މިވީ 9 މަސްތެރޭގައި ބަދަލުނުކުރީ ކީއްވެ: ފައްޔާޒު

ފުޑް ސެކިއުރިޓީގެ ގާނޫނީ ޒިންމާ އޮތް އިދާރާތަކަށް ފުރިހަމަ ބާރު އޭރުވެސް މިހާރުވެސް އޮވޭ!

މިވީ 9 މަސްތެރޭގައި ބަދަލުނުކުރީ ކީއްވެ: ފައްޔާޒު

ފުޑްސޭފްޓީ ބިލާބެހޭ ގޮތުން މަޖިލީހުގެ ކޮމެޓީއެއްގައި ކުރީގެ އެކޮނޮމިކް މިނިސްޓަރ އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅުވައިގެން ވަށަފަރު މޮހަނދުގެ ބޮޓުން މީސްމީޑިއާގައި ފަތުރަމުން ގެންދާ ދޮގު ވާހަކަތަކަށް ފައްޔާޒު ރައްދު ދެއްވައިފިއެވެ. 3 ސެޕްޓެންބަރު 2022 ގައި ބޭއްވުނު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ފުޑް ސޭފްޓީ ބިލާބެހޭގޮތުން ދެކެވުނު ވާހަކައާ ގުޅޭގޮތުން މިހާރުގެ ސަރުކާރުގެ ފަރާތުން އެ ޖަލްސާގެ އޮޑިއޯކޮޅެއް ދައުރުކުރަމުން ގެންދާތީ އެކަމުގެ ހަގީގަތް ހާމަ ކޮށްދެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު ވިދާޅުވީ 1 ގަޑިއިރާއި 37 މިނެޓުގެ އެ ބައްދަލުވުމުގެ ވީޑިއޯ މިހާރުވެސް ފެންނަން އެބައޮތްކަމަށެވެ. މިއަދުގެ ވެރިންގެ އަމަލުތަކާ ހިލާފަށް އެންމެންނަކީ އެކިފަހަރު އެކި ތަންތަނުގައި އެކި ގޮތަށް ވާހަކަ ދައްކައިފައި، ބަޔާންދީފަ އަނެއްކާ ފަހުން ބަޔާން ބަދަލުކުރާނެ ބައެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ސާބިތުކަމާއެކު ފައްޔާޒު ވިދާޅުވީ "އަޅުގަނޑު އަދިވެސް ދަންނަވާނީ، ވިޔަފާރިއެއް ރަޖިސްޓަރީކޮށްދިނުމަށްފަހު އެ ވިޔަފާރި ކުރުމަށް ދެން އިތުރު ތަނެއްގައި ރަޖިސްޓަރީ ކުރަންޖެހިގެން ނުވާނެ" ކަމަށެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑު ހިފެހެއްޓުމަކީ ވިޔަފާރި ރަޖިސްޓަރީ ކުރުމާއި ގުޅޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން އޭރުވެސް ހުށަހެޅީ، އެކަމުގެ ( ފުޑް ސެކިއުރިޓީގެ) ގާނޫނީ ޒިންމާ ހަވާލުކޮށް ފުރިހަމަ ބާރު އޭރުވެސް މިހާރުވެސް ލިބިދީފައިވާ އިދާރާ ތަކަށް އެކަން ކުރެވޭނެ ކަމަށެވެ. ކާބޯތަކެތީގެ މިންގަނޑު ތަކާއި، އެތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް އެމް.އެފް.ޑީ. އޭ ނުވަތަ އެޗްޕީއޭގެ ގަވާއިދަކުން ކަނޑައަޅައި، އެތަންތަނުން ރެގިއުލޭޓްކޮށް، މޮނިޓަރކޮށް އަދި ފިޔަވަޅު އެޅުމުގެ ޒިންމާ އަދި ބާރު ގާނޫނުގައި ކަނޑައެޅުމަށް އެ ބައްދަލުވުމުގައި ވިދާޅުވިކަން ފާހަގަ ކުރެއްވިއެވެ.

މިހާ މުހިންމު ކަމެއް، ގާނޫނު އޮތްގޮތުން ނުކުރެވި އޮތްނަމަ މިވީ 9 މަސް ތެރޭގައި އެކަން ބަދަލު ނުކުރީ ކީއްވެތޯ އުސްތާޒް ފައްޔާޒު ސުވާލު އުފެއްދެވިއެވެ.  ގައިމުވެސް ސަރުކާރާއި ގާނޫނު ހެދުމުގެ ބާރު އޮތީ ބޭނުންފުޅުވާ ކޮންމެ ކަމެއް ކޮށްލެވޭހާ ފަހިކޮށާއި ސަރުކާރުން ބޭނުންވީމަ އަލަށް މައްސަލައެއް ހުށަހަޅާފަ އެދުވަހުން އެދުވަހަށް މަޖިލީހުން ކަންކަން ނިންމުމަކީ މިހާރު އާއްމު އުސޫލު ކަމަށް ވިދާޅުވިއެވެ. 

އެދުވަހުގެ އެބައްދަލުވުމަށް އެމް.އެފް.ޑީ.އޭ އިން ވަޑައިގެންނެވި ވެރިން އަޅުގަނޑުގެ ވާހަކަތަކަށް އެއްބަސްވެ ވަޑައިގަންނަވާކަން މި ބައްދަލުވުމުގެ ފަހުކޮޅުން ފެނިގެންދާނެ ކަމަށްވެސް ކުރީގެ އިކޮނޮމިކް މިނިސްޓރ ވިދާޅުވިއެވެ.