މޫނަކަށް ކަނދުރާއަކަށް މުއިއްޒު މިހާރަކު ބަލާނެ ކަމެއްނެތް
މާ އަނގަ ގަދަކުރާ ބަޔަކުނަމަ ވަޒީފާތަކާއި ފައިސާ ބޮޑިތަކުން އަނގައިގާ މަލަންއަޅާ
ރައީސް މުއިއްޒަށް ތިޔަ އޮތީ ސަރުކާރާ މަޖިލިސް ލިބިފައެވެ. މޫނަކަށް ކަނދުރާއަކަށް ބަލާނެ ކަމެއް ނެތެވެ. ހިތުހުރި ކަމެއް ހިތުހުރި ގޮތަކަށް ކޮށްލާށެވެ. ހުއްޓުވާނެ މީހެއް ހުއްޓުވާނެ ތަނެއް ނުހުންނާނެއެވެ. މީހަކު ކިޔާ އެއްޗަކަށް ބަލާނެ ކަމެއް ނެތެވެ. ފޮޓޮއެކޭ ހުސްގޮނޑިއޭ އަދުރޭއޭ ކިޔާ ބަޔަކު ކިޔަކިޔާ ތިބެދާނެއެވެ.
ދޭނެ ބަޔަކަށް ދޭނެ އެއްޗެއް ދީގެން ރަސްމާލެ ހިއްކާނެ ވަރަކަށް ހިއްކަންވީއެވެ. ރާޖޫއަށް ދޭނެވަރަކަށް ބިން ދީގެން ހިއްކާނެ ވަރަކަށް ހިއްކާށެވެ. ކުރިން ދީގެން އުޅޭ ގޯތިތައް ބޭނުން ތާކަށް ބަދަލުކޮށް އަތުލާނެ ބަޔަކު އަތުން އަތުލާ، ދޭނެ ބަޔަކަށް ދޭށެވެ. މުއިއްޒު ބޭނުން މީހަކަށް ބޭނުން ވަރަކަށް ގޯއްޗާއި ފްލެޓް ދޫކުރަންވީއެވެ. ގޯއްޗާއި ފްލެޓް ބޭނުމިއްޔާ ޖެހޭނީ ބުނިއެއްޗެއް ހަދައިގެން ތިބޭށެވެ.
އަޅާނެ ދިގުމިނެއްގާ އަޅާނެ ވަރަކަށް ބިއްލޫރި ޓަނަލް އަޅަންވީއެވެ. ނާޅާ މަޑެއް ކުރާނެ ކަމެއް ނެތެވެ. ދުނިޔޭގައި ޓެކްނޮލޮޖީއާއި ވަސީލަތާ ފައިސާ އެބަހުއްޓެވެ. ވަންހަ ދިލަކޮޅަށް މުޅިގައުމު ދެރިޔަސް ވަރިހަމަތާއެވެ. ދައްކަން އުޅެން ޖެހޭނީ ފަހުން އަންނަ ބަޔަކަށްތާއެވެ. ކަން އޮންނާނީ ނިމިފައެވެ.
ކޮންމެ ދެމަފިރިއަކަށް އެއަރޕޯޓެއްވެސް އަޅަންވީއެވެ. އެއަރޕޯޓެއް ނާޅާ އެއްތަނެއްވެސް ބާއްވާނެ ކަމެއް ނެތެވެ. ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ހަދަންފަށާފައިވާ ބަދަރުތަކާއި އަޅަން ފަށާފައިވާ ފެނާ ނަރުދަމާގެ މަސައްކަތް ކުރާނެ ކަމެއް ނެތެވެ. ކޮއްޅިކޮއްޅިއަށް ރަށްރަށުގައި ތިބީހާ މީހުން އުފުރާލައިގެން ގެންގޮސް ސިޓީތަކަށް އަޅާލާށެވެ. އައްޑޫގައި ނޫނަސް ހުރިހާ ސިޓީތައް ވަރުވަރުގެ ބްރިޖުން ގުޅާލާށެވެ. އެޔެއް މިޔެއް ބަލާނެކަމެއް ނެތެވެ.
ފަޅުކުރަން ބޭނުން ރަށެއް ފަޅުކޮށް ވިއްކަންވީ ތަނެއް ވިއްކާ ބޭނުންހާ ބަޔަކަށް ދީގެން ހިންގާނެ މަޝްރޫއެއް ހިންގަންވީއެވެ. ބަންކަރިންނެއް ޕޯރޓެއް ޑައިރީ ފާރމެއް ފޫޑް ސެކިއުރިޓީ ފާމެއް ބަލާނެ ކަމެއް ނެތެވެ. އެވަރަށް ރައްޔިތުން ތިޔަ އޮތީ ބާރުދީފައެވެ. ރަށްރަށް ހުސްކޮށް ކުރާނެކަމެއް ކުރާށެވެ.
މާ އަނގަ ގަދަކުރާ ބަޔަކުނަމަ ވަޒީފާތަކާއި ފައިސާ ބޮޑިތަކުން އަނގައިގާ މަލަން އަޅާށެވެ. އެވަރުން ނުވަންޏާ ޖަލުގެ ތޭރިތަކުގެ ފަހަތައް ފޮނުވާލާށެވެ. އިދިކޮޅު ސިޔާސީ ހަރަކާތް ނުހިންގޭ ވަރަށް އިދިކޮޅު ވާގި ނައްތާލާށެވެ. ތަފާތު ފިކުރު ފުހެލާށެވެ. ހިޔާލުފާޅުކުރުމާއި ނޫސްވެރިކަން ތައްމިނަށް އޮތް އޮަތުން ހަނިކޮށް އެއްވެ އުޅުން ހުއްޓުވާށެވެ. މަގުތައް އަމާން އޮމާން ކުރުމުގެ ނަމުގައި ކޮންމެ އެއްވުމަކަށް އަސޭމިރުސް ދުން ޖަހާ ތަޅާ ރޯނާ ގަންނަވާލާށެވެ. އެވަރުން ނުވަންޏާ ޖަލުން ހޮސްޕިޓަލުން ފައިތަޅާއަށް ޓިކެޓް ދޭށެވެ.
ކުރީ ސަރުކާރު ތަކުން ގެއްލުވާލާފައިވާ ކަމަށް ބުނާ ހުރިހާ ފައިސާތަކާ މުދާތައް ނުހޯދައެއްވެސް ނުވާނެއެވެ. ބަލަން އޮތީ އެފްޕީއައިޑީއާއި އެއަރމޯލްޑިވްސް އާއި އެމްއެމްޕީއާރުސީ މައްސަލަތައް އެކަންޏެއް ނޫނެވެ. ނޫމަޑިއެއް ބިގެއް ވިލާއެއް ދީބާޖާއެކޭ އެކަނި ކިޔާނެ ކަމެއް ނެތެވެ. ސިނަމާލެ ބްރިޖެއް ދަރުމަވަންތައެއް ރިންގް ރޯޑެއް ފޭސް ދޭކެއް ހިޔާޓަވަރެއް ވެންޓިލޭޓަރެއް ކަދުރުރުކެއް އާސަހަރާއެއް ދޫކުރާނެ ކަމެއްނެތެވެ.
ވެދިޔަހާ ތާނގައި ގެއްލިފައި ހުރިއްޔާ ހުރި މުދަލަކާ ފައިސާއެއް އަނބުރާ ހޯދާށެވެ. މައުމޫނެއް އިލްޔާސެއް ސަޓޯއެއް އަންބަރީއެއް ނަޝީދެއް ވަހީދެއް ޔާމީނެއް އަދީބެއް މުއިއްޒެއް ސޯލިހެއް ޝާހިދެއް ފައްޔާޒެއް ނުބަލާ ދައުލަތަށް މިހާރު އިންސާފު ހޯދާ ދެވޭނެއެވެ. ހިފާހައްޔަރު ކުރަންޖެހޭ ބަޔަކު ހައްޔަރުކޮށް ފޮޅާސާފު ކޮށްލައިގެން ވިޔަސް ވަރިހަމައެވެ.