ސަސްޕެންޝަނުން ވައްކަން ހަލާލުކޮށް ސަނީހު ކައުންސިލަށް

ސަސްޕެންޝަނުން ވައްކަން ހަލާލުކޮށް ސަނީހު ކައުންސިލަށް

މާލެ ސިޓީ ކައުންސިލްގައި ހުޅުމާލެ މެދު ދާއިރާ ތަމްސީލުކުރަން ޕީއެންސީ ނިކުމެއުޅޭ ސަނީހަކީ އޭނާގެ ކޮރަޕްޝަނާއި ހިޔާނާތުގެ ތަޖުރިބާގެ އަލީގައި ދަވާލަން މާލެސީޓީ ކައުންސިލަށް ޕީއެންސީން ވައްދަން އުޅޭ މީހަކީ ހެއްޔެވެ. އެހެން ނޫންނަމަ ކޮރަޕްޝަނާ ހިޔާނާތުގެ އެތައް ރެކޯޑެއް އޮތް ސަނީހަށް ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެއް ނުދިނީހެވެ. ހުރިހާ ދިމާލަކުން ދައުލަތް ދަވާލަން ވެރިކަމާ ހަވާލުވެގެން ތިބި ބައެއްގެ ޓިކެޓްގައި ސިޓީ ކައުންސިލަށްވެސް ނެރޭނީ ދަވާލުމުގެ ތަޖުރިބާ ހުރި މީހެއްތާއެވެ. 

އެޗްޑީސީގެ ރިއަލް ސްޓޭޓްގެ އިސްމީހަކަށް ކުރިން ހުރި ސަނީހަކީ ވޯޓަރ ތީމް ޕާކަށް ވަގަށް ބޮޑެތި ލޮރީތަކެއް ވައްދައިގެން 20 މިލިއަން ރުފިޔާގެ އަގުހުރި މުދާ ވަގަށް ގެންގޮސްފައިވާކަން ރެޑްހޭންޑެޑްކޮށް އަތުލާގެންފައިވާ ހިޔާނާތްތެރިއެއްކަން އޯޑިޓަށް ސާބިތުވެފައިވާ މީހެކެވެ. އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލްއާ ގުޅިގެން ސަނީހު އެޗްޑީސީގެ ދަށުގައިވާ ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅުން ޖުމްލަ 87 ބިމަކާއި، 26 ކޮމާޝަލް ޔުނިޓް ބޮޑެތި އަދަދުތަކުން ރިޝްވަތު ނަގައިގެން އުސޫލްތަކާ ހިލާފަށް އެކި ފަރާތްތަކަށް ވިއްކާފައިވާކަން ވެސް ތަހްގީގަށް ސާބިތުވެފައިވެއެވެ.

ވޯޓަރތީމް ޕާކްގައި ހުރި 20 މިލިއަން ރުފިޔާގެ އަގުހުރި މުދާ ވަގަށް ނެގިކަމަށް ތުހުމަތުވުން އެޗްޑީސީގެ ޗީފް ރިއަލް-ސްޓޭޓް އޮފިސަރގެ މަގާމުގައި ހުރި ސަނީހު ސަސްޕެންޑް ކުރިއެވެ. އެޗްޑީސީގެ އޮޑިޓަށް ރަނގަޅަށް އެކަން ސާބިތުވުމުން މަގާމުން ވަކިކުރިއެވެ.

ސަނީހު މަގާމުން ވަކިކޮށް ފުލުހުންނާ ހަވާލުކުރަން އެޗްޑީސީގެ އޭރުގެ އެމްޑީ މައުރޫފް (މާއި) ނިންމެވިއެވެ. އެހެންނަމަވެސް ސަނީހަށް އަދަބު ދިނުމުގެ ބަދަލުގައި ރައީސް މުއިއްޒުގެ ކޮރަޕްޓް ސަރުކާރުން ހިޔާނާތުގެ ހަދިޔާއަކަށް ދިނީ ވެމްކޯގެ ޕްރޮކިއުމެންޓް ހެޑްގެ ވަޒީފާއެވެ. 

ސަނީހު ފަޒުލާއި ގުޅިގެން ހިންގިހާ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަން ސާބިތުވިޔަސް ދުވަސްކޮޅަކު ސަސްޕެންޝަނުގައި ބެހައްޓާލުމުން ސާފުވެ ސާފު ބޯކިރުފޮދަކަށް ސަނީހު ބަދަލުވީއެވެ. ސަނީހުގެ ކުރިކަމަށް ސާބިތުވި ވައްކަންތަކާއި ބައިވެރިވި ހިޔާނާތްތަކަށް ފަސްއެޅި ފޮރުވުނީއެވެ. 

ލަހެއްނުވެ ފެނިގެން ދިޔައީ ވެމްކޯގެ މުޅި ޕްރޮކިއުމެންޓް ސަނީހާ ހަވާލުކުރަން މުއިއްޒު ނިންމިތަނެވެ. ސަނީހުގެ ހުރި ހިޔާނާތާއި ކޮރަޕްޝަންގެ ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ރައްޔިތުންގެ މުދާ ފޭރި، މުޅި ވެމްކޯ ދަވާލުމަށް މަގުފަހިކޮށްދިންތަނެވެ. އެވަރުގެ މީހަކު ސިޓީ ކައުންސިލަށް ޓިކެޓްދީފައި ނެރޭނީ އެހެން ކަމަކު ނޫނެވެ.

ސަނީހުގެ މައްޗަށް ސާބިތުވެފައި ހުރި މައްސަލަތައް އޮއްބާލާ ފަސްއަޅާފޮރުވާ މައުސޫމު މީހެއްގެ ސިފައިގައި ހުޅުމާލެ މެދު ތަމްސީލްކުރަން ސިޓީކައުންސިލަށް ސަނީހަށް ވޯޓުދޭނީ ވައްކަމާއި ހިޔާނާތަށް ކޮރަޕްޝަނަށް އާނއެކޭ ބުނާ މީހެކެވެ.