އާޒިމާއަށް މާލޭ މޭޔަރުކަން ދޭން ނުޖެހޭ ސަބަބުތައް މިހުރީ..

އާޒިމާ ނޫނީ އިތުބާރު ގެއްލިގެން ރައްޔިތުންގެ މަޖިލީހުން އަޒުލުކުރި ބަންޑާރަ ނައިބަކުނެތް

އާޒިމާއަށް މާލޭ މޭޔަރުކަން ދޭން ނުޖެހޭ ސަބަބުތައް މިހުރީ..

މާލެސިޓީގެ މޭޔަރު ކަމަށް އުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރު ހޮވަންވީ ސަބަބެއް ނެތެވެ. އާޒިމާ މޭޔަރުކަމަށް ނުހޮވަންވީ ސަބަބު ވަރަށް ވެސް ގިނައެވެ. ތިން ސަރުކާރެއްގައި ބަންޑާރަ ނައިބުކަން ކޮށްފައިވުމަކީ އުސްތާޒާ އާޒިމާ މޭޔަރު ކަމަށް ހޮވަންޖެހޭ ސަބަބެއް ކަމަށް އެބަބުނެއެވެ. އެވާހަކަ އެކަންޏަށް ބަލާލިއަސް އާޒިމާ މޭޔަރު ކަމަށް ހޮވަން ހެޔޮނުވާނެއެވެ. އާޒިމާ ނޫނީ އިތުބާރު ގެއްލިގެން ރައްޔިތުންގެ މަޖިލީހުން އަޒުލުކުރި ބަންޑާރަ ނައިބަކު ރާއްޖޭގެ ތާރީހު ދެކެފައި ނުވެއެވެ.

އާޒިމާގެ ބަންޑާރަ ނައިބު ކަމުގައި ދިވެހި ދައުލަތަށް އޭނާގެ ފަރާތުން ވީ ރަނގަޅަށްވުރެ ލިބުނު ގެއްލުން މާ ބޮޑެވެ. ޖެހުނު ދުއްތުރާ މާގިނައެވެ. އާޒިމާގެ ބަންޑާރަ ނައިބު ކަމާއި ރައީސް އޮފީހުގެ ލީގަލް މިނިސްޓަރުކަމުގައި ހުރިއިރު ކޮށްފައިވާ އެންމެން ދަންނަ ނޭއްގާނި ބައެއް ކަންކަން ހަނދާނަށް އައުދެއެވެ. 

އެއަރ މޯލްޑިވްސް ބަނގުރޫޓުވި މައްސަލާގައި ސިންގަޕޫރު އާބިޓްރޭޝަންގައި މެލޭސިއަން ހެލްކޮޕްޓަރސް ( ނަލޫރީ ބަރުހާދު )އާއި ދެކޮޅަށް އާޒިމާ ދައުވާ ކޮށްގެން ރާއްޖެއަށް ބައިސެންޓް ވެސް ހޯދާ ނުދެވުނެވެ. ދައުވާ ކުރުމަށްޓަކާ ދައުލަތުން މިލިޔަން ޑޮލަރު ހަރަދު ވެގެން ދިޔުން ނޫން ކަމެއް ނުވިއެވެ. އެތައް ދުވަހަކަށް ފަހު އެއަރމޯލްޑިވސްގެ މައްސަލަ ނިމިގެން ދިޔައީ ދައުލަތަށް ލިބުނު ބޮޑު ގެއްލުމަށް ހަތަރުއަނާ އެއްހާ ހިސާބު ވެސް ދައުލަތަށް ނުލިބިއެވެ.

އައު ގާނޫނު އަސާސީގެ ދަށުން ވެރިކަން ނުކުރާ މީހަކަށް ހަދައިގެން މައުމޫނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން ނިންމީ އާޒިމާގެ މޮޅު ގާނޫނީ ހުއްޖަތުންނެވެ. އެކަމަކު އައު ގާނޫނު އަސާސީގެ ދަށުން ދެދައުރު ވެރިކަން ނުކުރާތީ ރިޔާސީ އިންތިހާބުގައި ވާދަކުރެވުނު މައުމޫނަށް އައު ގާނޫނު އަސާސީގެ ދަށުން ވެރިކަން ކުރިމީހަކަށްދޭ އިނާޔަތް މަރުދުވަހަށް ލިބޭގޮތަށް ހުއްޖަތް ގާއިމުކުރީ އާޒިމާއެވެ. ނަތީޖާއެއްގެ ގޮތުން އައު ގާނޫނު އަސާސީގެ ދަށުން ވެރިކަން ކުރާ ރައީސުންނެކޭ ތަފާތެއް ނެތި މައުމޫނުގެ ބަލަދުވެރިކަން ދައުލަތަށް ޖެއްސީ އާޒިމާއެވެ. އެކަމުގެ ސަބަބުން އެތައް ލައްކަ ރުފިޔާއެއް ކޮންމެ މަހަކު ދައުލަތުން މައުމޫނަށް އިނާޔަތް ދޭން އިސްރާފު ވެގެން ދެއެވެ. 

އައު ގާނޫނު އަސާސީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައި ތިބޭ އަށް މެންބަރުން އައު ގާނޫނު އަސާސީ ތަސްދީގު ކުރުމަށް ފަހުވެސް އައު މަޖިލިސް ހޮވެންދެން މެންބަރުންގެ ގޮތުގައި ބައިތިއްބައިގެން ދައުލަތުން އެތައް މިލިޔަން ރުފިޔާއެއް ހޭދަކުރުވީ އާޒިމާގެ މޮޅު ގާނޫނީ ހަމައިންނެވެ.

އައު ގާނޫނު އަސާސީ ތަސްދީގުކޮށް އައު ގާނޫނު އަސާސީއަށް ހިޖުރަ ކުރުމުގައި ގާނޫނު ތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ ހަދަންޖެހޭ ގާނޫނުތައް ޑްރާފްޓްކޮށް މަޖިލީހަށް ހުށަނާޅާ އޮތުމުގެ ޒިންމާ ބޮޑުތަނުން އުފުލަން ޖެހޭ މީހަކީ އާޒިމާއެވެ. އަދި އަދަށްވެސް ގާނޫނީ ދާއިރާއިން އާޒިމާވީ އެ އިހުމާލުގެ ތަކުލީފްތައް ފިލާނުދެއެވެ. 

ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސްއިން ލޮބީކޮށް ވަކާލާތު ކުރަމުން ދިޔައިރު މޮރިޝަސްއަށް އެބާރު ލިބިއްޖެނަމަ ރާއްޖޭގެ ދެކުނުން އިގްތިސޯދީ ސަރަހައްދު ބައިކުރަން ޖެހޭނެ ކަން އެނގިހުރެ އަޅާނުލާ ބަންޑަރަ ނައިބުކަމުގައި ހުރީ ތިޔަ އާޒިމާ ޝުކޫރެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމުގެ ކަންކަން އދ މަޖިލީހުގެ ތެރޭގައި ހިނގަމުން ދިޔައީ އާޒިމާ ދައުލަތަށް ގާނޫނީ ލަފާ ދޭން ހުއްޓައެވެ.

ވާނެ ހައެއްޗެއްވެ އިޓްލޮސް އިން ކަނޑު ބައި ކުރީމާ މަހާނަ މައްޗަށް މަޑިއަށް ޖެހިގަނެ ސިޔާސީ ޗަރުކޭހަކަށް ކަނޑުގެ ސަރަހައްދު ހެދީވެސް އާޒިމާ އިސްވެ ހުރެއެވެ. ކަނޑުތަކުގެ އިމާބެހޭ ބައިނަލް އަގުވާމީ ޓްރައިބިނަލްގެ އެތައް ފަނޑިއާރުންގެ ނިންމުމެއް ފޮރޮޅާލާށޭ ކިޔައިގެން ދިވެހި ދައުލަތުން އެތައް މިލިއަން ޑޮލަރެއް ބޭކާރު ކޮށްލުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަން އެ އުޅެނީ އާޒިމާގެ ރައުޔަށެވެ. އާހިރުގައި މިލިޔަން މިލިއަނުން ދައުލަތުން ގެއްލި ދިޔުން ނޫންކަމެއް އެކަމުންވެސް ނުވާނެއެވެ. 

މައިދޮރާއްޓޭ ދަށްގޮހޮރޭ ކިޔައިގެން އާޒިމާގެ ލަފަޔަށް ޖީއެމްއާރު ބޭރު ކުރުމުން ވީގޮތްވެސް އެއޮތީ ފެންނާށެވެ. އުފެދުމުގައި ވެސް ބާތިލު އެގްރިމެންޓެކޭ ބުނެ ޖީއެމްއާރާއެކު 25 އަހަރަށް ހެދި އެއްބަސްވުމެއް ބާތިލުކޮށް ޖީއެމްއާރު ބޭރު ކުރުމުން 300 މިލިޔަން ޑޮލަރގެ ބަދަލެއް ދައުލަތުން ދޭންޖެހުން ނޫންކަމެއް އާޒިމާގެ ފުށުން އެކަމުގައިވެސް ނުވިއެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް މަގުފަހިކޮށް ދިނީ އާޒިމާ ދިން ގާނޫނީ ލަފައެވެ. ދައުލަތަށް ލިބޭ އާމްދަނީ ފައިސާއަކީ މީރާއަށް ވަންނަން ޖެހޭގޮތަށް އޮތް އޮތުން ބަދަލުކޮށް ރިސޯޓްތައް ހެދުމަށް ދޫކުރާ ރަށްރަށާއި ފަޅުފަޅާ ބިންބިމުގެ އިކްއިޒިޝަންއާއި ކުއްޔާއި އެނޫންވެސް ރިސޯޓް ތަކުން ދައުލަތަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް އެމްއެމްޕީއާރުސީއަށް ދައްކާ ގޮތަށް ގާނޫނީ ނިޒާމް ބަދަލު ކޮށްލުމުގެ މޭސްތިރިއަކީ އާޒިމާއެވެ. މުޅި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މަންމައަކީ އާޒިމާއެވެ. އެ ބޮޑު ހިޔާނާތުން ބައި އަޅައިގެން މަނީލޯންޑަރ ކުރުމުގެ މުގުލުގައި ހުރީ އާޒިމާއެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގައި ނެތް ކުއްލި ހާލަތު އިއުލާނު ކުރުވައިގެން ސްޕްރީމް ކޯޓުން ޓިނުނަގުވާ ސިފައިން ސްޕްރީމް ކޯޓަށް ވައްދާ ފަނޑިޔާރުން ހައްޔަރުކޮށް ޖައްލަށްލާ މަގާމު ގެއްލުވާލިއެވެ.

ފުރަ މެންދަމު ދޮރުވައްޓާލައިގެން ވަދެ ރައީސް މައުމޫނު މުސްކުޅި ހާލުކޮޅުގައި އެ މަނިކުފާނު ޖަލަށް ލައިގެން ދިންހާ އަނިޔާއެއް ދިނީ އާޒިމާ އަށެވެ. ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން ނަދީމާއި މައުމޫނުގެ އާއިލީ ޑްރައިވަރާއި ސެކެރެޓަރީއަށް ދަންދެން ހައްގަކާ ނުލާ ޖަލަށް ލައިގެން އަނިޔާ ކުރުވީ އާޒިމާއެވެ.

ގާސިމް އިބްރާހީމާއި ސިޔާދު ގާސިމަށް ޖެއްސި އަހުވައާއި ކާނަލް ނާޒިމު ފުރޭމް ކޮށްގެން ހައްޔަރުކޮށް އަނިޔާވެރި ވުމުގައި ގާނޫނީ ހަމަ އަޅުވާދިނީ އާޒިމާއެވެ. މޭޑޭ މުޒާހަރާގެ ބައިވެރިންނަށް ދިން އަނިޔާއާއި ދައުވާކޮށް ޖަލަށްލައިގެން ގ. ކީމަ އަބްދުއްލާ ރަޝީދު މަރުވުމުގެ ޒިންމާ އުފުލަންޖެހޭ އެކަކީ އާޒިމާއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ސިފައިން ވައްދާ މެންބަރުން ފާރުމަތިން އުކާލާ 12 މެންބަރެއްގެ ގޮނޑި ގެއްލުވާލުމުގެ ގާނޫނީ ނުބައި ލަފާ ދިނީ އާޒިމާއެވެ. ގައުމީ ނުރައްކަލުގެ ހާލަތުގައި ކެރުން ކަމަށް އާޒިމާ އެބުނާ ކެރުމަކީ އަނިޔާވެރިވުމަށް ގާނޫނީ ސިފަގެނައުމެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ފަހުކޮޅު ސިޔާސީ ގޮތުން މީހުން ފްރޭމްކޮށް އަނިޔާކޮށް ބަންދުކޮށް އެތައްބަޔަކު ޖަލަށްލާ މުޅި ގައުމު ހަމައިން ނައްޓުވާލުމުގައި އިސްވެހުރި އެކަކީ އާޒިމާއެވެ. މިހެން ކިޔާފައި ނުކިޔާނެ ކަމެއް ނެތެވެ. 

އާޒިމާ ގެ އެ ކެރުމާއި އެ ނުބައިކަން އެއީ ގައުމަށް ޖެހުނު މުސީބާތް ތަކެކެވެ. އާޒިމާގެ ބަންޑާރަ ނައިބު ކަމާއި ގާނޫނީ އުސް ފުންނާބުން ދިވެހި ދައުލަތަށް ދީފައިވަނީ އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތިބޮޑެތި ގެއްލުމެވެ. ހަލާކެވެ. އެހެން ކަމުން މާލޭ މޭޔަރަކަށް އާޒިމާ ހޮވުމަކީ އެނގި ތިބެ ބަޔަކު ހަދާނެ އެންމެ ބޮޑު ގޯހެވެ. މާލޭގެ ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތި ދޭތީ އެކަމާ ދެކޮޅު ހަދާ އަޑުއުފުލީ މީހަކަށް މާލޭ ރައްޔިތުން ވޯޓު ދޭންޖެހޭ ސަބަބެއް ނެތެވެ. ބުނެވި ދިޔަ ކަންކަމަށް އެކަނި ބަލާލިޔަސް އާޒިމާއަށް މާލޭ މޭޔަރުކަން ދިނުން ހެޔޮނުވާނެއެވެ.