ފާމަސިސްޓަކު އަނބިމީހާ މަރާލުމަށްފަހު އަނބިމީހާގެ މަސްކައިފި
އޭނާ އޮތީ ތެލުލި ކުޅެންހެން މަރުވެފާކަމަށް ފިރިމީހާ ބުނި
އަމިއްލަ އަނބިމީހާ މަރާލައި، އޭނާގެ ހަށިގަނޑުގެ ބައެއް ކައި ހެދި ކަމަށް ތުހުމަތުކުރެވޭ ފާމަސިސްޓަކު، އެމެރިކާގެ (911) އިމަޖެންސީ ނަންބަރަށް ގުޅައި "އޭނާ އޮތީ ތެލުލި ކުކުޅެއްހެން މަރުވެފައި" ކަމަށް ބުނި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ޓެނެސީގެ ވިލިއަމްސަން ކައުންޓީގައި ހިނގި މި ހާދިސާއާ ގުޅިގެން، އުމުރުން 57 އަހަރުގެ ޑަގްލަސް "ކާކް" ރޯލްގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައެވެ.
ޖުލައި މަހުގެ 1 ވަނަ ދުވަހު ޑަގްލަސް 911 އަށް ގުޅައި، އޭނާގެ އުމުރުން 52 އަހަރުގެ އަނބިމީހާ އެލިސަން "ޗޭ ޗޭ" ރޯލް މަރާލި ކަމަށް ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
"ލޯ އެންޑް ކްރައިމް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަނބިމީހާގެ ގަޔަށް ބަޑިޖެހީ ކީއްވެގެންތޯ ސުވާލުކުރުމުން، އޭނާ ބުނީ "އަސްލުވެސް އަހަންނަށް ހީވީ އެއީ ޝައިތާނެއް ކަމަށް، އަދި އަހަންނަކީ ކަލާނގެ ދަރިއެއް ނުވަތަ އީސާގެފާނު ކަމަށް" ހީވީ ކަމަށެވެ.
އަނބިމީހާ އަދިވެސް ނޭވާލާތޯ ޑިސްޕެޗަރު ސުވާލުކުރުމުން ޑަގްލަސް ބުނެފައިވަނީ، "ނޫން، އޭނާ އޮތީ ތެލުލި ކުކުޅެއްހެން މަރުވެފައި" ކަމަށެވެ.
ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ޑަގްލަސް ހުރީ ގޭގެ ބޭރުގައި އޭނާގެ އަންނައުނު ބާލާށެވެ. ފުލުހުންގެ އަމުރަށް ކިޔަމަންނުވުމުން، "ޓޭޒާ" ބޭނުންކޮށްގެން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ހަބަރުތައް ބުނާގޮތުގައި އެލިސަން ފެނުނުއިރު އޭނާގެ ހަށިގަނޑަށް ބަޑީގެ ހަމަލާތަކެއް ވަނީ އަރާފައެވެ. އަދި އޭނާ ވަނީ ހާދިސާ ހިނގި ތަނުގައި މަރުވެފައެވެ.
ވިލިއަމްސަން ކައުންޓީގެ ޝެރިފް އޮފީހުން ޑަގްލަސް ހައްޔަރުކުރިކަން އިއުލާންކުރީ ޖުލައި 2 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރި ވަގުތު ނިތްކުރިއަށް ލިބުނު އަނިޔާތަކަށް ފަރުވާދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މައްސަލައިގެ ތަހުގީގަށް ޑަގްލަސް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، އޭނާ ސޯފާގައި ނިދާފައި އޮއްވައި އަނބިމީހާ އައިސް ހޭލެއްވުމުން ދެމީހުންގެ ދެމެދުގައި ޒުވާބެއް ހިނގި ކަމަށެވެ. އަދި އޭނާ އަނބިމީހާގެ ގައިމައްޗަށް އަރައި އޭނާގެ ބޯ ހަށިގަނޑާ ވަކިކުރަން މަސައްކަތްކުރި ކަމަށާއި، އެކަން ކާމިޔާބު ނުވުމުން މޭގެ އެކި ތަންތަނަށް ބަޑިޖެހީ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އޭގެއިތުރުން، އެއީ ހަގީގަތުގައި ހިނގި ކަމެއްކަން ޔަގީން ނުވާތީ، އަދިވެސް އެއީ ޝައިތާނެއް ކަމަށް ގަބޫލުކުރެވޭތީ، އަނބިމީހާގެ ހަށިގަނޑުން ބައެއް ކާން މަސައްކަތްކުރި ކަމަށްވެސް އޭނާ އިއުތިރާފުވެފައިވެއެވެ.
ޑަގްލަސްއަކީ ހުއްދަ ލިބިފައިވާ ފާމަސިސްޓެކެވެ. އެމީހުންގެ އަވަށްޓެރިއެއް ކަމަށްވާ އެނާ ބޯލްޑްވިން ބުނި ގޮތުގައި، އެލިސަން މަރުވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އޭނާއާ ވާހަކަ ދެއްކިއެވެ. އަދި އެ ގޭތެރޭގައި ގެވެށި އަނިޔާގެ ކަންތައްތަކެއް ހިނގަމުންދާ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ބޯލްޑްވިން ބުންޏެވެ.
ބޯލްޑްވިން އިތުރަށް ބުނިގޮތުގައި އެ ގޭތެރޭގައި ކޮންމެވެސް އާދަޔާ ހިލާފު ކަންތައްތަކެއް ހިނގާކަން އެނގެއެވެ. އެލިސަން އޭނާގެ މަންމައާ ވަރަށް ގާތް ގުޅުމެއް ބާއްވައި، އަމިއްލަ ދިރިއުޅުމުގެ ބައެއް ސިއްރުތައް ހިއްސާކުރި ކަމަށްވެސް ބޯލްޑްވިން ބުންޏެވެ.
ކޯޓުން މިހާރު ވަނީ ޑަގްލަސްގެ ޕެރޯލަށް 2.5 މިލިއަން ޑޮލަރު ކަނޑައަޅާ ބަންދުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.


