ޕީއެސްއެމް އޭ ކިޔައިގެން ޒީނާ ހެދީ ބުހުތާން ދޮގު!؟

ޕީއެސްއެމުން ދައްކަން އޮތްހާ ފައިސާ ދައްކާ ނިމުނީތަ!

ޕީއެސްއެމް އޭ ކިޔައިގެން ޒީނާ ހެދީ ބުހުތާން ދޮގު!؟

މަގާމާ ހަވާލުވީއިރު ތިޖޫރީގައި " އެންމެ 10 ރުފިޔާއެއްހާ ހިސާބުވެސް ޕީއެސްއެމްގެ ތިޖޫރީގައި ނެތް، ޕީއެސްއެމްގެ ޑޮލަރު އެކައުންޓުގައި އެންމެ ޑޮލަރެއްވެސް ނެތް" ކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ނޫސްވެރިން ގާތުގައި  މިއަހަރު މޭމަހުގެ 29 ވަނަ ދުވަހު ބުންޏެވެ. އެ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕީއެސްއެމްގައި 261 މިލިޔަން ރުފިޔާގެ ދަރަނި އޮތްކަމަށްވެސް ބުންޏެވެ. 

ދަރަނީގެ ތަފްސީލު ދެމުން ޒީނާ ބުނީ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް 122 މިލިއަން ރުފިޔާ ދައްކަން ޖެހިފާ އޮތްކަމަށެވެ. އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް 26 މިލިއަނަަށްވުރެ ގިނަ ރުފިޔާއަށް ޕީއެސްއެމް ދަރާފައި އޮތްކަމަށްވެސް އެދުވަހު ބުންޏެވެ. ލޯނުގެ ގޮތުގައި 87 މިލިޔަން ރުފިޔާ ނުދެއްކި އޮތްކަމަށާއި 24 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ދަރަންޏެއް ބޭރުގެ އެކިކުންފުނިތަކަށް ދަރަނީގެ ގޮތުގައި ދައްކަން ޖެހޭކަމަށްވެސް އޭރު ބުންޏެވެ. އަނެއްކޮޅުން ޑޮލަރާ ގުޅުން ހުރި 4 މިލިޔަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ބަލަމުން ދާކަމަށްވެސް ޕީއެސްއެމުން ބުނެފައިވެއެވެ.

ޕީއެސްއެމްގެ މާލީހާލަތު އޮތްގޮތުގެ ވާހަކަ ބުނެވި ދިޔަ މޭރުމުން ޒީނާ ޒާހިރު ދެއްކިފަހުން އަދި މިވީ ދޮޅުމަހެވެ. ޒީނާ ޒާހިރު ޕީއެސްއެމްގެ އެމްޑީ ކަމުގެ މަގާމާ ހަވާލުވީ ފަހުން ވެސް ވީ އެންމެ ހަތް މަސް ދުވަހެވެ. އެންމެ ހަތްމަސް ތެރޭގައި ޕީއެސްއެމްގެ ތިޖޫރީތައް ފައިސާއިން ފުރެގެން ބަންޑުން ވީހެއްޔެވެ. ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކާއި އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް ޕީއެސްއެމުން ދައްކަން އޮތްހާ ފައިސާ ދައްކާ ނިމުނީހެއްޔެވެ. ލޯނުގެ ގޮތުގައި ނުދެއްކިއޮތް 87 މިލިޔަން ރުފިޔާ ހަލާސްކޮށް ބޭރުގެ ދަރަނީގެ ގޮތުގައި އޮތް 24 މިލިޔަން ރުފިޔާވެސް ދައްކާލީ ހެއްޔެވެ. 

ނޫނޭވާ ޒީނާ ކުޅަދާނައެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ ދައުލަތުގެ ހަރަދުކުޑަކޮށް އާއްމުން ގަރުދިޔަ ނޫން އެއްޗެއް ކާން ނެތްއިރެއްގައި ޕީއެސްއެމް މިއޮތީ ހާދަ ފުދިގެންނެވެ. މުޅި ރާއްޖޭގެ ހާލަތު ގޯސްވެގެން ހިތިބޭސް ބޯން ޖެހިފައިވާކަމަށް ޒީނާމެންގެ ޕާޓީން ބުނަމުން ދާއިރު ޒީނާގެ އަމަލުތައް މިހުރީ ދިމާ އިދިކޮޅަށެވެ. 

ޕީއެސްއެމުން އާއިމާރާތެއް ކުރަން ތައްޔާރުވަނީއެވެ. އެވެސް ތިންބުރިއަށެވެ. ދައުލަތުގެ ކަންކަމަށް ކުރުމަށް މިހާރު ހަރަދުކުރާ ރޭޓަށް ބަލާއިރު އެ އިމާރާތްކޮށް ނިންމުމަށް އެކަނިވެސް 100 މިލިޔަނަށް ވުރެ މައްޗަށް ހަރަދުވާނެއެވެ. ޕީއެސްއެމްގެ މާލީ ހާލަތު މީގެ ދޮޅުމަހެއްހާ ދުވަސް ކުރިން ބުނި ހާލަތުގައި އޮތްނަމަ އެހާ ބޮޑު ހަރަދެއް ކުއްލިޔަކަށް ކުރާން އުޅެނީ ތިޖޫރިތައް ފުރި ބާރުވެގެންތާއެވެ. ދައްކަން އޮތްހާ ފައިސާ ދައްކާ ހަލާސް ކުރެވިގެންތާއެވެ. އެހެން ނޫނީ ވިއްޔާ މީގެ ދޮޅުމަސް ކުރިން ޕީއެސްއެމްގެ މާލީހާލަތާ ގުޅުވައިގެން ޒީނާ ދެއްކިހާ ވާހަކައަކީ ބުހުތާން ދޮގެވެ.