މުއިއްޒުގެ އަސްލުސޫރަ ފެންނާނީ ރަނގަޅަށް އާރާބާރު ލިބުމުން
ރައްޔިތުންގެ ހައްގު އޮންނަނީ އާރާބާރު ލިބެންދެން
ޖަންވާރުންގެ ޖަންގައްޔެއްގައި ވެރިކަން ކުރާނީ އެ ޖައްގަލީގައި އޮންނަ އެންމެ ޖައްބާރު އެންމެ ގަދަފަދަ އެންމެ ހުޝިޔާރު ޖަނަވާރެކެވެ. ކަނޑު ގައިވެސް އޮންނަނީ އެހަމައެވެ. ބޮޑުމަސް ކުޑަމަސް ކާލާ އުސޫލެވެ. އިންސާނުންނާއި މަސްމަހާ މެއްސާއި ޖަނަވާރުންނާ ތަފާތު ވަނީ އިންސާނުނަށް ބުއްދި ދެއްވިޔަތީއެވެ. ދެއްވި ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި އިންސާނުން ނުހިފައިފިނަމަ އިންސާނެކޭ ޖަނަވާރެކޭ ތަފާތެއް ނޯވެއެވެ.
މާތް ކަލާނގެ އިންސާނުނަށް ކަންކަން މަތި ކުރައްވަނީ އިމްތިހާނެއްގެ ގޮތުގައެވެ. އެކަކަށްވެސް ތަދުބީރުގެ އަތަކުން ތަގުދީރެއް ނުކުރެހެއެވެ. ކުފުރުގެ މައްޗަށް ކުފުރުވެ އުޑުން ވާރޭ ވެއްސަންދެން ވެސް އާރާބާރުގައި ފިރުއައުނު ލެހެއްޓެވީ ފިރުއައުނުގެ މޮޅުކަމަކުން ނޫނެވެ. ނިކަމެތި ކުރެއްވުމުގެ ވަގުތު ޖެހުމުން އަމިއްލައަށް ކަނޑަށް އެރި ފިރުއައުނު ގަރަގުވީއެވެ. ނަމުރޫދު އަލިފާނުން މީހުނަށް އަދަބުދީ ބާރުދައްކާ އުޅެނިކޮށް ނެތިކުރައްވަން ފާކުރެއްވީ މަދިރިއެކެވެ.
ލިބޭ ކޮންމެ އާރާ ބާރަކީ ނަސްރަކަށް ނުވެދާނެއެވެ. ބައެއްގައި ހުރި މުނާފުކަމާއި ޖައްބާރުކަމާއި ހިޔާނާތްތެރިކަން ފާޅުވެ އަސްލު ސޫރަ ފެންނާނީ އާރާ ބާރު ލިބިގެންނެވެ. އަރާ ބާރު ލިބުމުގެ ކުރީން ނުރަގަޅުވި ހުރިހާ ކަމެއް އާރާބާރު ލިބުމަށްފަހު ރަނގަޅުވެ ކިހާޅެން ފަރިއްސަށް ވުމަކީ އޭގެ މިސާލެކެވެ. ރައްޔިތުންނާ ރައްޔިތުންގެ ހައްގު އޮންނަނީ އާރާބާރު ލިބެންދެނެވެ.
މުއިއްޒު ވެރިކަމަށް އަންނަން އުޅުނު އިރު ރާއްޖޭގައި ރަނގަޅަށް ހިނގާ އެއްކަމެއް އޮތް ކަމަކަށް ނުވެއެވެ. ބޭރުގައުމެއްގެ އަޅުވެތިކަމަށް ވެއްޓިގެން އިންޑިއާ ސިފައިންގެ ފައުޖުތައް ގިނަކަމުން ފިޔަވަޅު އެޅޭކަށް އޮތް ކަމަކަށް ނުވެއެވެ. މީހުނަށް ސަރުކާރުންދޭ ވަޒީފާގެ ގިނަކަމުން މަތި ބަރުވެގެން ހީވީ ބޮލަށް އުޑުވެއްޓެނީ ހެންނެވެ. ދަރަނި ބޮޑުވެގެން ބަނގުރޫޓްވެ މީހުންގަޑު ހީވީ ބަނޑަށް މަރުވެދާނެހެންނެވެ. މަސްވެރިން ބާނާ މަސް ނުކިރިގެންނާއި އައިސްނުލިބިގެނާއި ބާނާ މަހަށް ފައިސާ ނުލިބިގެން ސަރުކާރު އޮތީ ތިންކިޔޫ ސަރުކާރަކަށް ހަދާފައެވެ. މަޖިލީހުގައި ސްޕަރމެޖޯރިޓީ ސަރުކާރަށް އޮވެގެން ރައްޔިތުންގެ އަޑު ކެނޑިގެން އުޅުނު އިރުހީވީ ވައިމައްޗަށް އަރުވާފާ އޮތް ރާރާގުޑި ތަކެއްހެނެވެ.
ވެރިކަން ލިބުމާއެކު އެކީ އެކައްޗަކަށް ލަވަ ބަދަލުވެއްޖެއެވެ. ކޮންމެ ކަމެއް އިހުނަށްވުރެ ވީބޮޑެވެ. ދަރަނިވެރި ދައުލަތަކަށް ނުވިއެވެ. ސަރުކާރުގެ މަތިބަރު ކަމަކަށް ނުވިއެވެ. މަޖިލީހުގެ 90 ޕަސެންޓް ސަރުކާރަށް ލިބުނަސް ހިތްފުރުނު ކަމަކަށް ނުވިއެވެ. ފާރަވެރިވާނެ ލޮލެއް ހުރިއްޔާ ކޮށްލަނީ ކަނެވެ. ކަންފަތެއް ހުރިއްޔާ ކޮށްލަނީ ބަކެވެ. ބަސްބުނާނެ އަނގައެއް ވިއްޔާ ލަނީ ބައްދައެވެ.
މުޅި ދައުލަތް އަތަށް ކަހާލައިގެން ނޫނީ ވެރިކަން ކުރެވޭ ކަމަކަށް ނުވެއެވެ. ތިރީހަކަށް އަހަރަށް ވެރިކަން ކުރަން ފައިނަގައިގެން އަރުވާ ހަވާ މައްޗަށްއަރާ ގޮވުމަށްފަހު ފަޅި ސިކުތަކުން އަލިކަން ކެނޑޭކަން އެނގޭ އިރު ޖައްވަށް ބުރައިގެންދާ އަޅިކޮޅުވެސް ނުފެންނާނެއެވެ.