ރާއްޖޭގައި ވެރިކަންކުރާ ބައެއްގެގޮތުން ހަލާލް ހަރާމް ބަދަލުވުން
ފާޅުގައި ވެރިމީހާ ހަދާ ދޮގު ދޮގަކަށް ނުވެ ވެގެން ދަނީ ސިޔާސީ ވާހަކަ އަކަށް
ވެރިކަމުގައި ތިބޭ ބައެއްގެ ގޮތުން ބައެއް ކަންކަން ހަރާމް ހަލާލަށް ބަދަލު އައުމަކީ ރާއްޖޭގައި އާއްމުކަމެކެވެ. ކޮންމެ ވެރިކަމެއް އޮތަސް ހުއްދަވާ ހަރާން ކަންތައްވެސް ހުރެއެވެ. ދަންނަ ބޭކަލުންގެ ދަންނަކަން އޮންނަނީ އެވަގުތެއްގެ މަސްލަހަތުގެ މައްޗަށެވެ.
ފާޅުގައި ވެރިމީހާ ހަދާ ދޮގު ދޮގަކަށް ނުވެ ވެގެން ދަނީ ސިޔާސީ ވާހަކަ އަކަށެވެ. އިންތިހާބުތަކުގައި ވޯޓު ހޯދުމަށާއި ވެރިކަން ދެމެހެއްޓުމަށް ދޭ ރިޝްވަތަކީ ރިޝްވަތަށް ނުވެ ވަނީ ހަދިޔާއަށެވެ. ހައްޖު އުމުރާ ދައްކައިގެން ފައިސާ ހޯދާ އޭގެން ވިޔަފާރިކޮށް ފައިދާ ހޯދާ އެތައް އަހަރެއް ވަންދެން ދަތުރު ނުލިބި ބަހައްޓާ ބެހެއްޓުމަކީ ޓެކުމަކަށް ނުވަތަ ސްކޭމަކަށް ނުވެއެވެ.
ކޯޓްތަކުން މަތިމައްޗަށް އިންޓްރެސްޓް ނަގާ ދިނުމަކީ ރިބާއަކަށް ނުވެއެވެ. ގަވައިދުން ހުއްދަ ލިބިގެން ބަނގުރަލުގެ ވިޔަފާރި ކުރުވުމާއި ބަނގުރަލުގެ ވިޔަފާރިން ލިބޭ އާމްދަނީން ޓެކްސް ނެގުމަކީ ހަރާން ކަމަކަށް ނުވެއެވެ. ޒިނޭކުރުމަކީ ފެޝަނަކަށްވެ ހިޔާނާތަކީ ގަދަކަމަކަށް ވެފައިވާ އޮތުން ބޮޑު ކަމަކަށް ނުވެއެވެ. ކިޔާފާ ނުކިޔާނެ ކަމެއް ގައުމުގައި ނެތެވެ.
އެހެނެއް ކަމަކު އިލްމުވެރިންނޭ ކިޔައިގެން މަތިހަށި ނަގައިގެން އުޅޭ ގިނަ މީހުން ބީރެވެ. މަންމަނެވެ. ކަނުވެސް މެއެވެ. އެ މީހުން އަޑުއަހާ ދެކި ބަސްބުނަނީ އެވަގުތަށް ލިބެން އޮތް ބާރުވެރިކަމަކާ މާލީ މަންފާއަކަށޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ވެރިކަމުގެ ކޮއިލު ތެރޭން ހެޔޮވަރުގެ ބާރެއް ލިބިއްޖެނަމަ ވެރިންނަށް ވާޖިބު އަދާކޮށްދޭން އެހެން ކަމެއް ދީނުގައި ނެތޭ ހީވާވަރު ކޮށްލައެވެ.
މިދާކަށް ދުވަހު ވެރިމީހާގެ ދިފާއުގައި ގަޒުފު ކޮނޑަށްލައިގެން ތެދުވެ އިލްމުވެރިންނޭ ކިޔާބަޔަކު އުޅެގަތް ގޮތުން ވެރިމީހަކާއަކީ ކުށުން ބަރީއަވެގެންވާ ކުށެއް ދުވަހަކު ނުކުރާ ހުސްތާހިރު މީހެކޭ ބުނެދޭން އުޅުނު ކަހަލައެވެ. ގޮތެއް ފޮތެއް ނެތުމަކީވެސް ގޮތަކީތާއެވެ.
ދުނިޔޭގެ މި އަހަރުގެ ޔޯގާ ދުވަސް 700 އެތައް ބަޔަކު ބައިވެރިކޮށްގެން ފުޅާދާއިރާއެއްގައި ފާހަގަކޮށް ނިންމާލައިފިއެވެ. ކުފުރުގެ އަސަރުވެސް އޭގެން ދަންނަ ބޭކަލަކަށް މިފަހަރަކު ނުފެނުނެވެ. މީގެ ދުވަސްކޮޅެއް ކުރިން ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަ ކުރާތީ ކުފުރު ނައްތާލަން ގަލޮޅުދަޑަށް ވަދެ ޔޯގާ ހުއްޓުވާލިއިރު އެވަރުގެ ފާފައެއް ދުވަހަކު ނުކުރާ ކަހަލައެވެ. އެމްޑީޕީން ވެރިކަން ކުރަންޏާ އޮންނަނީ ކުފުރު ޔޯގާތާވެ. ޕީއެންސީ ވެރިކަމުގައި ބާއްވަނީ ހަލާލު ޔޯގާއެވެ. ހަމަ ގައިމު މިފަހަރު ދަންނަބޭކަލުންގެ ހިލަންވެސް ނެތެވެ،


