ހުކުމުގެކުރިން މަޖިލީހުގެ ވަރަކޮށާލި އިސްލާހުން ސްޕްރީމްކޯޓް ބަނދެލުން!

ހުކުމުގެކުރިން މަޖިލީހުގެ ވަރަކޮށާލި އިސްލާހުން ސްޕްރީމްކޯޓް ބަނދެލުން!

ސަރުކާރު ހިންގުމަށް ބޭނުންވާ އިންތިޒާމީ ހެޔޮ އިސްލާހީ ބަދަލުތައް އާއްމު ގާނޫނުތަކަށް ގެނައުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ހާލަތާ ވަގުތައް ބަލާ އާއްމު ގާނޫނުތަކަށް ހާލަތާގުޅޭ ބަދަލުތައް ގެންނަންވެސް ޖެހޭނެއެވެ. އެހެނެއް ކަމަކު ރައީސް މުއިއްޒު ކުޅޭކުޅޭ އެއްޗަކަށް އާއްމު ގާނޫނުތަކާއި ގާނޫނު އަސާސީ ހަދަން ނުހަދާށެވެ. ދައުލަތުގެ ބާރުތަކާއި ފާރަވެރިވުމާއި ޖަވާބުދާރީ ކުރުވުމުގެ އުސޫލުތަކާ ހިތުހުރި ގޮތަކަށް އެކަކަށްވެސް ކުޅެގެން ނުވާނެއެވެ. ތިންބާރު ވަކިކޮށް އެއްބާރުން އަނެއް ބާރަށް އަރައިނުގަނެ ޖަވާބުދާރީ ކުރެވެނިވި ދައުލަތަކަށް ދައުލަތް ހިންގުން ބަދަލުކުރީ ވެރިކަން ހިންގާ ބާރުން ހިތުހުރި ގޮތަކަށް ކަންކަން ކުރިޔަނުދިނުމަށެވެ. 

ވެރިމީހާގެ މުށުތެރެއަށް ސަރުކާރާއި މަޖިލީހާއި ފަނޑިޔާރުގެ ލައިގެން ފާރަވެރިވާ މުއައްސަސާތަކުގެ ވާގިނައްތާލައިގެން ކުރާވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއް ނޫނެވެ. 2007 ގައި ހންގަންފެށި ގާނޫނު އަސާސީގެ މައިގަނޑު ބާރަކީ ރައްޔިތުންގެ ބާރެވެ. އައު ގާނޫނު އަސާސީން އެންމެ ބޮޑު ބާރެއް ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ރައްޔިތުންގެ މަޖިލިސް ރައީސުލްޖުމްހޫރިއްޔާގެ ގޮނޑިކޮއްކޮއަކަށް ބަދަލުވުމުން ފަނޑިޔާރުގެއޭ މިނިވަން މުއަައްސަސާތަކޭ ކިޔުމުގެ ބޭނުމެއް ނެތެވެ. އޭރުން ދަމެއްގެ ދެކޮޅުވެސް ގާނޫނު އަސާސީއާއި ގާނޫނުތަކަށް ބަދަލު ގެނެސްގެން ރައީސުލްޖުމްހޫރިއްޔާ ބޭނުންހާ ގޮތަކަށް ކަންކަން ބަދަލުކޮށް ރައްޔިތުންގެ ބާރު ކަނޑުވާލާނެއެވެ. ހަތިޔާރާއި ބާރުގެ ކުރިމަތީގައި ރައްޔިތުން ޖެހޭނީ ކުޑަކަކޫ ޖަހާށެވެ. މަޖިލީހުން ފާސްކޮށްކޮށްގެން ގާނޫނު ހިންގުމުގެ ނަމުގައި ކޮށްފާ ނުކުރާނެ ކަމެއް ނުއޮންނާނެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މައްޗަށް މުއިއްޒުގެ ފުރިހަމަ ބާރު ހިންގުމަށްޓަކައި ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް އެ އޮތީ ބަދަލު ގެނެސް ފައެވެ. އިސްލާހު ފާސްކުރީ ދާއިރާތަކުގެ ރައްޔިތުން އިންތިހާބު ކޮށްފައިވާ މީހަކު ވަކިކޮށްލާއިރު ރައްޔިތުން ކުރެން ހޭވެސް އަހާލަން ނުޖެހޭ ގޮތަށެވެ. ތިން ބާރުން އެއްބާރު ވަކި ބާރަކަށް ރަހީނު ކުރެވޭވަރުގެ ބޮޑު އިސްލާހެއް ގާނޫނު އަަސާސީއަށް ގެނެސް ނިންމާލީ ރައްޔިތުންގެ ހިޔާލުހުރި ގޮތް ބަލާލުމެއްނެތި އައްޑަން އިރުގެތެރޭގައެވެ. 

ތިން ބާރުން އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ވަރަކޮށާލި އިސްލާހާ ދެކޮޅަށް ސްޕްރީމް ކޯޓަށް އިލްތިމާސް ކޮށްފައި އޮތުމުން ދެން ވާގޮތް ބަލަން ތިބޭށެވެ. މަޖިލީހުގެ މެންބަރުންގެ ގޮޑިގެއްލޭ މައްސަލައަށް ސްޕްރީމް ކޯޓުން އަދުލުވެރި ހުކުމެއް ނެރުނަ ނުދިނުމަށް މުއިއްޒު މަޖިލީހުގެ ބޭނުން ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ. މުއިއްޒު އެކަން ކުރަނީ ސްޕްރީމް ކޯޓުގައި އޮތް މަޖިލީހުގެ ވަރަކޮށާލި އިސްލާހުގެ ބޭނުން ހިފައިގެން ގޮނޑި ގެއްލުވާލާނެ ކަމުގެ ބިރު މަޖިލީސް މެންބަރުންނަށް ދައްކައިގެންނެވެ. މުއިއްޒު އަމާޒު ހިފާފައިހުރީ މަޖިލީހުގެ ވަރަކޮށާލި އިސްލާހަށް ހުކުމް ކުރުމުގެ ކުރިން ސްޕްރީމް ކޯޓުގެ ބެންޗް ބަދަލުކޮށްލުމަށެވެ. ސްޕްރިމް ކޯޓުގެ ފަޑިޔާރުންގެ މެޖޯރިޓީ މުއިއްޒުގެ ޕަޕެޓުންނަށް ހެދުމަށެވެ. 

މުއިއްޒުގެ މުށުތެރެއަށް ރަނގަޅަށް ސްޕްރީމް ކޯޓު ލެވުމުން ތިންބާރެކޭ ޖަވާބުދާރީއެކޭ ޑިމޮކްރަސީއެކޭ އަދުލު އިންސާފޭ ރާއްޖޭގައި އެކަކުވެސް ކިޔާނެކަމެއް ނެތެވެ. ވެރިކަން ހިންގުމުގެ ކަންކަން އެ ހިސާބަށް ދިޔުމުން ގޮތްހުސްވެ ކޮންމެ މީހަކީ އަމިއްލަ އަމީރަކަށްވެ ހުކުންކޮށް ހުކުން ތަންފީޒު ކުރާނީ އަމިއްލަ އަމިއްލައަށެވެ.