ފަލާހަށް: ލުޓޭރުން ފަހާލަން ރައްޔިތުން ނިކުންނަ ދުވަސް ކައިރިވެއްޖެ

ފަލާހަށް: ލުޓޭރުން ފަހާލަން ރައްޔިތުން ނިކުންނަ ދުވަސް ކައިރިވެއްޖެ

ރައީސް މުއިއްޒުގެ ސަރުކާރު ހަމަމަގަށް އަޅުވާ ލޫޓުވުން ހުއްޓުވަން އެމްޑީޕީ އޮކްޓޫބަރު 3 ގައި މަގުމައްޗަށް ނިކުތުމަށް ނިންމުމުން ފަޔަށް ހިނި އަރައިގެން ތެޅެގަތީތާއެވެ. ޕީއެންސީ ޕީޖީ ލީޑަރ ފަލާހުމެން ރާގުރާގަށް ފޮނުއަރުވަން މިފެށީ އެހެންވެތާއެވެ. 

ޕީއެންސީގެ ސަރުކާރުން ގައުމު ލޫޓުވާލައިފި ކަމަށް ބުނަނީ އެމްޑީޕީން އެކަންޏެއް ނޫނެވެ. ފަލާހުމެންގެ ކުރީގެ ރޫހީ ލީޑަރ ޔާމީނު ވެސް ދައްކަވަނީ އެ ވާހަކައެވެ. ފަލާހަށް ރީތި ނޫނަސް މުއިއްޒު ސަރުކާރުން ގައުމު ލޫޓުވާލި ވާހަކަ ސާބިތު ހެއްކާއެކު އެމްޑީޕީން އެ ދައްކަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށެވެ. ސިއްރު ސިއްރަކުން ނޫނެވެ. ވަރަށް ބާރަށެވެ. 

އެމްޑީޕީގެ ވެރިކަމުގައި ވައްކަމުގެ އަމަލުތައް ހިންގާފައިވާކަމަށް ބުނެ ދޮގު ވިއްކައިގެން ވެރިކަން ހޯދާ 2 އަހަރު ވެގެން ދާއިރުވެސް އެއިން ކުޑަވެސް ކަމެއް ސާބިތުކޮށެއް ނުދެވުނެވެ. ސަރުކާރާއި ޖުޑިޝަރީއާއި މަޖިލީހާއި މިނިވަން މުއައްސަސާތަށް މުށުތެރޭގައި އޮވެ އެއްކަމެއްވެސް ސާބިތުކޮށް ނުދެވުނެވެ. މުއިއްޒާއި މުއިއްޒުގެ އައުވާނުންގެ އެހެން ދައްކާ ހުރިހާ ވާހަކައަކީ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ހޮޅީ ވާހަކައެވެ. 

އެގޮތުން އިބޫ ނޫން ގޮތެއް ހޯދުމުގެ ވާހަކައަކީ ދައުލަތް ލޫޓުވާލަން ބޭނުންވެފައި ތިބި ވަގުބައިގަޑެއް ދައުލަތަށް ސަވާރުވާން ދެއްކި ބުހުތާން ދޮގުތަކެއް ކަމަށް ގިނަ ރައްޔިތުން މިހާރު ދެކެއެވެ. ދެއްކި ވާހަކައާއި އެއްގޮތަށް އެއްކަމެއްނުވެ ޖެހުނުތާކުން ދައުލަތް ވީދާ ނޮޅާކެއުން ނޫން ކަމެއް ނުކުރާ ސްކޭމް ސަރުކާރަކުން ލިބުމަށް އެދޭ ހެވެއް މޮޅެއް ރަނގަޅެއް މިހާރު ގިނަ ރައްޔިތުން ނެތެވެ.

ވޭތުވެ ދިޔަ ފަނަވަރަކަށް އަހަރުތެރޭގައި 4 ވެރިކަމެއްގައި ދައުލަތަށް ނުލިބޭހާ ގެއްލުން ދެއަހަރު ނުވާ މުއިއްޒު ވެރިކަމުގައި ދައުލަތަށް ލިބިއްޖެއެވެ. ޕީއެންސީން ދައުރެއް ނިންމާލަން ދިމާކޮށްފައި ތިބީ ކުރީ ސަރުކާރު ކިޔަމުން ދައުލަތް ލޫޓުވާލުމަށެވެ.

ވެރިކަމުގެ އާރާބާރުގައި ތިބެގެން މައްސަލަ ބަލާ އަޅަންޖެހޭ ފިޔަވަޅެއް ނާޅާ ތިބެނީ ކުރާ ތުހުމަތަކީ ސާބިތު ނުހިފޭ ދޮގު ތުހުމަތެއް ވީމައެވެ. ކޮވިޑްގެ ހިލޭ އެހީއޭ ބަދަލު ދިނުމޭ ކިޔައިގެން ރައީސް ސޯލިހު ސަރުކާރަށް ޕީއެންސީން ދިއްކުރާ ތުހުމަތުގެ އިނގިއްޔަކީ ހަގީގަތެއް އޮތް ކަމެއްނަމަ ކުރީ ސަރުކާރުގެ އިސްވެރިން މިހާރު ތިބީހީ އުލުބައިންދާފައެވެ. 

ހިންޏަށް ހަކުރު އޮޅުވާލަން ކުރީ ސަރުކާރޭ ކިޔައިގެނެއް މުއިއްޒު ސަރުކާެުން ގައުމު ލޫޓުވާލާ ލޫޓުވާލުމުގައި ފަލާހުމެންނަކަށް މައްޗެއް ނޭޅޭނެއެވެ. ލުޓޭރުން ފަހާލުމަށް ރައްޔިތުން ނިކުންނަ ދުވަސް ދާދި ކައިރިވެއްޖެއެވެ.