މުއިއްޒަށް ސަލާމަތެއް ނެތް
ވަގުތު ފާއިތު ވުމުގެ ކުރިން ވިސްނާ
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ވެރިކަމަށް އަތުވެއްޖެ ނަމަ ހެޔޮވެރިކަމެއްގެ ކުލަވެސް ނުފެންނާނެއެވެ. އަމާންކަން ގެއްލި ވެރިކަން ދިފާއު ކުރުން ނޫން ކަމެއް ފުރަތަމަ ދުވަހުއްސުރެ ކުރައްވާކަށް މުއިއްޒަކަށް ނުއޮންނާނެއެވެ. ސަބަބުތައް ބައިވަރެވެ. ގަބޫލުކުރެވުނަސް ނުކުރެވުނަސް ހަގީގަތަކީ މިއެވެ. ކުރެވުނު މޮޔަކަމާ ހެދި ފަހުން ރޮއެ ހޭރުނަސް ކުރެވޭނެ ކަމެއް އެއިރަކުން ނުއޮންނާނެއެވެ. ވަގުތު ފާއިތު ވުމުގެ ކުރިން ވިސްނާށެވެ.
ރިޔާސީ ކެންޕޭނުން އެކަނި ވެސް އެކަން ސާބިތު ވެއެވެ. ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ވިއްކަވަނީ އަމިއްލަ ފޮޓޯފުޅެއް ނޫނެވެ. ރައީސް ޔާމީނުގެ ފޮޓޯއެވެ. ބޭނުން ކުރައްވަނީ ޕީޕީއެމްގެ ކުލައެވެ. ވޯޓުދޭން ތިބީ ރައީސް ޔާމީނުގެ ސަޕޯޓަރުންނެވެ. އެހެން ކަމުން މުއިއްޒަށް ލިބިވަޑައިގަންނަވަނީ ރައީސް ޔާމީނު މިނިވަން ކުރުމަށް ލިބޭ ވޯޓެވެ. މުއިއްޒުގެ ފުރަތަމަ ކަމަކަށް ވާނީ ރައީސް ޔާމީނު މިނިވަން ކުރެއްވުމެވެ. ރައީސް ޔާމީނު މިނިވަން ނުވެ ލަސްވާ ކޮންމެ ދުވަހަކީ މުއިއްޒަށް ވާނީ އިންތިހާއަށް އުނދަގޫ ދުވަހަކަށެވެ.
ރައީސް ޔާމީނު މިނިވަންވެ ވަޑައިގެންފިނަމަ އެޖެހެނީ އަނެއް ކަންތަކެވެ. މުއިއްޒު ސަރުކާރު ހިންގަން ޖެހޭނީ ރައީސް ޔާމީނު ވިދާޅުވާ ގޮތަކަށެވެ. މުއިއްޒު ވެގެންދާނީ އެލުވާފާ ހުންނަ ޗާނދަލިޔާ އަކަށެވެ. އިހުތިޔާރެއް އާރެއް ބާރެއް ނުއޮންނާނެއެވެ. ވެވަޑައިގެން ވައުދުތައް ވެސް ދާނީ ދަލު ފުލުންނެވެ. ރައީސަށް ވީތީ ޔާމީނުގެ ބަސް ކަވާލާ މުއިއްޒު ބޭނުންފުޅުވާ ގޮތަކަށް ދައުލަތް ހިންގުމަށް ދިމާކުރައްވައިފި ނަމަ އެދެން ކަންތަކާ ޖެހުނީއެވެ. މުޅި ގައުމުގައި މަރުތަޅު އެޅޭނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލު އޮންނާނީ އިދިކޮޅަށާއި ޔާމީނަށެވެ. އެމްޑީޕީ ބައިބައިވެގެން ނިކުތް ނަތީޖާއަށްވުރެ ހިތި ނަތީޖާ ވެރިކަމުގެ ކުރީކޮޅު މުއިއްޒަށް ތަހައްމަލު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.
އަންނަ އަހަރު ރައްޔިތުންގެ މަޖިލިސް އިންތިހާބު ކުރެވެންދެން މަޖިލީހުގެ ކޮންޓްރޯލު އޮންނާނީ އިދިކޮޅުގައެވެ. މަޖިލީހުގެ އެއްބާރުލުން ވެރިކަން ހިންގުމަކަށް ނުލިބޭނެއެވެ. މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ސަރުކާރާއި އެއްކޮޅަށް އަނބުރާލަން ބޮޑު ގުރުބަނީއެއް ސަރުކާރުން ވާން ޖެހޭނެއެވެ. ވެރިކަމުގެ އެހާ ކުރީކޮޅު އިދިކޮޅުގައި އޮތް މަޖިލީހެއްގެ ކޮންޓްރޯލު ސަރުކާރަށް ހޯދުމަކީ ވުމަށްވުރެ ނުވުން ކައިރި ކަމެކެވެ. ނަތީޖާއެއްގެ ގޮތުން މަޖިލީހާއި ޖުޑިޝަރީއާއި މިނިވަން މުއައްސަސާތަކުގެ އެއްބާރުލުން ސަރުކާރަށް ލިބުމުގެ ފުރުސަތު ވަރަށް ކުޑައެވެ.
ދެން އޮތީ އިދިކޮޅެވެ. އެމްޑީޕީގެ ބިޔަ ބޮޑު ލަޝްކަރު އޮންނާނީ މަގުމަތީގައެވެ. ދަ ޑިމޮކްރެޓްސް ވެސް އޮންނާނީ މަގުމަތީގައެވެ. ޕީޕީއެމްގެ ސަޕޯޓަރުންގެ ތެރެއިން ޔާމީނުގެ ވަފާތެރިންވެސް ތިބޭނީ މަގުމަތީގައެވެ. ވަށައިގެން މުއިއްޒު ސަރުކާރަށް އޮންނާނީ ޕްރެޝަރެވެ. ޕްރެޝަރ މެނޭޖުކޮށް ރައްޔިތުންނަށް ހިދުމަތެއް ދޭނެ އަވައްޖެއް މުއިއްޒު ސަރުކާރަކަށް ނުވާނެއެވެ.
ޑރ. މުއިއްޒު ވެރިކަމަށް އަތުވެއްޖެނަމަ ރާއްޖޭގެ ފަސްމަންޒަރު މިނޫން ގޮތަކަށް ކުރެހިގެން ދަނީ މުއުޖިޒާތަކުންނެވެ. ހިދުމަތްތައް ހުއްޓި ތަޅާފޮޅުމާއި ނާމާންކަމާ ބިރުވެރިކަން ނޫން އެހެން ކަމެއް ނުއޮންނާނެކަން ކަށަވަރެވެ. ރާއްޖޭގެ ހަމަ ޖެހުމާ ތަރއްގީއަށްޓަކާ ޑރ. މުއިއްޒަކީ ޗޮއިސްއަކަށް ނުވަނީ އެހެންވެއެވެ.