އަންނި ރިޔާސަތުން ނުފައިބަން މުއިއްޒު ބޮލަށް ޗިޕް

ކޮންމެ މީހަކު ރިޔާސަތުގާ އިނަސް މުއިއްޒަށް ހުވާ ކުރެއްވޭނެ

އަންނި ރިޔާސަތުން ނުފައިބަން މުއިއްޒު ބޮލަށް ޗިޕް

ނަޝީދު މަޖިލީހުގެ ރައީސް ކަމުގައި ނެތުމަކީ އިންތިހާބީ ރައީސް ހުވާ ކުރުމަށް ކޮން ހުރަހެއް އޮތް ކަމެއް ހެއްޔެވެ. ނަޝީދު ނެތިއްޔާ ކޮންމެވެސް އެހެން މީހަކު އެ ގޮނޑީގައި އިންނާނެއެވެ.

މަޖިލިސްގެ ރައީސް ކަމަކީ ނަޝީދުގެ ވާރުތަ މުދާ ގަނޑެއް ނޫނެވެ. 29 އޮކްޓޫބަރ ގައި މަޖިލީހުގެ ރައީސް މަގާމުން ވަކިކުރިއެއްކަމަކު އައު މީހަކު މަޖިލިސްގެ ރައީސްކަމަށް ގެންނާނެ ވަގުތު ނުލާހިކު ބޮޑަށް އެބައޮތެވެ. އެމީހަކަށް އައު ރައީސް ހުވާ ކުރުމުގެ ކަންތައް 17 ނޮވެންބަރގައި ކުރިއަށް ގެންދިޔުމަށް ހުރަހެއް ނެތެވެ.

ދަ ޑިމޮކްރެޓްސް އިން ޖަހަން އުޅޭ ސަކަރާތަކީ އިންތިހާބީ ރައީސް ހުވާ ކުރުމަށް ހުރަސް އަޅާކަމަށް އަޑުފަތުރައިގެން މަޖިލީހުގެ ރިޔާސަތުގައި ނަޝީދު ބޭންދުމުގެ މަސައްކަތެވެ.

މިމަހުގެ 29 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާގައި ގަޑުބަޑު އުފައްދައިގެން މަޖިލިސް ހުއްޓުވުމަކީ ނަޝީދުގެ ހީލަތްތެރި ރޭވުމެކެވެ. ނަޝީދު ބޭނުންވާ ގޮތަށް މަޖިލިސް ގަޑުބަޑު ކުރުވާ ނިޒާމް ގެއްލުވާލުމުގައި އިސްވެ އިންނާނީ އެދުވަހުގެ ރިޔާސަތުގައި އިންނަ އަންނިގެ ގޮނޑިކޮއްކޮ މަޖިލީހުގެ ނައިބު ރައީސް އީވާއެވެ. 

ނަޝީދު ރާވައިގެން ހިންގާން އުޅޭ ހީލަތްތެރި ޖަރީމާގައި ޕީޕީއެމް-ޕީއެންސީ މެންބަރުން ޖެއްސުމަށް އިންތިހާބީ ރައީސް ހުވާކުރުމާ ގުޅުވަނީ ޑރ.މުއިއްޒަކީ އަންނި ހީކުރާ ކަހަލަ މޮޔައެއް ކަމަށް ހީވާތީ ހެއްޔެވެ. ޑރ. މުއިއްޒު އަންނިގެ މަޅިއަކު ޖެހިވަޑައެއް ނުގަންނަވާ މެއެވެ. 

ކެބިނެޓް އެޕްރޫވް ކުރުމާއި ބަޖެޓް ފާސްކުރުން ކުރިމަތީގައި އޮއްވާ މަޖިލީހުގެ މެޖޯރިޓީއާ ދެކޮޅަށް އެއްވެސް ކަމެއް މިވަގުތު މުއިއްޒު ނުކުރައްވާނެ ކަން ޔަގީނެވެ. އަމްދުން މަޖިލީހުގެ ރައީސް ކަމުގައި ކޮންމެ މީހަކު ހުއްޓަސް ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމަށް ހުރަހެއް ނުއޮންނާނެކަން އިންތިހާބީ ރައީސަށް އެނގިވަޑައި ގަންނަވާނެއެވެ.