ކޮންޓްރެކްޓްގައި ބާކީ 5 އަހަރު: 200 ދަރިވަރުން ކޮށްލީ މަގުމަތި!
ގައުމީ ޔުނިވާސިޓީ ވެސް ސަރުކާރުން ޖަހާ ކޮންމެ ބެރަކަށް ނަށަނީ!
ސްކޫލް އޮފް މެޑިސިންގެ 200 ދަރިވަރުން ކުއްލިގޮތަކަށް އައިޖީއެމްއެޗްގެ ދަރުމަވަންތަ ހޮސްޕިޓަލުން ނުކުތުމަށް އެންގުމާއެކު މީސްމީޑިއާގައި ހުޅުރޯވަމުން ދިޔުމާއެކު ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ނެރުނީ ބަޔާނެކެވެ. ބުނެފައިވަނީ މެޑިކަލް ސްކޫލު ދަރުމަވަންތަ ހޮސްޕިޓަލުގައި 2018 ވަނަ އަހަރު ޤާއިމުކުރީ ވަގުތީ ގޮތުން ކަމަށެވެ.
ހަމައެއާއެކު، މި ގެނެެވޭ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުންދެވޭ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނޭގޮތަށް އެ އިންތިޒާމް ޔުނިވަރސިޓީގައި ޤާއިމު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް މި ނޫސްބަޔާނުގައިވާއިރު، ސުވާލަކީ ޖާގައިގެ ދަތިކަމާއި މިހާރުވެސް ކުރިމަތިލާން ޖެހިފައިވާ އެމްއެންޔޫގައި މި ކުދިންގެ ކިޔެވުން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވިދާނެތޯއެވެ.
ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން މެޑިކަލް ސްކޫލްގެ ދަރިވަރުންގެ ކިޔެވުން އެމްއެންޔޫ އަށް ބަދަލު ކުރުމާއި ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސް ބަޔާނުަގައި މި ބަދަލުގެ ސީދާ އަދި ނުސީދާ އަސަރު 1000 ދަރިވަރުންގެ ކިޔެވުމަށް ކުރާނެ ކަމަށް ބުނެފައިވެއެވެ.
މި ސަރުކާރު އައީ ދަރިވަރުންގެ ކިޔެވުމަށް ހެޔޮ ބަދަލުތަކެއް ގެނެސް ތައުލީމީ ނިޒާމް ހަރުދަނާ ކުރާނެ ކަމުގެ ވައުދުތަކާއި ހުވަފެންތައް ދައްކައިގެންނެވެ. އެހެންވީއިރު، ސަރުކާރުން ދަރިވަރުންގެ ކިޔެވުމަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށް ބުނެ ގެންނާނެ ކަމަށް ބުނި ހެޔޮ ބަދަލުތަކަކީ މިއީތޯ؟ ގެންނަން ވައުދުވި ހެޔޮ ބަދަލަކީ 7 ބެޗުގައި ޖުމްލަ 200 ދަރިވަރުން ކިޔަވަމުންދާ ސްކޫލް އޮފް މެޑިސިންގެ ކިޔެވުން ކުއްލި ގޮތަކަށް މަޑުޖައްސާލުމަކީ އެތައް ދަރިވަރުންނެއްގެ މުސްތަގްބަލާއި ކުޅެލުންތޯ މިއަދު އަހާލުން މަޖުބޫރެވެ.
ރާއްޖޭގައި ތިބެގެން ޑޮކްޓަރީކަން ކިޔެވުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް 2018 ވަނަ އަހަރު ސްކޫލް އޮފް މެޑިސިން ގާއިމް ކުރެވިގެން ދިޔައިރު، ސްކޫލް އޮފް މެޑިސިން ހިންގަން ޓީޗިން ހޮސްޕިޓަލެއް އެޅެންދެން އައިޖީއެމްއެޗާއި ގައުމީ ޔުނިވާސިޓީއާއި ދެމެދު ހެދިފައިވާ ކޮންޓްރެކްޓްގައި ބާކީ 5 އަހަރު އޮއްވައި ދަރިވަރުންގެ ނެރެ އެއްލާލީ މިހާރުވެސް އެއް ކްލާސް އެތެރޭގައި ނަގާނަމަ އަނެއް ކްލާސް ލޮބީގައި ނަގަންޖެހޭ ތަނަކަށެވެ.
ފަސް މަންޒަރު ބަލާލާއިރު ފެނިގެންދަނީ ސިޔާސީ ކުޅިވަރުގައި ޖެހިގެން ދަރިވަރުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ބަދަލުގައި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ ވެސް ސަރުކާރުން ޖަހާ ކޮންމެ ބެރަކަށް ނަށާތަނެވެ.