އީރާނާއި ސޫރިޔާ އެއްގޮތަށް ލޭބަލްވުމަކީ ނުރައްކަލެއް!
ރާއްޖޭގެ ޕާސްޕޯޓްގައި ދަތުރުކުރާ މީހުނާމެދު ފާރަވެރިވުން އިތުރުވުން
މީގެ 59 އަހަރު ކުރީން ދިވެހި ދިދަ އދ ގައި ވިހުރެން ފެށިފަހުން އދ ގައި ދިވެހި ގައުމު ތަމްސީލް ކުރަމުން އައީ ރާއްޖޭގެ ވަރުންނެވެ. ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަށެވެ. ނުބެހޭ ކަންކަމާ ނުބެހިއެވެ. ކުކުޅަށްވުރެ ބިސްދޮށިވެގެން ދުނިޔޭގެ ކަންކަމަށް ދަނޑި ބާނައިގެން އުޅުމަކީ ރާއްޖެއަށް އެންމެ ހެޔޮގޮތް ނޫންކަން ރާއްޖޭގެ ކުރީގެ ހުރިހާ ވެރިންވެސް ދުއްޓެވެ. ނެތްވަރުން ގަދަބަސްބުނެ ހުނިޖެހިގެން ބައެއްގެ ނަފްރަތާއި ގޯނާގެ އަސީރަކަށް ރާއްޖެ ހެދުމަކީ ރައްޔިތުން އެދޭގޮތް ނޫންކަން ކުރީގެ ސަރުކާރުތަކުން ދުއްޓެވެ.
ދުނިޔޭގެ ކުރިމަތީގައި ގަދަބަސް ނުބުނެ ގައުމުތަކުން ތިބެނީ ބަސް ބުނަން ނޭގިގެނެއް ނޫނެވެ. ހުރިހާ ކަމެއް ކަމުގޮސްގެނެއްވެސް ނޫނެވެ. އަނގަގަދަ މިތުރަށް ނުހެދޭން ވެގެންނެވެ. ހިސާބަށްވުރެ އަނގަދޮށިވުމުގެ ސަބަބުން ހީނުކުރާ ވަރުގެ ނިކަމެތިކަން އާއްމު ރައްޔިތުންނަށާއި ސަރުކާރުތަކަށް ކުރިމަތިވާތީއެވެ. ކުރިން ކުރި މަތިނުވާ އެތަކެއް އުދަގުލާއި ތުރާތައް ކުރިމަތިވާނެތީއެވެ.
ރާއްޖޭގެ ނަމުގައި ދުނިޔޭގެ ގައުމުތަކަށް މުއިއްޒު ގޮންޖަހާ ގަދަ ބަސްބުނުމަކީ މާމޮޅުކަމެއް ނޫނެވެ. ރާއްޖޭން ގަދަ ބަސްބުނުމަކުން ދުނިޔޭގެ ކުޑަވެސް ކަމެއް ބަދަލެއް ނުކުރެވޭނެއެވެ. އިޒްރޭލުން ފަލަސްތީނުގައި ހިންގާ ނަސްލު ނައްތާލުމުގެ އަނިޔާވެރިކަމަށް ކުޑަވެސް ލުޔެއް ދޭނީއެއް ނޫނެއެވެ. އިޒްރޭލުގެ ވާގިވެރިން އިޒްރޭލުގެ އަތުން ދޫކޮށް ލާނީއެއް ނޫނެވެ. އޭގެ ބަދަލުގައި އާރެއް ބާރެއް ނެތް ރާއްޖެއާމެދު ނުފޫޒުގަދަ ގައުމުތަކުން ދެކޭ ގޮތް ބަދަލުވެ ސީދާކޮށްނާއި ނުސީދާކޮށް ފިއްތުންތައް އިތުރުވުން ނޫން ކަމެއް ރާއްޖެއަށް ވާނީއެއް ނޫނެވެ.
މުއިއްޒުގެ ބަސްމަގު އދ ގައި ހުރި ގޮތުން ރާއްޖެއަކީ އީރާނާއި ސޫރިޔާ ފަދަ ހަރުކަށި ވިސްނުމުގެ ބައެއްކަމަށް ދުނިޔޭގެ ބައެއް ގައުމުތަކުގެ ކުރިމަތީ ލޭބަލް ވެއްޖެއެވެ. ރާއްޖެއާއި މެދު ބައެއް ގައުމުތަކުން ކުރިން ދެކެމުން އައިގޮތް ބަދަލުވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ޕާސްޕޯޓަށް ދުނިޔޭގައި އޮތް އިތުބާރާއި އަމާންކަން ކުޑަވެއްޖެ ކަމަށްވެއެވެ. ފަސޭހަކާމާއެކު ދިވެހިން ދުނިޔޭގެ ކަންކޮޅުތަކުގައި އަމާންކަމާއެކު ދަތުރު ފަތުރުކޮށް އުޅުނު އުޅުމަށް ހުރަސްތައް ކުރިމަތިވާން މިހާރު ފެށީއެވެ.
އދ ގައި މުއިއްޒު ދެއްކި ވާހަކަތަކަށް ފަހު ރާއްޖޭގެ ޕާސްޕޯޓްގައި ދަތުރުކުރާ މީހުނާމެދު ފާރަވެރިވުމަށް ބައެއް ގައުމުތަކުގެ ބޯޑަރކޮންޓްރޯލަށް އިރުޝާދު ދޭން ފަށައިފިއެވެ. ރާއްޖެއަކީ ސަރުކާރުން ޓެރެރިޒަމަށް ފައިނޭންސް ކުރާ ގައުމެއްގެ ގޮތުގައި ލޭބަލް ކުރެވެންފަށައިފި ކަމަށް ވެސްވެއެވެ. ނަތީޖާއަކީ ދުނިޔޭގެ އެތަން މިތާ އުޅޭ ދިވެހިންނަށް ދިރިއުޅުން ދަތިވުމެވެ. ދުނިޔޭގައި ރާއްޖޭގެ ރައްޔިތުން ހިންގާ ވިޔާފާރި މުއާމަލާތުތައް ހިންގުން ދަތިވުމެވެ.
ބަޔަކު މޮޅުކަމަކަށް ހަދައިގެން މޭފުއްޕިޔަސް ބަސް ބުނެލެވުނު ކަމުގެ ހިތްހަމަ ޖެހުން ފިޔަވާ ރާއްޖެއަށް އޮތް އެއްވެސް ހެވެއް މޮޅެއް އެކަމުގައި ނެތެވެ. އދ ގައި މުއިއްޒު ދެއްކި ވާހަކަތަކުން ހަގީގަތުގައި ދިވެހީން ވައްޓާލެވުނީ ނުރައްކަލަށެވެ.