަރާ ކުރަނީއެވެ. ނޫސްތައް ބްލޮކްކޮށް ފިޔަވަޅު އަޅަނީއެވެ. ރިސޯޓްތަކަށް ބޭރުން މުއައްޒަފުން ގެނެސް ދިވެހިން ބާކީ ކޮށްލަނީއެވެ. ދެލައްކަ އެއްހާ ބަންގާޅީން ރާއްޖޭގައި އުޅޭ އިރު ލައްކަ ހަމަނުވާކަމަށް ހަދައިގެން ބަންގާޅީން އެތެރެކޮށް ވަގުފާރި ފުޅާކުރަނީއެވެ. ހަށިވިއްކުން ފަތުއަޑުކިޔާފައެވެ.

ހާމަ ކުރާން ބުނި އެގްރިމަންޓްތައް ބޮޑު ފޮއްޓަށްލާ ސިއްރު ކުރަނީއެވެ. ބަދަލު ދިނުމުގެ އުސޫލު އޮވާލާ މިލިއަނުން ގާސިމު މެނަށް ބަދަލު ދެނީއެވެ. ސިފައިނާއި ފުލުހުންނާއި ފަނޑިޔާރުންގެ މުސާރަ ބޮޑުކުރުން އޮތީ އިބިލީހު ކައިވެންޏަށް ވެފައެވެ. އަންހެނުން ބާރުކުރުވަން ވެގެން މަޖިލީހަށް ވާދަކުރަން ޓިކެޓް ދިނީ ދެ އަންހެނުންނަށެވެ. މިހެން ކިޔާ ކޮޅުން ލާކަށް ނެތެވެ. އެންމެ ފަހުން ވެރިކަމަށް ފަސްމަސް ނުވަނީސް ބައިގެންދާން ތައްޔާރުވަނީއެވެ. ގައުމު ބަޑަށް ޖެހުމުގެ ރަގަބީލުގެ އަޑުން ގުގުމަނީއެވެ.  

ހަމަތެދެކެވެ. މުއިއްޒު ވެރިކަމަށް ގެންނަން ވޯޓުދިން ގިނަ މީހުން ތިބީ ވޯޓު ދެވުނު މޮޔަ ހީވެފައެވެ. އުންމީދުކުރި އެއްކަމެއްވެސް ނުވާތީއެވެ. ހެދިހާ ދޮގު ގަބޫލު ކުރެވިގެން ވޯޓު ދެވުނީތީ ހިތާމަކުރާ މީހުން މަދެއް ނޫނެވެ. ގެނެވުނު ބަދަލާމެދު ގިނަ ރައްޔިތުންގެ މާޔޫސްކަން އިންތިހާއެވެ. ކޮންމެހެނެއް ވިޔަސް ދޮގާވަގާ މަކަރުން މުއިއްޒު ވަނީ ވެރިކަން ހޯދާފައެވެ. ކުރިއަށް އޮތީ ދުވަސްނުފުރާ ބައިގެންދިޔުމެވެ.