މީޑިއާ ތަކަކަށް ފައިސާ ދިނުމަކީ ކުރަންޖެހޭ ކަމެއް ނޫން.
ވަކި މީޑިއާ ތަކަކަށް މިލިއަނުން ރުފިޔާ ދިނުމުގެ ކަންބޮޑުވުން ގިނަބަޔަކު ފާޅުކުރަން ފަށައިފިއެވެ. ބޮޑެތި ވިޔަފާރިވެރިން އެމީހުންގެ މަސްލަހަތުގައި ހިންގާ މީޑިއާ އައުޓްލެޓްތަކަށް ވެސް މިލިޔަނުން ދައުލަތުން ފައިސާ ދިނުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރާ މީހުން މަދެއް ނޫނެވެ.
ސަރުކާރުގެ ސްކޮލަރޝިޕްތަކުގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުން ތިބީ ކިޔެވުންކުރިއަށް ގެންދެވިދާނެ ކަމާމެދު ސުވާލު އުފެދި އުފެދިއެވެ. ބަލިހާލުގައި އާސަންދައިގެ ދަށުން ބޭހަށް ގޮސް ބޭރުގައި ތިބި އެތައް ބަޔަކަށް އާސަންދަ ކަވަރ ނުކޮށްގެން އެތައް ފަރުވާއެއް ނުލިބި މަރަށް ތެޅިތެޅި އެތިބީ ކިތަންމެ ބައެކެވެ. ދައުލަތުގެ ދަރަނި ހުރީ އާސްމާނުގައެވެ. މިހެން ކިޔާފާ ނުކިޔާނެ ކަމެއްނެތެވެ.
ސަރުކާރުގެ މާލީ ހާލަތު ގޯހުން ގޯހުގައި އޮއްވާ ޔޫތު މިނިސްޓަރ އަސްވާޑްގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށާއި ސަންގް އޮންލައިނަށް 4.9 މިލިޔަން ރުފިޔާ އެބަދެއެވެ. މަހުޖަނު ގާސިމް އިބްރާހީމްގެ ވީޓީވީ ޢާއި ވީނިއުސް އެމްވީއަށް 4.1 މިލިޔަން އެވެ. މަހުޖަނު ސަން ސިޔާމްގެ އެސްއެސްޓީވީއާއި ސަން އޮންލައިނަށް 4.2 މިލިޔަން ރުފިޔާ ދެއެވެ. އެ ގޮތުން ޖުމްލަ 18 މީޑިއާއަކަށް 28 މިލިޔަން ރުފިޔާ ސަރުކާރުން މިއަހަރު ދިނުމަށް ވަނީ ނިންމާފައެވެ.
ބެލި ގޮތަކަށް ބަލައިގެން މީޑިއާ ތަކަކަށް ގިނަ އަދަދަކަށް ފައިސާ ދިނުމަކީ ގައުމުގެ ހާލަތަށް ބަލާ މިވަގުތު ކުރަންޖެހޭ ކަމެއް ނޫނެވެ. މީޑިއާ ހިންގުމަކީ ވަކި މަސްލަހަތު ތަކެއް ނަގަހައްޓާ ދެމެހެއްޓުމަށް އެކަމަށް ގާބިލުކަން ހުރި ފަރާތްތަކުން ކުރާ ކަމެކެވެ. މީޑިއާތައް ހިންގުމަށް ދައުލަތުން ހަރަދު ކުރުމަކީ ގިނަ ރައްޔިތުން ބަލައި ގަންނަ ކަމެއް ނޫނެވެ. ދައުލަތުން މީޑިއާތަކަށް ކޮށްދޭން ޖެހޭނެ ކަމަކީ ފަންނީ މީހުން ތަމްރީނު ކުރުމަށް އެހީތެރިވުމެވެ. ހަބަރާއި މައުލޫމާތު ފަސޭހައިން ފޯރުކޮށް ދެވޭނެ ގޮތްތައް ހަދާދިނުމެވެ. ގާނޫނު ތަކާއި ގަވައިދުތަކުން ނޫސްވެރިކަމާއި ނޫސްވެރިން ހިމާޔަތްކޮށްދިނުމެވެ. މިނިވަން ނޫސްވެރިކަމަށް މަގުފަހިކޮށް ދިނުމެވެ. ބޭއިންސާފު ގޮތް ގޮތަށް ފައިސާ ބެހުމެއް ނޫނެވެ.
މީޑިއާއެއްގެ ގާބިލުކަން ހުރި ވަރަކުން އެސްއޯއީތަކާއި އަމިއްލަ ވިޔަފާރިތަކުގެ އިމޭޖް ރިވެތި ކޮށްދީގެންނާއި މާކެޓް ކޮށްދީގެންނާއި އިސްތިހާރުކޮށްގެން ފައިސާ ހޯދުމަކީ އެ މީޑިއާއެއްގެ އަމިއްލަ ކަމެކެވެ. މީޑިއާ ހިންގަންވާނީ މީޑިއާ ހިންގޭވަރުގެ މީހުންނެވެ. ސަރުކާރު ހިންގާ ބައެއްގެ އުނގަށް ވެއްޓިގެން މީޑިއާ ހިންގަން އުޅުމަކީ މީޑިއާގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.