ޕީޕީއެމަކީ މުއިއްޒުގެ ކާންނުދޭ ކިރުފެލާގެރި!

ޕީޕީއެމް ބޭނުންކުރަނީ ދައުލަތުން ފައިސާ ހޯދާށާ ވޯޓު ހޯދަން

ޕީޕީއެމަކީ މުއިއްޒުގެ ކާންނުދޭ ކިރުފެލާގެރި!

ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ސިޔާސީ ފިކުރަކީ ޕީޕީއެމް ފިކުރެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް)އަކީ ދެވަނައަށް އެންމެ ބޮޑު ޕާޓީއެވެ. ޕްރޮގްރަސިވް ކޯލިޝަންގެ މައި ޕާޓީއަކީ ވެސް ޕީޕީއެމްއެވެ.

ރާއްޖޭގައި މިއަދު އޮތީ ޕްރޮގްރެސިވް ކޯލިޝަންގެ ވެރިކަމެއް ކަމަށް ބުނާއިރު ކޯލީޝަންގެ މައި ޕާޓީ އޮތީ ކޯމާގައެވެ. ހަތަރެސް ފައިނެތް ކޮންމަސް ބުރިއެއް ގޮތުގައެވެ. ވެރިކަމުގައި ޕީޕީއެމްގެ އާރެއް ބާރެއް ނެތެވެ. ސިޔާސީ މައިދާނުގައި ޕީޕީއެމަށް އެއްވެސް ފުރުސަތެއް ނެތެވެ. ޕީޕީއެމްގެ މައްޗަށް ކޯލިޝަންގައި ހިމެނޭ މައިނޯރިޓީ ޕާޓިން އަތްގަދަކޮށް ޕީޕީއެމްގެ ބާރު ވަނީ އެކީ އެކައްޗަކަށް ކަނޑުވާލާފައެވެ. 

ރާއްޖޭގެ ރިޔާސަތުގައި ޕީޕީއެމެއް ނުހިމެނެއެވެ. ރައީސުލްޖުމްހުރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ޕީޕީއެމަށް ނިސްބަތްވާ ބައެއް ނޫނެވެ. ނިމެމުންދާ ރައްޔިތުންގެ މަޖިލީހުގައި ތިބި ޕީޕީއެމްގެ ދެ ނައިބުރައީސުންނަށް ވަޒީރުކަން ދީގެން މަޖިލީހުގެ ތެރޭން ޕީޕީއެމްގެ އަޑު ވަނީ ކަނޑުވާލާފައެވެ. ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ހުރި ޕީޕީއެމްގެ ހަމައެކަނި މެންބަރުވެސް ޕީއެންސީއަށް ސޮއިކުރުވައިގެން މަޖިލީހުގެ ތެރެއިން ޕީޕީއެމް ވަނީ ފުހެލާފައެވެ. 

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމަކަށް ޖާގައެއް ނެތެވެ. ޕީޕީއެމްގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމުގެ ފުރުސަތު އެކީ އެކައްޗަކަށް ވަނީ ބަންދު ކޮށްލާފައެވެ. ޕްރޮގްރެސިވް ކޯލިޝަނުން މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހަށް ވާދަކުރެވޭނީ ހަމައެކަނި ޕީއެންސީ ޓިކެޓްގައި ކަމަށް ކަނޑައަޅާ ޕީޕީއެމްއަށް ލިބިފައި އޮތް މަޖިލީހަށް ވާދަކުރުމުގެ ގާނޫނީ ހައްގުން ޕީޕީއެމް އޮތީ މަހުރޫމް ކޮށްފައެވެ. 

ޕީޕީއެމްގެ ދެނައިބު ރައީސުން ކަމުގައިވާ ގައްސާނު މައުމޫނާއި އަހުމަދު ޝިޔާމްގެ ސިޔާސީ މަންފާއަށްޓަކާ 36000 އަށް ވުރެ ގިނަ މީހުން ހިމެނޭ ބިޔަ ޕާޓީ ޕީޕީއެމް އޮތީ ކޯމާއަށް ލާފައެވެ. ނޭވާ ހޮޅިއަށް އެޅިފައެވެ. 

ޕީޕީއެމަކީ ކާންނުދީ ބާއްވާފައި އޮންނަ ޕީއެންސީގެ ކިރުފެލާ ގެރިއެވެ. ރައީސް މުއިއްޒުގެ ބާރުވެރިކަން ދަމަހައްޓަން ބޭނުންކުރާ އަޅުމަސައްކަތްކުރާ އަޅުންގެ އަޅުންނަށް ޕީޕީއެމްގެ 36000އަށް ވުރެ ގިނަ މީހުން މިއަދު ވަނީ ހަދާފައެވެ.

ޕީޕީއެމްގެ 36000 އަށް ވުރެ ގިނަ މީހުންގެ ނަމުގައި ދައުލަތުން ދޭ ފައިސާ ބޭނުން ކުރަނީ ޕީއެންސީ ބޮޑުކޮށް ޕީއެންސީގެ ބޭނުން ތަކަށެވެ. ޕީޕީއެމްގެ ސިޔާސީ ބާރުވެރިކަމަށް ބައި ސެންޓް ވެސް އެއިގެން ހަރަދެއް ނުކުރެއެވެ. މި އަހަރުވެސް ޕީޕީއެމަށް 10 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން ލިބުނެވެ. އޭގެން އެންމެ ފައިސާ ފޮއްޗެއް ވެސް ޕީޕީއެމްގެ ބޭނުމަށް ބޭނުން ކުރާނަމަ ޕީޕީއެމްގެ ނަމުގައި އެންމެ ކެންޑިޑޭޓަކު ނަމަވެސް ނެރެގެން މަޖިލީސް އިންތިހާބުގައި ވާދަކޮށްލުމަށް ފުރުސަތު ދިނީހެވެ. ޕީޕީއެމުން ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް މީހަކު ހޮވާ ހަގީގީ ސިޔާސީ ޕާޓީއެއް ގޮތުގައި ހަރަކާތްތެރި ވުމަށް ޖާގަ ދިނީހެވެ. 

ޕީޕީއެމްގެ ބޮޑު އަބާދީ ރައީސް މުއިއްޒު ބޭނުން ކުރަނީ އޭނާގެ ސަރުކާރު ބާރުވެރި ކުރުމަށް ވޯޓު ހޯދުމަށެވެ. ޕީޕީއެމްގެ މެންބަރުންގެ ނަމުގައި ދައުލަތުން ދޭ ފައިސާ ބޭނުން ކުރަނީ ޕީއެންސީގެ ހަރަކާތް ތަކަށެވެ. ހަގީގަތުގައިވެސް ޕީޕީއެމަކީ ޕީއެންސީގެ ކާންނުދޭ ކިރުފެލާ ގެރިއެވެ. 

ނައިފަރު ޝިޔާމްމެން ޕީޕީއެމްގެ މެންބަރުނަށް ވިސްނާދެނީ ފަސް އަހަރުވަންދެން ތިބީ މަގުމަތީގައި ކަމަށާއި އެހެން އަބަދު ތިބެން ނުޖެހޭނެ ކަމަށެވެ. އެކަމަކު ހަގީގީ ޕީޕީއެމް އޮތީ މިހާރުވެސް މަގުމަތީގައެވެ. ސަރުކާރުގެ މަގާމުތަކުގައި ގިނައިން ތިބީ ޕާޓީއަށްޓަކާ ދާއޮހޮރުވާ ބުރަ މަސައްކަތް ކުރި މީހުނެއް ނޫނެވެ. ހެދުމަށް ރުލެއްވެސް އަރުވާ ނުލާ ހަރުހާރުގާ ފިލާތިބި ބައެކެވެ. ކުރީ ސަރުކާރު ނަގަހައްޓަން މަރުދިން މީހުންނެވެ. ހަނގުރާމަ ނުކޮށް ހަގުރާމައިން މޮޅުވުމުން ގަނީމާ މުދާ ހޯދި މީހުންނެވެ. އަގުދީގެން ގެނައި ކުލީ މީހުންނާއި އެމީހުންގެ އައުވަނުންނެވެ. ޖާނާ މާލުން ގުރުބާންވީ ޕީޕީއެމްގެ ގިނަ މީހުން އަދިވެސް ތިބީ ހަގީގަތުގައި މަގުމަތީގައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމަށް ސިޔާސީ އެއްވެސް މަސައްކަތެއް ކުރާކަށް ފުރުސަތެއް ނެތެވެ. ޕީޕީއެމް އެންމެ މެންބަރަކަށް ވެސް މަޖިލީހުގައި ޕީޕީއެމް ތަމްސީލު ކުރުމުގެ ހަނި ޖާގައެއްވެސް މުއިއްޒު ނުދިނެވެ. ޑީއާރުޕީ ދިޔަ މަގުން ޕީޕީއެމް ދުއްވާލާތަން ބަލަން ޕީޕީއެމް ހަމަ އޮންނާނީ ހެއްޔެވެ.  

ޕީޕީއެމް މެންބަރުންނަކީ އެހެން ތިބެން ޖެހޭ ބައެއް ނޫނެވެ. ގައްސާނާއި ޝިޔާމް ޕީޕީއެމްގެ ލީޑަރޝިޕް ހިސޯރުކޮށް ޕީޕީއެމް ކޮންމަސް ބުރިއަކަށް ހަދާފައި އޮތް އޮތުން ނިމުމަކަށް ގެންނަން ތެދުވުމުގެ ވަގުތު ޖެހިއްޖެއެވެ. ރަގަޅަށް ވިސްނާ ގޮތް ނިންމާ ޕީޕީއެމް ކޯމާގައި ބޭއްވިޔަ ނުދީ އިސްނަގައި ހިންދަމާލަން ވެއްޖެއެވެ. ޕީޕީއެމަށް ރައީސަކު އިންތިހާބުކޮށް މުއިއްޒުގެ އަޅުންގެ އަޅުން ގޮތުގައި ޕީޕީއެމް މެންބަރުން ތިބިތިބުން ނިމުމަކަށް ގެންނަން ޖެހެއެވެ.