ނަޝީދު ހުރީ އީރާނުގެ މިސްކިތްތަކުގައި ރޯކުރާ ޓެރެރިސްޓުންނާއެކު!

ސާބިތުކަމާއެކު އެމީހުންނާ އެކު ހުރިކަން ހާމަކުރަން: ނަޝީދު

ނަޝީދު ހުރީ އީރާނުގެ މިސްކިތްތަކުގައި ރޯކުރާ ޓެރެރިސްޓުންނާއެކު!

އީރާނުގެ ވެރިކަމާ ދެކޮޅަށް އީރާނުގައި ބަޔަކު މަގުތަކަށް ނިކުމެ ހިންގަމުން ދިޔަ ނުރައްކާތެރި އަނިޔާވެރި އަމަލުތަކަށް ހިއްވަރު ދޭގޮތަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ސަބަބުން ނަޝީދު ހޫނުފެނަށް ވެއްޓިއްޖެއެވެ. ޒާހަރާ ކުރުމުގެ ނަމުގައި ބަޔަކު ހިންގަމުންދާ އަނިޔާވެރި އަމަލުތައް ނަޝީދު ސިފަކުރެއްވީ ކަރާމަތާއި ހައްގު ހޯދަންކުރާ ކުރަންޖެހިއްޖެ ކަމެއްގެ ގޮތުގައެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ "އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ އަޑުއުފުލަމުންދަނީ އެމީހުންގެ ކަރާމާތާއި، އިންތިހާއަށް އުފުލިފައިވާ ދިރިއުޅުމުގެ ހަރަދުތަކަށް ލުޔެއް ހޯދުމަށާއި، އެތައް އަހަރަކަށް ދެމިގެންގޮސްފައިވާ އަނިޔާވެރިކަމުން ސަލާމަތްވުމަށް" ކަމަށެވެ. އިރާނުގައި ހިންގާ ހަމަނުޖެހުން ނަޝީދު ސިފަކުރައްވަނީ " އެއީ އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއި އުޚުތުންނެވެ. އެހެންކަމުން، މުޅި އިސްލާމީ އުންމަތާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން އެ ގައުމުގެ ވެރިކަންކުރާ ނިޒާމު ހިމާޔަތްކުރުމުގެ ބަދަލުގައި، އީރާނުގެ ރައްޔިތުންނަށް އެއްބާރުލުންދީ އެމީހުންގެ ފަހަތުގައި ސާބިތުވެ ތިބެންޖެހޭ" ކަމަށެވެ. 

ރައީސް ނަޝީދު އެމޭރުމުން އެކްސްގައި ޕޯސްޓެއް ކުރެއްވުމުން ގިނަބައެއްގެ ނުރުހުން ރައީސް ނަޝީދަށް އަމާޒުވިއެވެ. ރައީސް ނަޝީދަކީ މޮސާޑްގެ އެޖެންޓެއް ކަމަށާއި އެމެރިކާއާއި ޔޫރަޕްގެ ޕަޕެޓެއް ކަމަށް ސިފަކުރެއެވެ. އިސްލާމްދީނާ ދެކޮޅު ކޮންމެ ހަރަކާތަކަށް ހިތްވަރުދޭ ލިބަރަލް މީހެއްގެ ގޮތުގައިވެސް އެތައްބަޔަކު ސިފަކުރެއެވެ. 

ރައީސް ނަޝީދު ކުރެއްވި އެކްސް ޕޯސްޓާއި ގުޅިގެން ސްރީލަންކާގައި ހުންނަ އީރާނު އެއްބަސީގެ ރަސްމީ ޓްވިޓާ އަތްގަޑުން ރައްދުދީ ނަޝީދުގެ ސްޓެންޑަކީ ކޮބައިތޯ ސުވާލުކުރުމުން ކަމުގެ ހައްސާސްކަން ހާމަވެގެން ދިޔައެވެ. އީރާނު އެންބަސީން ރައްދުގައި ކުރި ޕޯސްޓުގައި ކަމުގެ ހަގީގަތް ސާފުކޮށްދީފައިވެއެވެ.

އީރާނު އެންބަސީން ނަޝީދަށް ރައްދުދީ ކުރި ޕޯސްޓްގައި ބަޔާން ކޮށްފައި ވާގޮތުގައި "2025 ވަނަ އަހަރުގެ ޖޫން މަހު ހިނގައިދިޔަ 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި، ޒަޔަނިސްޓު ނިޒާމުން އީރާނުގެ ސިޓީތަކަށާއި، އާންމު ރައްޔިތުންނަށާއި، އަދި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ ޢަސްކަރީ ހަމަލާތަކެއް ދީފައިވެއެވެ. މީގެ އިތުރުން އީރާނުގެ ރައްޔިތުންގެ ތެރެއިން ވަކިވަކި ފަރާތްތަކަށް އަމާޒުކޮށް ހިންގި ލާދީނީ އަމަލުތަކުގެ ސަބަބުން، އެއްހާހަށްވުރެ ގިނަ ފިރިހެނުންނާއި، އަންހެނުންނާއި އަދި ކުޑަކުދިން ވަނީ ޝަހީދުވެފައެވެ."

އިރާނު އެންބަސީ ބުނި ގޮތުގައި "އެމެރިކާގެ ސަރުކާރުގެ ސީދާ އެހީތެރިކަމާއެކު، ޒަޔަނިސްޓު ނިޒާމުން ހިންގި އިންސާނިއްޔަތާ ޚިލާފު އަދި އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ މި ހަމަލާތަކާ ދެކޮޅަށް އީރާނުގެ ރައްޔިތުން ދެއްކި ސާބިތުކަމުގެ ސަބަބުން، މަސްރަޙު އިތުރަށް ގޯސްވެގެން ދިޔައެވެ. މީގެ ބޭނުމަކީ އީރާނުގެ މަގުތަކުގައި ހަލަބޮލިކަން އުފައްދައި، އާންމު ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލުމެވެ."

"މިފަހަރު، މޮސާޑާ ގުޅުން ހުރި ފަރާތްތަކުން ސިޓީތަކުގައި ހިންގި ޓެރަރިސްޓް އަމަލުތަކުގެ ޝިކާރައަކަށްވީ އީރާނުގެ މައުސޫމު ކުޑަކުދިންނާއި، އަންހެނުންނާއި އަދި އާންމު ރައްޔިތުން" ކަމަށް އެންބަސީން ބުނެއެވެ. މި ފަހަރު އެ މީހުން " މިސްކިތްތަކުގައި ހުޅުޖަހައި، ހޮސްޕިޓަލްތައް ސުންނާފަތިކޮށް، މަގުމަތީގައާއި ބާޒާރުތަކުގައި އުޅުނު އާންމުންނަށް ހަމަލާދީ، މެޓްރޯ ސްޓޭޝަންތަކާއި ބޭންކުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވޭ" އިރާނު އެންބަސީން ބުންޏެވެ. 

އެންމެ ފަހުން އިޜަނު އެންބަސީ ރައީސް ނަޝީދަށް ރައްދުދީ ކުރި ސުވާލަކީ "މި ހާލަތުގައި، ތިޔަބޭފުޅުން ތިއްބެވީ ކޮން ފަރާތެއްގައި ހެއްޔެވެ؟" 

އިރާނު އެންބަސީގެ ރައްދާ ގުޅިގެން ވަރަށް ގިނަ ދިވެހިން އިރާނުގެ ވެރިންނާއެކު އިސްރޭލާ އިސްރޭލްގެ ބައިވެރިން ދެކޮޅު ކަން ބަޔާކޮށް ނަޝީދާ މެދު ހިތް ހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އިރާނު އެންބަސީން ކަމުގެ ހަގީގަތް ހާމަކޮށްދީ ރައްދު ދިނުމުން ނަޝީދުގެ ވާހަކަތައް ދިފާއުކޮށް އިރާނުގެ މަގުމަތީގައި މޮސާޑުން ހިންގުވާ ހަރަކާތްތައް ދިފާއުކުރާ މޭރުމަކުން ރައީސް ނަޝީދު އަނެއްކާވެސް އެކްސްގައި ޕޯސްޓެއް ކުރައްވައިފިއެވެ. 

ރައީސް ނަޝީދު ޖަވާބުގައި ކުރެއްވި ޕޯސްޓްގައިވަނީ "އީރާނުގެ ދާހިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަދެގަތުމާ އަޅުގަނޑުވެސް ދެކޮޅެވެ. ނަމަވެސް، ހައްގުތަކަށް އެދި މަގުމަތީގައި އަޑުއުފުލަމުންދާ ޒުވާނުންނަށް އަޅުގަނޑުމެން ހިތްވަރުދީ އެހީތެރިވާންޖެހެއެވެ."

އިތުރަށް ކަން ހަލާލުކުރެއްވުމުގެ ގޮތުން ރައީސް ނަޝީދު ވިދާޅުވީ "މި މަންޒަރުތަކުން އަޅުގަނޑުގެ ހަނދާނަށް އަންނަނީ ދިވެހިރާއްޖޭގެ މާޒީއެވެ. ރައީސް ގައްޔޫމުގެ ވެރިކަމާ ދެކޮޅަށް އެކްޓިވިސްޓުން އިހުތިޖާޖު ކުރަން ފެށުމުން، އެއީ ނަސާރާ ދީން ފަތުރާ މިޝަނަރީންގެ މަގްސަދުތަކެއް ހާސިލުކުރުމަށް ކުރާ ކަމެއްގެ ގޮތުގައި އޭރު ސިފަކުރެއްވިއެވެ. އެހެނަސް، އެ މީހުން އުފުލި އަނިޔާތަކާއި، ކުރިމަތިލާންޖެހުނު ވޭންދެނިވި ތަޖުރިބާތަކުގެ ހަގީގަތް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ."

ރައީސް ނަޝީދު ހުންނެވީ ކޮންފަޅިއެއްގައިކަން ހާމަކުރައްވާ ނަޝީދު ވިދާޅުވީ " އީރާނުގެ ޒުވާނުން އެމީހުންގެ ހައްގުތަކަށްޓަކައި ކުރާ މަސައްކަތުގައި، އަޅުގަނޑު ސާބިތުކަމާއެކު އެމީހުންނާ އެކު ހުރިކަން ހާމަކުރަމެވެ."