ހުވާކުރިތަނުން އަޒުލުކުރެވުނުނަމަ މިހާލެއް ނުޖެހުނީސް

ވެރިކަން ކޮށްދޭށޭ ކިޔައިގެން އެކަކުވެސް މުއިއްޒަށް އާދޭހެއް ނުކުރޭ

ހުވާކުރިތަނުން އަޒުލުކުރެވުނުނަމަ މިހާލެއް ނުޖެހުނީސް

 

ކޮވިޑްގެ އާލަމީ ވަބާއާއި ގުޅިގެން ދެ އަހަރެއްހާ ދުވަހު ގައުމަށް އާމްދަނީ ލިބުން މުޅިންހެން ހުއްޓުނެވެ. ނަމަވެސް ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށް ބަނޑަށް ޖެހުނަނުދީ ހިފެހެއްޓުމަކީ ސަރުކާރެއް އޮތުގެ ބޭނުމެވެ. ކިތަންމެ ދަތި ހާލެއްގައިވެސް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދޭތޯ ބެލުމަކީވެސް ސަރުކާރަށް ކުރަންޖެހޭ ކަމެކެވެ.

ކޮވިޑްގެ ރިލީފް އެއިޑްގެ ގޮތުގައި ލިބުނު މަދު ފައިސާކޮޅަކާއި ހޯމްސްޓޭ ހިދުމަތުން ލިބުނު ކުޑަކުޑަ އާމްދަނީއެއް ފިޔަވައި ލިބުނު އެއްޗެއްނެތި ކުރީ ސަރުކާރުގެ ވެރިކަމުގެ މުއްދަތުން ދެ އަހަރު ދިޔައެެވެ. އާމްދަނީ ލިބުނަސް ނުލިބުނަސް ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށް ބަޑަށްޖެހުނަނުދީ ރައްޔިތުންގެ ކަންކަން މެނޭޖުކޮށް ބެލެހެއްޓުމަކީ އޭރަކު އޮންނަ ސަރުކާރަކަށް ލާޒިމުކަމެކެވެ.

ފުރާނަ ސަލާމަތްކޮށްދީ ބަޑަށް ޖެހުނަ ނުދިނުމަކުން ނުނިމެއެވެ. ބޭނުންވާ ކަންކަން ފުއްދާދެވެން އޮތް ގޮތެއް ހޯދައިގެން ރައްޔިތުންގެ ބޭނުންތައް ފުއްދާ ދިނުމަކީ ދޫކޮށްލެވޭކަށް އޮތްކަމެއް ނޫނެވެ. އާމްދަނީ ދަށްވުމަކީ ރައްޔިތުންގެ ކަންކަން ނުކޮށްދީ ފަރުޖެއްސޭނެ ކަމެއް ނޫނެވެ.

ވެވެން އޮތް ގޮތެއް ހޯދައިގެން ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށްދީ ހާލުގައި ޖެހުނަނުދީ ބައިތިއްބައިގެން ބޭނުންތައް ފުއްދާދެވެންޖެހެއެވެ. އެކަންކަން ކުރުމަށް އޭރު އޮތް ސަރުކާރަށް އޮތްހާވެސް ގޮތަކީ ލޯނު ނެގުމާއި ފައިސާ ޗާޕްކުރުމެވެ. 

ރައްޔިތަކަށް ލުޔެއް މޮޅެއް ވާނެ އެއްވެސް ކަމެއްކޮށް ނުދީ ވެރިކަމުގެ ލައްޒަތާއި އިއްޒަތުގައި ދައުލަތް ދަވާލަން މުއިއްޒު ސަރުކާރަށް އެބަ އޮވެވެއެވެ. މުއިއްޒު ސަރުކާރަށް މިއަދު އޮވެވެނީ ކުރީ ސަރުކާރުން ލޯނުނަގާ ފަައިސާ ޗާޕް ކޮށްގެންވެސް ގައުމާއި ރައްޔިތުން ނަގަހައްޓާ ދެމެހެއްޓީތީއެވެ. 

ބޮޑެތި ދަރަނިތައް ހުރިކަމާއި އެދަރަނިތައް އަދާކޮށް ދައުލަތް ހަމަ މަގަށް އަޅުވަން އިތުރު ދައުރެއް ދިނުމަށް ރައްޔިތުންގެ ކިބައިން އެމްޑީޕީން އެދުނެވެ. ކުރުމުއްދަތެއްގައި ފަތުރުވެރިކަން އަނބުރާ އިޔާދަކުރިހެން ދަރަނިތައް އަދާކޮށް އިގުތިސޯދުކޮޅަށް ޖަހަން ވަގުތު ދޭން ތަކުރާރުކޮށް އެދުނެވެ.

ރާއްޖޭގެ ވެރިކަމަކީ އެމްޑީޕީއަށް ނުކުރެވިގެން ކަމުންރެކި މުއިއްޒު ބޮލުގައި ގަދަކަމުން އެޅުވި ކަމެއްނޫނެވެ. ދަރުވާލާފައި ދިޔައީއޭ ބުނެ އެމްޑިޕީ ބަދުނާމް ކުރުމުގެ ހައްގެއް މި ސަރުކާރަކަށް ނެތެވެ. 

އެހެން ނޫނަސް ވެރިކަން ކޮށްދޭށޭ ކިޔާ ޑރ. މުއިއްޒުގެ ދެފައިމައްޗަށް ވެއްޓި ދިވެހިރައްޔިތުން އާދޭހެއް ނުކުރެއެވެ. ހެއްދެވިހާ ބޮޑެތި ދޮގު ވައުދުތައްވެ ހުސްގޮނޑިއަކާއި ފޮޓޯގަނޑެއް ދައްކައިގެން ރައްޔިތުންގެ ފަހަތުން ހިނގާ ރޮއި ހޭރިގެން ވެރިކަން ހޯދީ މުއިއްޒު ބޭނުންވެގެންނެވެ. ވެރިކަމަކީ ވެރިކަމަށް ބަނޑުކެޑިފައި ހުރިވަރުން ދިއްލިފައިހުރި ކަމަށް ބުނި ފެހިސގްނަލްތަކެއް ދައްކާ ބައެއްގެ ލޮލުގައި ޖާދޫގެ އަދުނެއް އަޅުވައިގެން ހޯދިވެރިކަމެކެވެ. 

އެހެން ކަމުން އެމްޑީޕީގެ ސަރުކާރުތަކުން ވެރިކަން ކުރިގޮތޭ ކިޔައިގެން ސައީދެއްކަމަކު މިހާރަކު ވާހަކަ ދައްކާކަށް ތާހިރެއް ނޫނެވެ. އާނއެކެވެ. ހުވާކުރި ތަނުން އަޒުލްކޮށް މުއިއްޒުގެ ވެރިކަން ވަޢްޓާ ލެވުނުނަމަ ރައްޔިތުން މި ހާލަކު ނުޖެހުނީހެވެ.