އިންޑިއާ ސިފައިންނޭ ކިޔައިގެން ހެދި ދޮގު ބޭޒާރު
ވެރިކަމުގެ ބޭނުމުގައި ރައްޔިތުންނަށް އޮޅުވާލި
ރާއްޖެފުރާ އޮތީ ހާހުން އަރާތިބި އިންޑިއާ ސިފަައިން ކަމަށް ބުނެ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކެމްޕޭނުގައި ރައްޔިތުންނަށް އޮޅުވާލާ ދޮގާ މަކަރު ހަދައިގެންކަން ފަޅާއަރައިފިއެވެ.
އިންޑިއާގެ ހަތިޔާރު އެޅި އެތަށް ސަތޭކަ ނުވަތަ ހާހުން ގުނޭ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ތިބިކަމަށް ރައީސް މުޢިއްޒުގެ ކެމްޕޭނުގައި ތަކުރާރުކޮށް ރައްޔިތުންގާތު ކިޔަމުން ދިޔައެވެ.
އޭރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ޖެނެރަލް ޢަބްދުއްރަޙީމް ތަކުރާރުކޮށް މީޑިއާގައި ވިދާޅުވަމުން ގެންދެވީ ހަތިޔާރުއެޅި ބޭރު އެއްވެސް ގަައުމެއްގެ ސިފައިން ރާއްޖޭގައި ނެތް ކަމަށެވެ. އަދި ހަމަ އެފަދައިން ރާއްޖޭގެ ދިފާޢުގެ ފުލް ކޮންޓްރޯލް އޮތީ ދިވެހި ސިފައިންގެ ބާރުގެ ދަށުގައި ކަމަށެވެ.
ހުވާކުރެއްވުމާ އެކު ލަސްތަކެއްނުވެ ޖެނެރަލް ޢަބްދުއްރަޙީމަށް ރައީސް މުއިއްޒު ސިފައިންގެ ވެރިކަން ޙަވާލު ކުރެއްވިއެވެ. ޢަބްދުއްރަޙީމަކީ އިތުރުފުޅު ހައްދަވާ، މުއިއްޒުގެ ކެމްޕޭނުގައި ބުނަމުން ދިޔަފަދަ ޣައްދާރެއް ނަމަ ހުވާ ކުރެއްވުމާއެކު ސިފައިންގެ ވެރިކަން ޢަބްދުއްރަޙީމަށް ނުދެއްވާނެ ކަމަށް ގިނަބަޔަކު ބުނަމުން ދިޔައެވެ.
އެންމެ ފަހުން ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާއަށް ނިސްބަތްވާ 77 މީހުން ކަމަށް ރައީސް މުއިއްޒުގެ ސަރުކާރުން ހާމަ ކޮށްފިއެވެ. މިއާއެކު ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންނަށް އޮޅުވާލި ބޮޑުކަމާއި ހެދި ދޮގާ މަކަރު މިވަނީ އަމިއްލަ އިޢުތިރާފުން ބޭޒާރުވެފައެވެ
ކުރީގެ ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދިޔައީ ރާއްޖޭގަައި ތިބީ ރައީސް ނަޝީދާ ރައީސް ޔާމީނުގެ ވެރިކަމުގަައި އިންޑިއާއިން ގެނައި 2 ހެލިކޮޕްޓަރާ ޑޯނިއާ މަތިންދާ ބޯޓުގެ ޕައިލެޓުންނާ ކްރޫންނާ އިންޖިނޭރުންނާ ޓެކްނީޝަނުން ކަމަށެވެ.
އަދި އެއީ ސަރަހައްދު ބެލެހެއްޓުމާ ރެސްކިއު އަދި އިންސާނީ އެހީ ފޯރުކޮށް ދިނުމުގަައި އެމްއެންޑީއެފްގެ ބޭނުންކުރާ އުޅަނދު ފަހަރު ކަމަށެވެ.