ސަރުކާރުން އުޅެނީ ނިޒާމަށް ފޫހިކޮށްލުވާ ސަރުކާރަށް ބަރޯސާކުރުވަން: އާޒިމް

ސަރުކާރުން އުޅެނީ ނިޒާމަށް ފޫހިކޮށްލުވާ ސަރުކާރަށް ބަރޯސާކުރުވަން: އާޒިމް

މުއިއްޒު ސަރުކާރުން އުޅެނީ ރައްޔިތުން ލާމަރުކަޒީ ނިޒާމަށް ފޫހިކޮށްލުވާ ސަރުކާރަށް ބަރޯސާ ކުރުވަން ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މާލޭ މޭޔަރު ވިދާޅުވާ ގޮތުގައި ސަރުކާރުން އުޅެނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްގެން ނިޒާމު ހަރާބު ކުރުމަށެވެ. ލާމަރުކަޒީ ގާނޫނަށް އިސްލާހުގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ވީހާ ވެސް ގިނަ ކައުންސިލްތަކުން ތެދުވާންޖެހޭ ކަމަށް ވެސް މާލޭ މޭޔަރ އާދަމް އާޒިމް ވިދާޅުވެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ލޯކަލް މިނިސްޓްރީން ބަލާނީ ކައުންސިލްތަކުގެ ބާރުގަދަކޮށް ނިޒާމު ރަނގަޅުކޮށް ކައުންސިލްތަކުގެ ހިންގުމަށް ފުރުސަތު ފަހިކޮށްދޭން ކަމުގައި ވިޔަސް މުއިއްޒު ސަރުކާރުން އުޅެނީ ކައުންސިލްތަކުގައި އެއް އަހަރު ދުވަހަށް ތަޅެއްލާން ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް އެ އިޝާރާތް ކުރައްވަނީ ބިލްގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ހުރަސްތަކެއް ކުރިމަތިކޮށްފައި އޮތް އޮތުމަށެވެ. ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ފައިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބޭނުމަކީ ކައުންސިލްތަކުގެ އަމިއްލަ އާމުދަނީ ބޭނުންކޮށްގެން ވިޔަސް ނުވަތަ ކައުންސިލުން އެހެން ބަޔަކާއި ގުޅިގެން ވިޔަސް ކަމެއްކުރިޔަނުދީ ބަނދެލައި ސީދާ ފިނޭންސް މިނިސްޓްރީއާއި ލޯކަލް މިނިސްޓްރީގެ ފީކުދާނަކަށް ކައުންސިލްތައް ހެދުން ކަމަށް އާޒިމް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން ސަރުކާރަށް ޗެލެންޖުކުރައްވާ މާލޭ މޭޔަރު ވިދާޅުވަނީ އިހުލާސްތެރި ނިޔަތެއްގައި ގެންނަ އިސްލާހެއްނަމަ، އެއްވެސް އިންތިހާބަކާ 365 ދުވަހަށް ކައިރިވުމާއެކު އިތުރަށް އެއްވެސް ޕްރޮޖެކްޓެއް ނުހިންގައި ހުއްޓާލަން ސަރުކާރަށް ކެރޭނެތޯއެވެ. ނޫނީ ވަޒީފާއަކަށް މީހުން ނުނަގައި ތިބެން ސަރުކާރަށް ކެރޭނެތޯއެވެ.

ލާމަރުކަޒީ ނިޒާމަށް ބަދަލުގެންނަ އިސްލާހާ ދެކޮޅު ހައްދަވަމުން މާލޭ މޭޔަރ ޗެލެންޖު ކުރެއްވީ ކައުންސިލް އިންތިހާބާއި ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކަށް ގިނަ ބަޔަކު ނަގަން ސަރުކާރުން ލިސްޓު ހަދައިގެން މަސައްކަތް ކުރަމުންދާކަމުގެ ހަބަރު ލިބެމުންދާ ކަމަށް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.