ނޫސްވެރި ވުމަކީ ކުށުން ބަރީއަވުމުގެ ލައިސަނެއްނޫން
ނޫސްވެރިއެއްގެ ގޮތުގައިހުރެ މުޒާހަރާގެ ބައިވެރިއެއް ފާޑަށް ނޫސްވެރިޔަކު ނޫޅޭނެ!
ނޫސްވެރިކަމަކީ ވާޖިބު ތަކަކާއި ޒިންމަތަކަކާއެކު އިމްތިޔާޒްތަކަކާއި ހައްގުތަކެއް ދީފައި އޮންނަ ކަމެކެވެ. ކޮންމެ ނޫސްވެރިޔަކު އޭނާ ޒިންމާ އަދާކުރުމުގައި ދަމަހައްޓާ ނަގަހައްޓަން ޖެހޭ ހަމަތަކާއި އުސޫލުތަކެއް އޮވެއެވެ. އެ މީހަކު މަސައްކަތްކުރާ ނޫސް އެޖެންސީއެއްގައި ލިޔެވިފައި އޮންނަ އެޑިޓޯރިއަލް ޕޮލިސީއަކާއި ސުލޫކީ ހަމަތަކެއް ހުރެއެވެ. އަމްދުން މުޒާހަރާތަކާއި އެއްވުތަކަށް ގޮސް ނޫސްވެރިއަކު އުޅެންޖެހޭ ވަކި ގޮތްތަކެއް ހުރެއެވެ. އަޅަން ޖެހޭ ވަކި ހެދުމެއް ނުވަތަ ނޫސްވެރިއެއްކަން އަންގައިދޭ ހާއްސަ ކާޑެއް ހާމަކޮށް ފެންނަން ހުންނަން ޖެހެއެވެ.
އިންވެސްޓިގޭޓެޑް ޖާނަލިޒަމްގައި ޝަހުސު ފޮރުވިގެން ނޫނީ ނުހޯދޭ ކަންކަން ހޯދަން ނޫސްވެރިއެއް ނޫން ސިފައެއްގައި ކަންކަމުގެ ތެރެއަށް ނޫސްވެރިން ވަދެއެވެ. އެ ގޮތަށް ވަދެ އުޅޭ އުޅުމުގައި ނޫސްވެރިޔަކަށް އޮންނަ އިމްތިޔާޒެއް އެ ނޫސްވެރިޔާ ބޭނުމެއް ނުވާނެއެވެ. ބޭނުން ވިޔަސް ނުލިބޭނެއެވެ. އޭނާ އެ ވަގުތު ވާނީ އެ ކަމެއްގައި ޝަމިލުވާ އެހެން މީހުން ފަދަ މީހަކަށެވެ.
ނޫސްވެރިކަމުގެ މަސައްކަތެއްގައި އެއްވުމަކަށް ދިޔަ ނޫސްވެރިއަކަށް ވާނަމަ އެކަން ސާފުކޮށް އެގޭނެހެން ކާކުކަން އަންގާ ދޭނެ އައިޑެންޓިޓީއެއް ދިމާލަށް ފެންނަން ހުންނާނެއެވެ. ހުންނަން ޖެހޭނެއެވެ. މުޒާހަރާގެ ބައިވެރިއަކު އަމަލު ކުރާ ގޮތަކަށް ނޫސްވެރިޔެއްގެ ގޮތުގައި ހުރެ މުޒާހަރާ ކުރާ ސަރަހައްދުގައި ނޫސްވެރިޔަކު ނޫޅޭނެއެވެ. މަސައްކަތްކުރާ ނޫސްއެޖެންސީގެ އެޑިޓޯރިއަލް ޕޮލިސީގައި އެ މުޒާހަރާއެއް ކުރާ ކަމެއްގެ މަސްލަހަތު އޮތަސް ނޫސްވެރިއެއްގެ ގޮތުގައިހުރެ މުޒާހަރާގެ ބައިވެރިއެއް ފާޑަކަށް ނޫސްވެރިޔާ އުޅެގެން ނުވެއެވެ. އެ ހިސާބުން ނޫސްވެރިކަމުގެ ހައިސިއްޔަތު ގެއްލި އެކްޓިވިސްޓެއްގެ ތޮފި އެޅެއެވެ. ޗެނަ.ް13ގެ ސަމާހަށް ލިބިގެން އެ އުޅެނީ އެ ލަނޑަށް ވުން ހާދަ ގާތެވެ.
އިންވެސްޓިގޭޓެޑް ޖާނަލިޒަމްގެ ތެރެއިން ޝަހުސު ފޮރުވިގެން ހުރެ މުޒާހަރާ ކުރާ ސަރަހައްދުގައި ނޫސްވެރިޔާ އުޅުނު ނަމަ ނޫސްވެރިކަމުގެ ހައްގު ގެއްލިގެން ޑިމާންޑް ކުރުމުގެ ހައްގެއް އެ ނޫސްވެރިޔާ އަކަށް ނުއޮންނާނެއެވެ. އެ ހާލަތުގައި އޭނާއަކީ ޝަހުސު ފޮރުވިގެން ހުރި މުޅިން އެހެން މީހެކެވެ.
ނޫސްވެރިކަމުގެ ހައްގު ތައްމިނަށް ހޯދަން ވަކާލަތު ކުރާ ފަރާތް ތަކުން ވެސް ޒިންމާދާރު ނޫސްވެރިކަމަށް ވަކާލާތު ކުރެވޭތީއެއް ނުފެނެއެވެ. ހައްގާއި އިމްތިޔާޒާއި އެއްވަރަށް ވާޖިބާއި ޒިންމާދާރުވުން އޮތްކަން ހަނދާންކޮށް ދެވޭތަނެއް ނުފެނެއެވެ. އެޑިޓޯރިއަލް ޕޮލިސީއަކީ ކޮންމެ މަސްލަހަތެއް އިސް ކުރުން ކަމަށް ވިޔަސް އާންމު ސުލޫކީ މިންގަނޑުތައް ނަގަހައްޓަން ބާރު އެޅޭތަނެއް ނުފެނެއެވެ. ހަމަ ތެދެކެވެ. ނޫސްވެރިއަކަށް ވުމަކީ ޖިނާއީ ކުށެއް ކުރުމުން ކުށްވެރި ނުވުމުގެ ލައިސަނެއް ނޫނެވެ.