އެމެރިކާގައި ބަޑީން ހަމަލާދީ 3 މީހަކު މަރާލައިފި

ހަމަލާ ދިން މީހާވެސް އޮތީ އަމިއްލައަށް މަރުވެފަ!

އެމެރިކާގައި ބަޑީން ހަމަލާދީ 3 މީހަކު މަރާލައިފި

އެމެރިކާގައި މީހަކު ބަޑިން ހަމަލަދީ ޔުނިވަރސިޓީއެއްގައި ތިން މީހަކު މަރާލައިފިއެވެ. މިކަން ހިނގީ މިޝިގަން ސްޓޭޓް ޔުނިވާސިޓީގައެވެ. ހަމަލާދިން މީހާ ޔުނިވާސިޓީގެ ދެ އިމާރާތާކަށް ބަޑިން ހަމަލާ ދީފައިވެއެވެ. ބަޑީގެ މިހަމަލާތަކުގައި އިތުރު ފަސް މީހަކު ވަނީ ޒަހަމްކޮށްލާފައެވެ.

ޔުނިވަރސިޓީއަށް ބަޑީގެ ހަމަލާތައް ދޭން ފަށާފައިވަނީ މިޝިގަން ގަޑިން ހޯމަދުވަހުގެ ރޭ 8 ޖެހިއިރެވެ. އެއީ ރާއްޖޭ ގަޑިން މިއަދު ހެނދުނު 6 ޖެހި އިރެވެ. ހާދިސާގައި ޒަހަމްވީ ފަސް މީހުންނަށް މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އޭގެތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށްވެއެވެ.

ހަމަލާދިން މީހާ ފިލާފައިވާތީ އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއެވެ. ފުލުހުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައިރު އެ ސަރަހައްދު ގައި ދިރި އުޅޭ މީހުން ބޭރަށް ނުނިކުތުމަށާއި ރައްކާތެރިވެ ތިބުމަށް އިރުޝާދު ދިނެވެ. ފުލުހުން އެމީހާ ހޯދުމަށް ކުރި މަސައްކަތުން އެމީހާ ފެނުއިރު އެމީހާ އޮތީ ޔުނިވާސިޓީ ކެމްޕަސްގެ ބޭރުގައި މަރުވެފައެވެ. ފުލުހުން ބުނާ ގޮތުގައި ހަމަލާދިން މީހާ މަރުވެފައި ވަނީ އަމިއްލައަށް ގަޔަށް ބަޑި ޖަހައިގެންނެވެ. 

ހަމަލާތައް އޭނާ ދީފައިވަނީ ކީއްވެ ކަމެއް އަދި ފުލުހުންގެ ތަހުގީގަކަށް ނޭގެއެވެ. ތަންތަނަށް ބަޑިޖަހާ މީހުން މެރުމާއި ޒަހަމު ކުރުމަކީ އެމެރިކާގައި ވަރަށް ގިނައިން ހިނގާ ކަމެކެވެ. ހުސްވި އަހަރު ވެސް އެމެރިކާގައި މިފަދަ 648 ހަމަލާ ރިޕޯޓް ކޮށްފައިވާ ކަމަށްވެއެވެ.