ޑިމޮކްރެޓްސްއަކީ ޕައިރެޓުންގެ ޖަމާއަތެއް
ސްޕްރީމް ކޯޓުން ފްލޯކްރޮސިންގއަށް ހައްލެއް ހޯދަދޭންޖެހޭ
ގާނޫނު އަސާސީ ބުނާ ގޮތުން ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. ބާރުތައް ދެމިއޮންނަނީ ވެސް ރައްޔިތުންގެ އަތްމަތީގައެވެ. އެކަމަކާ ދެބަސްވާ މީހަކު ނެތެވެ. ރާއްޖޭގައި ހިނގާނީ ގާނޫނު އަސާސީގެ ހުކޫމަތު ކަމަށް ގާނޫނު އަސާސީ ބުނެއެވެ. އެހެނަސް ނިއުޅި އޮޅެމުންދާ ހަގީގަތަކީ މުޅިއަކުން އެއީ ކަމަކަށް އެއްބަހެއް ނުވެއެވެ. ކަންކަން ހިނގަނީ އެ ތަރުތީބަކުން ނޫނެވެ.
ވިސްނަލަން މުހިންމު އެއްކަމެއްގެ ވާހަކައެވެ. ސިޔާސީ ޕާޓީ ތަކަކީ ވެސް ގާނޫނީ ސަހުސެކެވެ. ރައްޔިތުންގެ އަގުލަމިއްޔަތުން ވަކި ޕާޓީއަކަށް މަތިކޮށްފައިވާ ކަމެއް އެހެން ޕާޓީއަކަށް މަތިކުރެވެން ވާނީ ވެސް ރައްޔިތުންގެ ވޯޓަކުންނެވެ. ދާއިރާއެއްގެ ރައްޔިތުން އެ މީހުންގެ މަންދޫބުކަން ވަކި ޕާޓީއަކާ ހަވާލުކޮށްފައި ވަނިކޮށް މަސްއޫލިއްޔަތު ހަވާލުކުރި ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި އަމިއްލަ އަމިއްލައަށް މަންދޫބު ޕާޓީ ބަދަލު އެބަ ކުރެއެވެ. އެއް ނަޒަރަކުން އެއީ ވަކި ޕާޓީއަކަށް ތާއީދުކޮށް ހޮވި މެންބަރަށް ތާއީދުކޮށް ވޯޓުދިން މީހުންގެ އިންތިހާބީ ހައްގަށް އަރައިގަތުމެކެވެ.
ރައްޔިތުންގެ މަޖިލިސް މެންބަރަކު ނުވަތަ އިންތިހާބީ މަގާމެއްގައި ހުރި އެހެންވެސް މީހަކު ޕާޓީ ބަދަލު ކުރަންޏާ އެ މީހަކު އިންތިހާބުވީ ދާއިރާއެއްގެ ރައްޔިތުންގެ ރުހުން ހޯދަން ޖެހޭނެކަމަށް ގަބޫލު ކުރެވެއެވެ. ރައްޔިތުންގެ ރުހުން ނެތި އިންތިހާބީ މަގާމެއްގައި ހުރި މީހަކަށް އެ މީހަކު ހޮވުނު ހައިސިއްޔަތު ބަދަލު ކުރުމުގެ ހައްގެއް ލިބިގެނެއް ނުވާނެއެވެ. އިންތިހާބީ މަގާމެއްގައި ހުރި މީހަކު އެ މީހަކު އިންތިހާބުވީ ހައިސިއްޔަތު ބަދަލު ކުރާނަމަ އިންތިހާބީ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ދާއިރާގެ އަގުލަބިއްޔަތުގެ ރުހުން ލިބިގެން ޕާޓީ ބަދަލު ކުރުމަށް މިހާރުވެސް ގާނޫނީ ހުރަހެއް އޮތްކަމަކަށް ނުފެނެއެވެ. މަޖިލީހުގެ ގަރާރަކުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެކަމަށް ފެންނަ ނުފެންނަ ވޯޓެއް ނެގިދާނެއެވެ. ފެންނަ ނުފެންނަ ވޯތުގެ ނަތީޖާއާއި އެއްގޮތަށް ބަދަލުވުމާ ނުވުމަށް ނިންމިދާނެއެވެ.
ކޮންމެ މީހަކަށް ވެސް ފަރުދީ ގޮތުން އެ މީހަކު ބޭނުން ސިޔާސީ ޕާޓީއަކަށް ވަދެ ނިކުތުމަކަށް އެއްވެސް ހުރަހެއް ނެތެވެ. މަޖިލިސް މެންބަރަކަށް ވިޔަސް ކައުންސިލަރަކަށް ވިޔަސް އެ ކަމުގައި ފަރުދީ ހައްގު އެބައޮތެވެ. ހޮދު ރައީސްސުލްޖުމްހޫރިއްޔާއަށް ހުންނަ މީހަކަށް ވެސް އެހެން އެކަން ކުރެވޭނެއެވެ. ކޮންމެ ޕާޓީއަކަށް ކޮންމެ މީހަކުވެސް ހަމަ ވަންނަން ވީއެވެ. އެހެނަސް ވަކި ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވެފާ ހުންނަ މީހާ ޕާޓީ ބަދަލު ކުރަންވާނީ ރައްޔިތުންގެ ރުހުން އެކަމަށް ހޯދައިގެންނެވެ. ނޫނީ އިސްތިއުފާ ދީފައެވެ. އޭރުން ރައްޔިތުން ބޭނުންވާ މީހަކު އެ މީހުން އަނެއްކާ އިންތިހާބު ކުރާނެއެވެ.
ފްލޯކްރޮސިންގ ގާނޫނު ނެތުން ހުއްޖަތަކަށް ހަދައިގެން ޓްރާންސްފަރމާކެޓަށް މަޖިލިސްގޮނޑިތައް ވައްޓާލައިގެންނާއި ޕައިރެޓުން އުޅޭ ޒާތަށް މަޖިލީހުގެ ގޮނޑިތައް ހިސޯރުކޮށްގެން އުޅޭ އުޅުމަށް ގާނޫނީ ފަރުވާއެއް ސްޕްރީމް ކޯޓުން އިސްނަގައިގެން ވެސް ހޯދަދޭން މިހާރު މަޖުބޫރު ވެއްޖެއެވެ. ޕައިރެޓުންގެ ބަޔަކު ޕާޓީއެއް އުފައްދައި އިންތިހާބަކާ ނުލާ މަޖިލީހުގެ ގޮނޑިތައް ގަނެލައިގެން މުޅި ދައުލަތް ހިސޯރުކޮށް ރައްޔިތުންނަށް ވޯޓުން ބަސް ބުނަން އޮތް ބާރު ޕެރެލައިޒް ކޮށްލާކަށް ލަހެއް ފަހެއް ނެތެވެ.
މިހާރުވެސް ދަ ޑިމޮކްރެޓެކޭ ފޭރޭމީހުންގެ ބައިގަނޑެކޭ ތަފާތެއް ނެތެވެ. ދަ ޑިމޮކްރެޓްސްގެ މެންބަރަކު މަޖިލީހުގައި ބޭތިއްބުމަށް ވޯޓުދިން އާދަމު ދަރިޔަކު އުޑުބަޅުކުރެއްވި ހިސާބުގައި ނުވެއެވެ. ޑިމޮކްރެޓްސް އަކީ މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި ވާދަވެސް ކުރިބައެއް ނޫނެވެ. އެކަމަކު މަޖިލިސް މެންބަރުކަމަށް ރައްޔިތުން ދިން އެންމެ ވޯޓެއް ނެތި އެތިބީ މަޖިލީހުގެ ގޮނޑިތަކެއް ފޭރިގަނެގެންނެވެ. ނުވިތާކަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރކަމާއި ރިޔާސަތު ވެސް ވަނީ ފޭރިގެންފައެވެ.