ނުރައްކަލުގެ ރަނގަބީލެއް: ދިވެހި ސަފީރު އިންޑިއާ ފޮރިން މިނިސްޓްރީއަށް

ރާއްޖެ-އިންޑިއާ ގުޅުން ކެނޑުމުގެ ސިގްނަލް

ނުރައްކަލުގެ ރަނގަބީލެއް: ދިވެހި ސަފީރު އިންޑިއާ ފޮރިން މިނިސްޓްރީއަށް

އިންޑިއާ އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރ އިބްރާހިމް ޝަހީބާއި ފަސްޓް ސެކެރެޓަރީ އިންޑިއާގެ ފޮރިން މިނިސްޓްރީއަށް ހާޒިރު ކޮށްފިއެވެ.

ގައުމަކުން ގައުމަކަށް ކަނޑައަޅާފައި ހުންނަ ސަފީރަކު ހާޒިރު ކުރުމަކީ ގައުމަކުން ނުރުހުން ފާޅު ކުރުމުގެ ގޮތުން އަޅާ ފުރަތަމަ ފިޔަވަޅެވެ. އެއްގައުމު އަނެއް ގައުމާ އޮންނަ ޑިޕްލޮމެޓިކް ގުޅުން ގޯސްވެއްޖެ ކަން ރަމްޒުކޮށްދޭ ފުރަތަމަ ފިޔަވަޅަކީ ސަފީރުން ފޮރިން އޮފީހަށް ހާޒިރު ކުރުމެވެ. ސަފީރުން އަނބުރާ ފޮނުވާލުމާ ސިޔާސީ ގުޅުން ކަނޑާލުމަކީ އޭގެ ފަހުން ކުރެވޭ ކަންކަމެވެ.

ރާއްޖޭގެ ތާރީހުގައި މީގެކުރިން ދުވަހަކު ވެސް ދިވެހި ސަފީރަކު އެއްވެސް ގައުމެއްގެ ފޮރިން އޮފީހަށް ހާޒިރުކޮށްފައެއް ނުވެއެވެ. ބައިނަލްއަގުވާމީ ގޮތުން ރާއްޖޭގައި އެވަރުގެ ލައްގަނޑެއް ޖެއްސި ސަރުކާރެއް ދިވެހިން ދެކެފައެއް ނުވެއެވެ. 

ވެރިކަމަށް އައުމުގެ ދަހިވެތިކަމުގައި މުއައްޒު ޖެއްސި އިންޑިއާ އައުޓް ކެންޕޭން ވެގެން ގޮސްފައިވަނީ ރާއްޖެއަށް އިޔާދަނުކުރެވޭ ވަރުގެ ކަމަކަށް ވެފައެވެ. ރާއްޖެ އިގުތިސާދު ފުނޑި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލަކަށް ވެފައެވެ.

ދިވެހި ސަފީރު އިންޑިއާގެ ފޮރިން އޮފީހަށް ހާޒިރު ކުރުމާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުން ތަކެއް އިންޑިއާއަށް އެރުން މަނާ ކުރުމަކީ ހީކުރާ ވަރަށްވުރެ ބިރުވެރި ކަމެކެވެ.