ޑރ. ޝަހީމް ތިން ފަށްވުން
ޑރ. ޝަހީމަކީ ބޮޑު ފޭލިޔަރެއް ނޫން ކަމަކަށް ނުވާނެ.
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މިސްރާބު ހުރީ ސިޔާސީ ތިންފަށްވުމާ ދިމާލަށެވެ. ޑރ. ޝަހީމަކީ ދީނީ މައުލޫމާތު މުއްސަދި ދީނުގެ ނަމުގައި ހައްދު ފަހަނަ އެޅުމާ ދެކޮޅު އިލްމީ ބޭފުޅެކެވެ. އިސްލާމް ދީނުގެ ސައްހަ އަގީދާ ފެތުރުއްވުމަށާއި އިސްލާމީ އިލްމު ފެތުރިއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ފަރުދީ ގޮތުން ކުރައްވާ ބޭފުޅެއްގެ ގޮތުގައި ޑރ. ޝަހީމް ފާހަގަ ކުރެވެއެވެ. ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއަށް އިންގިލާބީ ބަދަލެއް ގެނެސް ދެއްވި ބޭފުޅެއް ކަމުގައި ބެލެވެއެވެ.
އެހެން ނަމަވެސް ސިޔާސީ ގޮތުން ޑރ. ޝަހީމަކީ މާ ކާމިޔާބު ބޭފުޅެއްނޫނެވެ. އައު ގާނޫނު އަސާސީގެ ދަށުން 2008ގައި ގިނަ ޕާޓީ ވާދަކުރެވިގެން އުފެދުނު ފުރަތަމަ ސަރުކާރު ވައްޓާލުމަށް ފަހު އުފެއްދި ބަގަވީ ސަރުކާރުގެ ވަޒީރުންގެތެރެއިން ޑރ. ޝަހީމް ފެނިގެން ދިޔައެވެ. ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސަރުކާރުގައި ޑރ. ޝަހީމް އަދާކުރެއްވީ އިސްލަމިކް މިނިސްޓަރު ކަމެވެ. ޑރ. ވަހީދުގެ ބައި ސަރުކާރުގައި އިސްލާމިކް މިނިސްޓަރގެ ހައިސިއްޔަތުން އާދަޔާ ހިލާފު ކާމިޔާބު މަސައްކަތްފުޅެއް ޑރ. ޝަހީމަކަށް ކުރެއްވުނު ތަނެއް ނުފެނުނެވެ.
2013 ގައި އުފެދުނު ރައީސް ޔާމީނު ސަރުކާރުގެ އިސްލަމް މިނިސްޓަރުކަން ފުރަތަމަ ކުރެއްވީ ޑރ. ޝަހީމެވެ. މަގާމުން ވަކިވެ ގަޑައިގަތުމާ ހަމަޔަށް އިސްލަމިކް މިނިސްޓަރުގެ ހައިސިއްޔަތުން ކުރެއްވުނު މާބޮޑުކަމެއް އެ ސަރުކާރުގައިވެސް ޑރ. ޝަހީމަކަށް ނެތެވެ.
ދެފަހަރު މަތީން ނަމުން ދެ ސަރުކާރެއްގައި އިސްލަމިކް މިނިސްޓަރުކަން ޑރ. ޝަހީމް ރާއްޖޭގައި ކުރައްވައިފިއެވެ. ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރޭގައި ބޮއްސުންލާފައި ހުރި އިސްލާމީ އުސޫލުތައް އިޔާދަކޮށް ނަގަހައްޓާ ދަމަހައްޓަން އެ ދެފަހަރުވެސް ކުރެއްވުނު ކަމެއްނެތެވެ. ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރޭގައި ހުރި އިސްލާމީ ޝަރީއަތާ ހިލާފުކަންކަން ފާހަގަކޮށް އެކަން ކަން އިސްލާހު ކުރުމަށް ކުރެއްވި މަސައްކަތެއް އަދި ކުރެއްވި މަސައްކަތުން އައި ހެޔޮ ބަދަލެއް ފެންނާކަށް ނެތެވެ.
ކުޑަމިނުން ޝަރީއަތް މެދުވެރިކޮށް ނެގެވޭ ރިބާ ނެގުން ހުއްޓުވާ ނުލެއްވުނެވެ. އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި އިސްލާމު ދީނުގެ ނަމުގައި ހައްދުފަހަނަ އެޅުން ނުހުއްޓުވުނުތާ އެކަމަށް ހުރި ފުރުސަތުތައް ކުޑަކުރުމަށް ކުރެއްވުނު ކަމެއް ނެތެވެ. ނިޒާމީ ތައުލީމުގެ ތެރޭގައި އިސްލާމީ އަގީދާ އަށަގަންނުވާ މުޅި ތައުލީމީ ނިޒާމަކީ އިސްލާމް ދީނުގެ އޮނިގަނޑު ތެރެއަށް ފެތިފައިވާ ނިޒާމަކަށް ހެއްދެވުމަށް ކުރެއްވުނު ކަމެއްނެތެވެ. ދިވެހި ވަޒީފާގެ މާހައުލަކީ އިސްލާމީ ވެއްޓަކަށް ބަދަލުކޮށެއް ނުލެއްވުނެވެ. އެކި ނަންނަމުގައި ހިންގާ ހޭލުންތެރިކުރުވުމުގެ ހުރިހާ ޕްރޮގްރާމް ތަކުގައި އިސްލާމީ ސަގާފަތާ ބީރައްޓެހި ކުރުވާ ޒާތުގެ އެއްވެސް ވިސްނުމެއް ނުވަތަ ކޮންޓެއްޓެއް ހިމެނިފައިވޭތޯ ބަލާލެވޭނެ މެކެނިޒަމެއް ކުޑަމިނުން ގާއިމުކޮށް ނުލެއްވުނެވެ.
ގާނޫނާއި ގަވައިދު ހެދުމުގައި އިސްލާމީ ޝަރީއަތާ ދުރު މަފްހޫމުތައް ނުހިމެނޭނެހެން ގާނޫނާއި ގަވައިދުތައް ހަދާ ފާސްކޮށް ތަންފީޒު ކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަމެއް ނުކުރެއްވުނެވެ. ދައުލަތާ ސަރުކާރުން ކުރާ ކޮންމެ ކަމަކީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ހިންގޭ ކަންތައްތަކެއް ކަން ކަށަވަރު ކުރެވޭނެ ގޮތެއް ނުހެއްދެވުނެވެ.
މިސްކިތް ތަކުގައި ވަގުތައް ބަންގި ގޮއްވާ ހުތުބާލިޔެ ޒަކާތްނަގާ ހައްޖު ކޯޕަރޭޝަން ހިންގުމަކުން އިސްލަމިކް މިނިސްޓަރެއްގެ ވާޖިބު އަދާކުރެވުނު ކަމަކަށް ނުވާނެއެވެ. އަނެއްކާވެސް މި ނޮވެންބަރު މަހު ސަތާރައިގައި ޑރ. މުއިއްޒު އުފައްދަވާ ސަރުކާރުގެ އިސްލަމިކް މިނިސްޓަރު ކަމަށް ޑރ. ޝަހީމް އިސް ކުރައްވައިފިނަމަ އިސްލާމިކް މިނިސްޓަރުކަމަށް ޑރ. ޝަހީމް ވާނީ ތިންފަށެވެ. މަގާމުގައި އެކަށީގެންވާ ނަތީޖާއެއް ނެރެނުދެއްވި ފަށް ކަނޑުއްވަން ޖެހުން ނޫން ކަމެއް އިސްލަމިކް މިނިސްޓަރު ކަމުގައި ޑރ. ޝަހީމަށް ދެންވެސް ނުކުރެއްވޭނެއެވެ. ހަގީގަތަކީ އިސްލަމިކް މިނިސްޓަރު ކަމުގައި ޑރ. ޝަހީމަކީ ބޮޑު ފޭލިޔަރެކެވެ.