ޕީޖީ އައްބާސް ވެސްވާނީ ޕޯސްޓްމަނަކަށް!

ބިސްމީގެ ޓްވީޓަކުން ފެށުމަކީ އަދުލުވެރިވުމުގެ ހެއްކެއް ނޫން

ޕީޖީ އައްބާސް ވެސްވާނީ ޕޯސްޓްމަނަކަށް!

ޕްރޮސިކިއުޓަރ ޖެނެރަލަކީ ޖިނާއީ އަދުލުގެ ނިޒާމުގެ މައިބަދައެވެ. ރާއްޖޭގައި ހިންގާ ޖިނާއީ ކޮންމެ ތަހުގީގެއް މޯޓިވް އޮންނަނީ ޕީޖީގެ މުށުގައެވެ. ޖިނާއީ ކޮންމެ ޝަރީއަތެއްގައި ޖެހޭނީ ޕީޖީ ޖެއްސިކުލައެކެވެ. ގާނޫނު އަސާސީން ވަރަށް ބޮޑެތި ބާރުތަކަކާއި މަސްއޫލިއްޔަތެއް ޕްރޮސިކިއުޓަރ ޖެނެރަލާ މަތިކޮށްފައި އޮތަތީއެވެ. ގާނޫނު އަސާސީގެ 223 ވަނަ މާއްދާ ހާއްސަވެފައިވަނީ އެކަންކަމުގެ މައްޗަށެވެ.

ކިތަންމެ ބޮޑެތި ބާރުތަކަކާއި އިހުތިޔާރުތަކެއް ގާނޫނުން ބަޔަކަށްދީފާ އޮތަސް ރާއްޖޭގައި އަދުލުވެރިކަމެއް ނެތެވެ. ތަހުގީގް ކުރުމާއި ދައުވާކުރުމާއި ޝަރީއަތްކުރުމާއި ހުކުން އިއްވުމާއި ހުކުން ތަންފީޒު ކުރުމުގައި ރާއްޖޭގައި އަދުލުވެރިކަން އޮތްކަމަކަށް އެކަކުވެސް ގަބޫލެއް ނުކުރެއެވެ.

ތަހުގީގުތަކާ މަތިވެގެން ތިބޭ މީހުންނާއި ޕީޖީންނާއި ފަނޑިޔާރުން މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެގެން ތިބެނީ މާތް ރަސްކަނލާގެ ރަސްކަންފުޅު ގަންދީ ހުވާ ކޮށްގެންނެވެ. މަގާމާ ހަވާލުވުމަށް ފަހު ކަންކުރަނީ ކުރާނެ ގޮތަކަށެވެ. ކުރާ ހުވައެކޭ އެޕަކަށް އެކްސެސްވާން ޖަހާ ޕާސްވޯޑެކޭ ތަފާތެއް ނުހުރެއެވެ. 

ބިސްމީގެ ޓްވީޓަކުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން އައްބާސް ޝަރީފް ފެށުމަކީ އެކަމުގައި އައްބާސް އަދުލުވެރި ވާނެކަމުގެ ހެއްކެއްނޫނެވެ. މޫނަކަށް ކަނދުރާއަކަށް ނުބަލާ މަގާމުގެ ވާޖިބު އަދާކުރާނެކަމަށް ޕީޖީ މަގާމު ލިބުމުގެ ކުރިން އައު ޕީޖީ އައްބާސް ޝަރީފް ބުންޏެވެ. ޕީޖީ އައްބާސް ޝަރީފަށް މޫނަކަށް ކަނދުރާއަކަށް ނުބަލާ ވާޖިބު އަދާކުރެވިދާނެ ބާވައެވެ. އުންމީދު ކުރެވެނީ ރަނގަޅަށެވެ. 

ރާއްޖޭގެ ކުށުގެވެށި ތަގައްޔަރުވެފައި އޮތްވަރުން ރަނގަޅުކުރަން ފަށަންވީ ހިސާބެއް ނޭނގިގެން ހުއްޓި ހުންނަ މީހަކަށް އައްބާސް ޝަރީފު ވެސް ވެއްޖެނަމަ އެހެން މީހެކޭ އައްބާސްއެކޭ އެއްވެސް ތަފާތެއް ނުއޮންނާނެއެވެ. އޭރުން ޕީޖީ އައްބާސް ވެސް ވާނީ ތަހުގީގީ އިދާރާއަކުން ތަހުގީގް ކޮށްފައި ފޮނުވާ ޖިނާއީ މައްސަލަތައް ކޯޓަށް ގެންގޮސްދޭ ޕޯސްޓްމަނަކަށެވެ. 

ގާނޫނު އަސާސީގެ 223 ވަނަ މާއްދާއިން ލިބިދޭ ބާރު ހެޔޮގޮތުގައި ހިފައިގެން ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް އަދުލުވެރި ކުރުމުގެ ހިތްވަރު އައު ޕީޖީ އައްބާސް ޝަރީފުގެ ކިބައިގާ ހުރިނަމަ ވަކިތާކުން ތަހުގީގުކޮށްފައި ފޮނުވަންދެން ނުހުރެ އަމިއްލަ އިސްނެގުމުގައި ތަހުގީގުކުރުވާ ޝަރުއީ ހުކުމެއް ނެރެންޖެހޭ އެތައް ކަމެއް މިހާރުން މިހާރަށް ވެސް އެބަހުއްޓެވެ. 

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބަހާކަމަށް ކުރެވޭ ތުހުމަތުގެ ހަގީގަތް ހޯދުމުގެ ތަހުގީގް ކުރުން މަޖުބޫރެވެ. ރިޝްވަތު ދީގެން މަޖިލީހުގެ 13 މެންބަރަކު ޕީއެންސީއަށް ބަދަލުކުރުވި ކަމަށް ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް ހޯދަން ޖެހެއެވެ. ރާއްޖޭން ނެތިގެންދާ އަދުލުވެރިކަން އިޔާދަކުރުމަށް އައްބާސް ޝަރީފްގެ ހުރި ހިއްވަރެއް އެނގިދާނެތާއެވެ.