ކިތަންމެ ބޮޑު ޖަލްސާއެއް ބޭއްވިޔަސް މުއިއްޒަށް އިހުތިރާމެއްނެތް: އަލީ ހުސައިން
އަދުލުވެރިކަމާއެކު ޝަރީއަތްކޮށް ހުކުމް ނުކުރެވޭނެ ގައުމެއްގައި އިންވެސްޓުކުރަން ގިނަ މީހުން ބޭނުން ނުވާނެ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރ އަލީ ހުސައިން ވިދާޅުވެއެވެ. މަޝްހޫރު ލޯޔަރ އަލީ ހުސައިން ވިދާޅުވަނީ އިންސާފު ލިބޭނެކަމުގެ ޔަގީންކަން ހޯދައިދިނުމަކީ އެންމެ ބޮޑު ރައްކާތެރިކަން ކަމަށެވެ. އެހެން ކަމުން މަޖިލިސް މެންބަރުން ފަށް ރޯނުން ބަނދެ، ސުޕްރީމްކޯޓު މުށުތެރެއަށްލީމާ "ސޭފެއް" ނުވާނެ ކަމަށް އަލީ ހުސައިން ދެކެވަޑައި ގަނެއެވެ.
ރައްޔިތުން ތަބާވާނީ އެ މީހުންގެ ވެރިންނަށް ކަމަށް ވިދާޅުވަމުން އަލީ ހުސައިން ވިދާޅުވަނީ ރައްޔިތުން ރަނގަޅު މިސްރާބަކާ ދިމާލަށް ގެންދިއުމަކީ ސަރުކާރާއި އަދި ސީދާ ރައީސުލްޖުމްހޫރިއްޔާގެ ޒިިންމާއެއް ކަމަށެވެ. ރައްޔިތުން ބޭނުންވާނީވެސް އެ މީހުންގެ ބޭނުންތަކަކީ ކޮބައިކަމަށްބުނެ އެ މީހުންގެ ބޮލަށް، އެމީހުން ތަބާވާ ވެރީން ވައްދައިދޭ އެއްޗެއް ކަމަށް އޭނާ ވިދާޅުވެއެވެ.
ޖުމްހޫރިއްޔަތަކީ ރައްޔިތުންނަށްޓަކައި އުފެދޭ ރައްޔިތުންގެ ވެރިކަން ކަމަށާއި ޖުުމްހޫރީ ނިޒާމެއްގައި ރައްޔިތު މީހާގެ ހަމައެކަނި ބާރަކީ 5 އަހަރުން އެއްފަހަރު ފަޅި ސިކުންތަކަށް ލިބޭ އެއްޗެއްގެ ގޮތުގައި އޮތްއޮތުން ބަދަލުވާން ޖެހޭކަމަށް ވެސް އުސްތާޒު އަލީ ހުސައިން ވިދާޅުވެއެވެ. އެހެނަސް ރަނގަޅުކުރަން އައި މީހުންގެ ހާލަތު އަދި މާބޮޑަށް ގޯސް ކަމަށް އަލީ ހުސައިން ވިދާޅުވެއެވެ.
ދިވެހިންނަށް ހައްގު މިންވަރަކީ ދަރަނީގެ ކަސްތޮޅުން ބަނދެވި ތޮއްޖެހިފައިވާ ކާރޫބާރު ބޮޑު އެއްސަރަހައްދަކަށް އެންމެން ޖަމާވެ އަބަދުވެސް ހާސްކަމާއި އެކު ދިރިއުޅެން ޖެހުން ނޫން ކަމަށްވެސް ކެންދޫ ދާއިރާގެ ކުރީގެ މެންބަރ ވިދާޅުވެއެވެ. އަލީ ހުސައިން ވިދާޅުވާ ގޮތުގައި އިތުރަށް މި ސަރުކާރު ބާއްވައިގެން ގައުމުގެ ހާލަތު ގޯހުން ގޯހަށް ދިޔުން ނޫން ކަމެއް ނުވާނެއެވެ.
ކިތަންމެ ބޮޑު އެއްވުމެއް ބޭއްވިޔަސް މި ސަރުކާރުގެ އަގެއް ނެތްކަމަށް މަޝްހޫރު ލޯޔަރ ވިދާޅުވިއެވެ. ރައްޔިތުންގެ ހިތުގައި ރައީސް މުއިއްޒަށް އިހުތިރާމެއް ނެތް ކަމަށް ވެސް އަލީ ހުސައިން ވިދާޅުވެއެވެ.

