ފަލަސްތީނާ އެކު އެކަކުވެސް ނެތް

ނަމެއްގައި ފަލަސްތީނާއެކު

ފަލަސްތީނާ އެކު އެކަކުވެސް ނެތް

ފަތިސްވަންދެން އޮތީ ކަރޯކޭ ޖައްސާފަ ޕާޓީ ކޮށްފަ ގަދަޔަށް ކެއުމެވެ. ފަތިސް ނަމާދާ ކައިރި ވެފައި ވަނިކޮށް ނިދުނީ ކަމެއް ދެމުނީ ކަމެއް ނޭނގެއެވެ. ދެބަދޭތެރެ އެއްގައި ފަތިސް ނަމާދަށް ގޮވާ އަޑު އިވިއިވި ހުއްޓާ ވީނުވީއެއް ނޭނގުނެވެ. ހޭލެވުނީ މެންދުރު ފަސްވި ފަހުންނެވެ. ހޭލެވުނު ގޮތަށް ފޯނު ނަގާ ބަލާލިއިރު ފަލަސްތީނުގެ ހޮސްޕިޓަލަކަށް އިސްރާއީލުން ބޮން އަޅާ 500 އަށްވުރެ ގިނަ މީހުން އެއް ފަހަރާ މަރާލި ޚަބަރުން ދުނިޔެ ފުފެނީއެވެ. އިއްޔެ އަށްވުރެ ބޮޑަށް އިޒްރޭލް ދެކެ ރުޅި އަތުވެއްޖެއެވެ.

ސޯޝަލް މީޑިއާގެ ހުރިހާ އެކައުންޓެއްގެ ޕްރޮފައިލްގައި އިއްޔެ އިންނާނީ ފަލަސްތީނު ދިދައެވެ. އަހަރެން މިހުރީ ފަލަސްތީނާ އެކު ކަމުގައި އަބަދުވެސް ސްޓޭޓަސްގައި އިންނާނެއެވެ. ކްރައިފޭސް އާއި ފަަޅައިގެންފައިވާ ހިތްތައް ކޮންމެ ދުވަހަކު އަޕް ކުރަމެވެ. ހޮސްޕިޓަލަށް ބޮން އެޅުމާ ގުޅިގެން އައި ރުޅީގައި ހުރިހާ ސްޓޭޓަސް ބަދަލު ކުރީ އިޒްރޭލަށް ކޯފާ ލައްވާ ހަލާކު ކުރެއްވުމަށް ދުޢާ ކުރަމުންނެވެ. ތަކުބީރާ ޝަހާދަތުގެ ދެކަލިމައާ ގުރްއާނުގެ އާޔަތް ތަކަށް ސްޓޭޓަސް ބަދަލުކޮށް ނުނިމެނީސް ރަހުމަތް ތެރިޔަކު ގުޅާވަރުން ފޯން ނަގައިފީމެވެ. މަސްދަތުރު ދާނެ ލޯންޗެެއް ލިބުނު ވާހަކަ ބުންޏެވެ. އަގަކީ 5000ރުފިޔާއެވެ. ލޯންޗް ކުއްޔާ ގަންނަން ޖެހޭ ކާނާ އާއި އެހެނިހެން ސާމާނާ އެކު 9 ހާސް ރުފިޔާ ވަގުތުން ޓްރާންސްފަރ ކުރީމެވެވެ.

ހަމަ އެވަގުތު އަންހެނުން ވަދެެއްޖެއެވެ. ފުރަތަމަ ވެސް ބުނީ އިޒްރޭލުން ގާޒާގެ ހޮސްޕިޓަލަށް ބޮން އެޅި ވާހަކައެވެ. އައި ރުޅީގައި ދެމީހުން ވެގެން އިޒްރޭލާ ދިމާއަށް ލައްކަ އެއްޗެހި ގޮވާލީމެވެ. އޭގެ ފަހުގައި އަންހެނުން ބުނީ މިއައީ މިރޭ ސިނަމާއަށް ދާތީ ޓިކެޓް ގަންނަން ވެގެންނެވެ. ހުރިހާ ރައްޓެހިންނަށް ޓިކެޓް ގަނެދީ ދެންވެސް ހިނގާނެ ޚަރަދަށް ބޭނުންވާ ފައިސާ ވޮލެޓުން ނަގައިގެން ނުކުތުމަށް ފަހު އަނެއްކާ ކޮޓަރީގެ ދޮރު ހުޅުވާލުމަށް ފަހު ބުނީ އަނެއްކާ ގާޒާއަށް ބޮން އެޅިތަން އެބަދައްކާ ކަމަށެވެ. ކިހާ ދެރަކަމެެއްހޭ ބުނީމެވެ. އެހެން ވެގެން މި ރާއްޖޭގައިވެސް މިސްކިތްތަކުގައި ކޮންމެ ނަމާދެއްގެ ފަހުގައި ގުނޫތެއް ކިޔަން ފަށައިފި ނުންހެއްޔޭ ބުނީމެވެ. އެއާއި އެކު މިރޭ މަހަށްދާ ވާހަކަ ވެސް ބުނީމެވެ. އެވަގުތު އަންހެނުން ބުނީ ސިނަމާ ނިމިގެން އާދެވޭ އިރު ލަސްވާނެތީ މަހުން އައިސް ބޭރުން ކާލުމަށެވެ.

އެންމެ އާދައިގެ މީހާއިން ފެށިގެން މުއްސަނދި ގައުމުތަކުގެ ވެރިންނަށް ދަންދެން އެންމެން ވެސް ތިބީ މިގޮތަށް ފަލަސްތީނާ އެކުގައެވެ. ނަމަވެސް އެންމެން ވެސް އުޅެނީ މަޖަލާ އުފަލުގައެވެ.