ބަޔަކު މަގުމަތިކުރާ ފެނަކައެއް ރައްޔިތުންނަށް ބޭނުމެއްނޫން!
ބައިއަޅައިގެން އަމިއްލަ ބަޔަކަށް ކޮންޓްރެކްޓަށް ދީގެން ބަންގާޅިންނަށް މުސާރަ
ރަށްރަށުގައި ސަރުކާރު ކުންފުނި ތަކުން ކުރެވޭ އިމާރާތްތައް ގިނައެވެ. ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމު ގާއިމު ކުރުން ފަދަ ބޮޑެތި އެތައް މަސައްކަތެއް އެބަ ކުރެވެއެވެ. އެފަދަ މަސައްކަތް ތަކަކީ އެ މަސައްކަތް ހިންގުވާ ސަރުކާރު ކުންފުނި ތަކުގެ އިސް މީހުނަށް ބައި އަޅައިގެން ބަޔަކަށް ކޮންޓްރެކްޓް ދީގެން ކުރެވޭ ކަންކަމުގެ ގޮތުގައި ވެފައި ވަނީ މަދެއްކޮށް ނޫނެވެ. އެކަމަށް ހިނގާ ހަރަދު މަސައްކަތަށް ހިގާނެ ހަގީގީ ހަރަދަށް ވުރެ އެތައް ގުނައެއް ބޮޑުވެގެން ގޮސްފައިވަނީ މަދެއްކޮށް ނޫނެވެ.
ރަށް ރަށުގައި ބޮޑެތި މަސައްކަތްތައް ކުރެވޭއިރު އެ ރަށެއްގެ ރައްޔިތުންނަށް އެކަމުގެ އެއްވެސް މަންފާއެއް ނުކުރެއެވެ. ކޮންޓްރެކްޓް ނަގައިގެން އަރަނީ ރަށުން ބޭރު ކުންފުނި ތަކެވެ. މަސައްކަތް ނަގައިގެން އުޅޭ އަމިއްލަ ކުންފުނި ތަކުގެ މަސައްކަތުގައި ގެންގުޅެނީ އަގު ހެޔޮ ބިދޭސީންނެވެ. ބިދޭސީ ގިނަ އަދަދެއްގެ މުއައްޒަފުން ރަށް ރަށުގައި އުޅެން ފެށުމުން އެރަށަކަށް ވަންނަން ޖެހޭ އެހެން ގިނަ ފައިސާ ވެސް ވަދެގެން ދަނީ ބޭރު މީހުންގެ ޖީބަށެވެ. ރަށު މީހާ ހުންނަން ޖެހެނީ މަސައްކަތެއް ނެތި، ރަށުގައި ހުރެގެން އާމްދަނީ ހޯދޭނެ ގޮތެއް ނެތި ބިކަވެފައެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި އެންމެ ބޮޑަށް އަމާޒު ހިފާފައި ހުރީ އެ ރަށެއްގައި ކުރެވޭ ސަރުކާރު މަސައްކަތެއްގެ މަންފާ ވީހާވެސް ބޮޑަކަށް އެރަށެއްގެ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ސަރުކާރުގެ މަސައްކަތްތައް ކުރުވުމަށެވެ. ރަށްރަށުގައި ހިންގާ މަސައްކަތްތައް އައުޓުސޯސް ކުރުމުގެ ބަދަލުގައި އެ ރަށްރަށުން މުއައްޒަފުން ނަގައިގެން އެ މީހުން ލައްވާ ކުރުވުމަށެވެ. ރަށް ރަށުގައި އަނބި ދަރިންނާއި އާއިލާއާއި އެކު ތިބެގެން ވަޒީފާ އަދާކޮށްގެން ގިނަ ބަޔަކަށް އާމްދަނީ ލިބޭނެ ގޮތަށް މަސައްކަތްތައް ކުރުމަށް ވަރަށް ބޮޑު އިސްކަމެއް އޭރު ދެވެމުން ދިޔައެވެ.
ރަށް ރަށުގައި އަސާސީ ހިދުމަތްދޭ ކުންފުނި ތަކަށް ފަންނީ ގާބިލު މީހުން ލައިގެން އެ މީހުންގެ ބެލުމުގެ ދަށުން ކުންފުނީގެ މުއައްޒަފުން ލައްވާ މަސައްކަތް ކުރުވުމަކީ އެއް ގޮތަށްވުރެ ގިނަ ގޮތުން ފައިދާ ހުރި ކަމެކެވެ. ސަރުކާރު ކުންފުނި ތަކުގެ މޭންޕަވަރ ވަރުގަދަވެ މަސައްކަތްތެރި ވައްޓަފާޅި ހުރި ގިނަ ދިވެހިން ތަކެއް އުފެއްދޭނެއެވެ.
ކުންފުނީގެ މުއައްޒަފުން ލައްވާ މަސައްކަތް ކުރުވުމުން އެއްފަހަރާ ގަނޑުކޮށް ކުންފުނިން ފައިސާ ތަކެއް ކޮންޓްރެކްޓަރަށް ދޭކަށް ނުޖެހޭނެއެވެ. އެއްފަހަރާ ގަނޑުކޮށް ކޮންޓްރެކްޓަރަށް ގިނަ އަދަދަކަށް ފައިސާ ދިނުމުން އެވަގުތައް ކުންފުނީގެ ކޭޝްފްލޯއަށް އަންނަ ކުއްލި ހީނަރުކަން ނައިސް ކޭޝްފްލޯ މެނޭޖު ކުރެވޭނެއެވެ. ކޮންޓްރެކްޓަރަށް ފައިސާ ނުދެވިގެން މަސައްކަތް ހުއްޓާލަން ޖެހުމުގެ ބިރެއް ނުއޮންނާނެއެވެ.
ކުންފުނީގެ މާލީ ފުދުން ތެރިކަން ހުންނަ ވަރަކުން މުއައްޒަފުންގެ ކަންކަން މެނޭޖުކޮށްގެން ކުންފުނިން ހިންގާ އެހެން މަސައްކަތް ތަކުގައި މުއައްޒަފުން ޖާމިނު ކުރެވޭނެއެވެ. ސަރުކާރު ކުންފުނި ތަކުން ހިންގާ މަޝްރޫއު ތަކުން މަދު ވަކިވަކި މީހުނަށް ބޮޑެތި އަދަދުން ފައިސާ ލިބުމަށްވުރެ ރަށް ރަށުގައި ތިބި ގިނަ ބަޔަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސައިން އެތައް ބައެއްގެ ދިރިއުޅުން ފާގަތިވެ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅޭ އާއިލާތައް އިތުރުވެގެން ދާނެއެވެ.
ދެކޮޅު ޖެއްސުމުގެ ނަމުގައި ކުންފުނި ތަކުން މުއައްޒަފުން ކަނޑާ އެ ކުންފުނި ތަކުގެ މަސައްކަތް ކޮންޓްރެކްޓަށް ދީގެން ބަންގާޅިންނަށް މުސާރަ ދީގެން ރާއްޖޭގެ އިގުތިސާދުގައި ދައުރުވާން އޮތް ފައިސާ ތަކެއް ޑޮލަރަށް ހަދައިގެން ބޭރު ކުރުމަށް ފޫގަޅާލައިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ. ސަރުކާރު ކުންފުނި ތަކުގައި ދިވެހި މުއައްޒަފުން ގިނަވެގެން އެމީހުން ކަނޑާ އަޅަނީ ތަޅުލެވިފައިވާ ސިނކުޑިއަކުން ވިސްނާތީއެވެ. ސަރުކާރެއް އޮންނަނީ ރައްޔިތުންގެ އެކަކުވެސް މަގުމަތިކޮށް އާއިލާތައް ބިކަ ކުރާކަށް ނޫނެވެ. ރައްޔިތުންގެ ބަޔަކު މަގުމަތިކުރާ ފެނަކައެއް ސްޓެލްކޯއެއް ދިވެހި ރައްޔިތުންނަކަށް ބޭނުމެއް ނުވާނެއެވެ.