ނަޝީދާ ގާސިމުގެ ރުހުން އިބޫއަށް މުހިއްމެއް ނޫން!

އަންނިއާއި ގާސިމް ވެރިކަން ނޫން ކަމެއް ބޭނުމެއް ނުވާނެ!

ނަޝީދާ ގާސިމުގެ ރުހުން އިބޫއަށް މުހިއްމެއް ނޫން!

ދިވެހި ރައްޔިތުންނަކީ އެއްވެސް ސިޔާސީ ލީޑަރަކު އަނބުރަން ގެންގުޅޭ ބުމަރެއް ކަމަށް ހީކޮށްގެން ނުވާނެއެވެ. ލީޑަރަކަށް ބަޔަކު ތާއީދުކޮށްގެން އުޅެނީ އެ ލީޑަރަކު ހަދާނެހާ އެއްޗެއް ހަދަން ރުހިގެނެއް ނޫނެވެ. ވެރިކަމުގެ މަސްތުގައި ހިފެހެއްޓި ހަމަލަމަ ދޫކޮށް ރޮނގު ހުރަސް ކުރާ ކޮންމެ ލީޑަރަކު ޖެހޭނީ ބަކީވެ އެހެރި ވާށެވެ. 

އެކަކުވެސް ހަކުޅި ކުރިއަށް ކުޅޭނަމޭ ހިތާ ރައްޔިތުން ގުނބޯ ހައްދާނެ ކަމެއް ނެތެވެ. ރައްޔިތުން މަޑުމަޑުން ބަސް އަހައިގެން ތިބުމަކީ ކަމެއް ވަކި ގޮތަކަށް ނުވާނެކަމަށް ބަލަން އޮތް މިންގަނޑެއް ނޫނެވެ. ރައްޔިތުން އިތުބާރުކޮށް ބަރުދިނީމާ އަމިއްލަ ރާޒުވާ ގޭމަކަށް ގައުމު ހެދިދާނެ ކަމަށް އެކަކުވެސް ހީކޮށްގެން ނުވާނެއެވެ.

އަންނިއަށް ރާއްޖޭގެ ވެރިކަން ރައްޔިތުން ހަވާލުކުރީ ޑރ. ވަހީދު  ގޮވައިގެން ވެރިކަން ކުރުމަށެވެ. އެހެނެއް ކަމަކު ދުވަހެއް ދުވަހަކަށް އަންނިއަށް އަންނި އޮޅި ފާލުން ނެއްޓުމުން ބަގަވީ ހަރަކާތަކުން ޑރ. ވަހީދަށް ވެރިކަން ފޮޅާލިއެވެ. 

ޔާމީނަށް ވެރިކަން ހޯދަދިނީ މައުމޫނު ކަމަށްވެގެން މައުމޫނުގެ މުށުތެރެއަށް ޔާމީނު ލައިގެން އުޅެން މައުމޫނު ލައްކަ ހިތްވަރު ކުރިއެވެ. އެންމެ ފަހުން ޔާމީނަށް ޖެހުނީ ހަށިފޮޅާލާ މައުމޫނު ފައްސާ ނަގާލާށެވެ. ރައީސްކަން ކުރަން މައުމޫނާ ހެދި އުދަނގޫ ވެެގެންނެވެ. ޕާޓީގެ ބާރުތައް މައުމޫނު އަތުން އެކީއެކަށް ނިގުޅައިގަނެ ޔާމީނުގެ ކޮންޓްރޯލުގެ ދަށަށް ޕަޓީގެނައީ އެހެން ގޮތެއް ނެތިގެނެވެ. 

އުކުޅަހު ކޮންގްރަހުން އެމްޑީޕީ ރިޔާސީ ޓިކެޓް އިބޫއަށް ދިނީ އަންނިއަށް ވާދަކުރެވެން ނެތުމުންނެވެ. އެހެން ކަމުން އިބޫ ވެރިކަމަށް ގެނެސް ދިނީ އަންނި ކަމަށްވެ އަންނިގެ ގޮނޑި ކޮއްކޮ އަކަށް އިބޫ ހަދަން އެކި ގޮތްގޮތަށް މަސައްކަތްކޮށް ބޮޑު ތަނުން އަންނިގެ ހަގީގީ ސިފަ ފާޅުވެ ބާކީވީއެވެ. ވެރިކަން ކުރާ މައިޕާޓީގެ ރައީސް ކަމުގައި ހުރެގެން ވެރިކަމާ ދެކޮޅުވެ އިދިކޮޅަށް ވުރެ އިދިކޮޅުވެގެން ޕާޓީ ބައިބައިކޮށް ފުޑާލަނީއެވެ. 

ޕާޓީގެ މަސްލަހަތު އިސްކުރުމުގެ ގޮތުން އެޅެން ހުރި އެތައް ފިޔަވަޅެއް ނާޅާ ރައީސް ސޯލިހު ހުންނެވުމުގެ ނަތީޖާއެއް ގޮތުން ސަރުކާރު ހޫނު ފެނަށް ވެއްޓެނީ މަދެއްކޮށް ނޫނެވެ. ވަފާތެރިކަމާއި އިހުލާސްތެރި ކަމާއެކު ޕާޓީއާއި ސަރުކާރު ދިފާއު ކުރުމުގައި އަވަދިނެތި އުޅޭ އާއްމު މެންބަރުން މާޔޫސްވެ ހަރަކާތް ހުއްޓޭ ވަރަށް މަސްލަހަތު އިސްކުރުމުގެ ނަމުގައި ނަޝީދާ ބަގުޑި ބައްދަން ގިނަ މީހުން ބޭނުމެއް ނޫނެވެ. 

މަޖިލީހުގެ ރިޔާސަތުގައި ނަޝީދާއި އީވާ ބައިތިއްބައިގެން ސަރުކާރު ބަރަހަނާކޮށް ވީދާ ކުދިކުރަން ދީގެން ތިބޭކަށް ގިނަ މީހުން ބޭނުމެއް ނޫނެވެ. ވުޖޫދުގައި ނެތް އެތައް މައްސަލައެއް އުފައްދައިގެން ދައުލަތް ގަޑުބަޑު ކުރަން އަންނިއަށް އިނާޔަތާ ރައްކާތެރިކަން ދީގެން ތިބޭކަށް ރައްޔިތުން ބޭނުމެއް ނޫނެވެ. ދެ ފުށުން ފިރުމާ ޗޯކުޖަހާ ރަން އިލޮށިން ކަދުރު ކާން ދިނަސް އަންނިއަށް ވެރިކަން ނުލިބެންޏާ އަންނި ހިފަހައްޓާނެ މަސްލަހަތެއް ރައީސް ސޯލިހަށް އަންނި ދޭނެ ވޯޓެއް ހޯދާ ދޭނެ ވޯޓެއް ނުއޮންނާނެއެވެ. 

ގާސިމާ އަންނިއާ މަޝްވަރާ ކޮށްގެން ރައްޔިތުންނަށް ހޯދާދެވޭނެ މޮޅެއް ރައީސް ސޯލިހަކަށް ވެސް މިހާރަކު ނުއޮންނާނެއެވެ. ދެވަނަ ދައުރު ބޭނުން ނަމަ ރައީސް ސޯލިހު ވެސް ކުރަން ޖެހޭ ކަމަކީ ރައީސް ނަޝީދާ ގާސިމާ ފޭވުމެވެ. އެ މީހުން ދުކޮށްލާ ރައްޔިތު މީހައާއި ވީހާވެސް ކައިރިވުމެވެ. ވީހާ ބޮޑަކަށް ރައްޔިތުންނަށް ކަންކަން ލުއިކޮށް ދިނުމެވެ. ފަސޭހަ ކޮށްދިނުމެވެ. ގިނަ ބަޔަކަށް ފާހަގަ ކުރެވޭވަރުގެ ބޮޑެތި ލުއިތަކެއް ވީހާވެސް އަވަހަކަށް ހޯދާދިނުމެވެ. އުސޫލަށް ގެންނަ ކުޑަކުޑަ ބަދަލަކުން އެތައްބަޔެއްގެ ދިރިއުޅުމަށް ބޮޑެތި ހެޔޮ ބަދަލު އަންނާނެ އެތައް ކަމެއް މާބޮޑު ހަރަދަކާ ނުލާވެސް ކޮއްލެވެން އެބަހުއްޓެވެ. ނަޝީދާ ގާސިމުގެ ރުހުން ހޯދަން އުޅުމަށް ވުރެ އެކަންކަން ކުރުން މާ ރަނގަޅުވާނެއެވެ.

ނަޝީދާއި ގާސިމްގެ ފުށުން ލިބޭނެ މޮޅެއް ރަނގަޅެއް ނުއޮންނާނެއެވެ. އެމީހުން ކުރާ ދުއްޕާނަކަށް ކުޑަވެސް ލުޔެއްް ދުލެއް ނުދޭނެއެވެ. އެއްޔަކީ ވެރިކަން ނޫން ކަމެއް ބޭނުންވާ ބައެއް ނޫނެވެ.