ޑރ. މުއިއްޒަށް: އަންނި ގޮވައިގެން ނެގޭނެ ބޯވައެއް ނޯންނާނެ
އަންނި އައިގެން މަރުދިން އެމްޑީޕީ ތިބީ އެއްވާނަކަށް އަންނި ނޫން ގޮތެއްގަ
ވެރިކަން ނޫން އެހެން ކަމެއް ބޭނުން ނޫން ބަޔަކަށް އެއްބައި ވަންތަކަމުގެ ސަރުކާރެއް ހިންގާން ފުރުސަތު ނުދެވޭނެއެވެ. ކެނެރީގޭ ނަޝީދާއެކު ނެގޭނެ ބޯވައެއް ނުއޮންނާނެއެވެ. މާޒީން އެ ތަޖުރިބާ އެ އޮތީ ފެންނާށެވެ. ހަނދާން ނެތިއްޔާ ހަނދާން އައުކޮށްލާށެވެ.
2018 ގައި ރިޔާސީ އިންތިހާބަށް ދޮންވަމުން އައި އިރު ނަޝީދު ހުރީ ޖަލުގައެވެ. އެކަނި ވާދަކުރި ޕްރައިމަރީގައި ބާލިދީއަށާއި ދޮންނަ މެޝިނަށް ވޯޓު އަޅައިގެން އެމްޑީޕީ މީހުން ޓިކެޓް ދިނީ ނަޝީދަށެވެ. ދެންދެނޭ ގޮވަންދެން ޓިކެޓްގައި ބަގުޑި ބައްދައިގެން ނަޝީދު ހުރީ ލަންޑަނުގައި އެރުވިގެންނެވެ. ނަޝީދަށް ނުނިކުމެވެންޏާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވާދަނުކުރަން އޭނާ ދިޔައީ ފިއްތަމުންނެވެ. އެހެނަސް އުކުޅަހު ކޮންގްރެސްގައި އޭނާއާ ދެކޮޅަށް އިބޫއަށް ޓިކެޓް ދިނީ ކޮންގޮރަސްމަނުންނެވެ. އެހެންވެ އަދި އަދަށް ވެސް އުކުޅަހު ކޮންގްރެސް ނަޝީދު ސިފަ ކުރަނީ އުކުޅަހު ބަގާވާތުގެ ގޮތުގައެވެ.
ރައީސް އިބޫ ވެރިކަމަށް އައީ ޑިމޮކްރެޓުން މިހާރު އެބުނާ ޒާތުގެ އެއްބައިވަންތަ ސަރުކާރެއް އުފައްދާ ހިންގަން އެއްބަސް ވެގެންނެވެ. މި އެއްބަސްވުން އެއްބަސްވީ އެމްޑީޕީއާއި ޖުމްހޫރީއާއި އަދާލަތާއި ޕީޕީއެމް މައުމޫނު ފެކްޝަން (ފަހުން އެމްއާރުއެމް) ވެގެންނެވެ. ސަރުކާރުގައި އެމީހުން ހިއްސާ ކުރާނެ މިންވަރާ މަޖިލިސް ގޮނޑިތައް ހިއްސާ ކުރާނެ ގޮތްވެސް ކަޑައަޅައިގެންނެވެ. ކޯލިޝަންގެ މައިޕާޓީއަކީ އެމްޑީޕީއެވެ. އެމްޑީޕީގެ ރައީސަކީ ނަޝީދެވެ.
ޖަލު ހުކުމެއްގައި ހުރެ ލަންޑަނަށް ފިލަންގޮސް ހުރި ނަޝީދު މިނިވަން ވެގެން އައުމާއެކު ގުޅިގެން ހިންގަން އުފެއްދި އެއްބަސްވުންތައް ރޫޅާލާ ރައީސުލްޖުމްހޫރިއްޔާއަކީ ނަޝީދުގެ ގޮނޑިކޮއްކޮއަކަށް ހެދުމަށް ނުރައްކާތެރި ފިއްތުންތައް ފިއްތަން ފެށިއެވެ. ކޯލިޝަން ޕާޓްނަރުން ރުޅިއަރައިގެން ކޯލިޝަން ދޫކޮށްލާފައި ދާވަރަށް ޖެއްސުމާ ދުއްޕާން ކުރިއެވެ. ރައީސް އިބޫގެ ހަތަރެސްފައި ބަނދެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރިއެވެ.
މަޖިލީސް އިންތިހާބާއި ހަމައިން ކޯލިޝަނުގައި ރެނދު ލައްވާލިއެވެ. މަޖިލިސް ފާރުމަތިން އުކާލާ ގޮނޑިގެއްލުވާލި މެންބަރުނަށް ރިޒާވް ކުރުމަށް އެއްބަސްވެފައިވާ ދާއިރާތައް އެ މީހުނަށް ނުދިނުމަށާއި ކޯލިޝަން ޕާޓްނަރުން ގޮތުގައި ތިބި ޕާޓީ ތަކަށް ދާއިރާއެއް ދޫނުކޮށް އެންމެ ދާއިރާއެއް ނޫން ހުރިހާ ދާއިރާއަށް އެމްޑީޕީން ވާދަ ކުރަން ނިންމާ ކޯލިޝަން އެއްބަސްވުމާ ފުރަތަމައަށް ބޮޑުތަނުން ނަޝީދު ހިލާފުވިއެވެ. ހުރިހާ ޕްރެޝަރެއް ރައީސް އިބޫ އަށެވެ. އަނެއް ކޮޅުން ގާސިމާ މައުމޫނާ އިމްރާނަށް އެމްޑީޕީ މެދުވެރިކޮށާއި ސީދާ ނަޝީދު ޒާތީގޮތުން ނުކުރާ ޖެއްސުމެއް ނާޅުވާ ބަދުނާމެއް ނެތެވެ.
މަޖީލީހުގެ ސްޕަރމެޖޯރިޓީ އެމްޑީޕީއަށް ލިބުމުން މަޖިލީހުގެ ރައީސް ކަމަށް އައްޑޫ އަސްލަމާއި ވިލުފުށި އަފީފު ތެޅުވުމަށް ފަހު އެގޮނޑިއަށް ސަވާރުވީ ނަޝީދެވެ. އެހިސާބުން ދުނިޔެ ރަންވިއެވެ. ނަޝީދު ބޭނުންވި ގޮތަށް ރައީސް އިބޫ ކޯލިޝަން ހަވަރަށް ނުދެއްވުމުން ނަޝީދު ދިމާކުރީ ރައީސްގެ ބާރު ކަނޑުވާލުމަށެވެ. ބަހަނާއަކަށް ހެދީ ބަރުލަމާނީއެވެ. ބަރުލަމާނީ ރައީސް ބަލައިނުގަތުމުން މަޖިލީހުގެ ފްލޯއަކީ ނަޝީދުގެ ފިތުނަ ވިއްކާ މާރުކޭޓަށް ހެދީއެވެ.
ނަޝީދު ޗަރުކޭސް ކުޅުކުޅެ ހުއްޓާ ރައީސް އިބޫގެ ކެތްތެރިކަމާ ވިސްނުން ތޫނުކަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ކޮންޓްރޯލު ނަޝީދަށް މުޅިން ގެއްލުވާލިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލު ރައީސް އިބޫ ހޯއްދެވިއެވެ. އެންމެ ފަހުން ނަޝީދުގެ ބާރުގެ ދަށުގައި އޮތް އެމްޑީޕީ ސެކެރެޓެރިއޭޓް ވެސް ނަޝީދަށް ގެއްލުނީއެވެ. ނަޝީދު ބޭނުންވި ގޮތަށް ވެރިކަން ހިންގާ ކޯލިޝަން ރޫޅާނުލާ އެމްޑީޕީގެ ވެސް ބޮޑު ތާއީދާއި އެއްބާރުލުން ރައީސް އިބޫ ހޯއްދެވިއެވެ.
ރިޔާސީ ޕްރައިމަރީވެސް ނަޝީދަށް ގެއްލި މަގު މަތިވީއެވެ. ރައީސް އިބޫ ނޫން އެހެން ވެރިއަކު ނަމަ ނަޝީދު މަގުމަތިކޮށްލާނެތާ ކިތަންމެ ދުވަހެކެވެ. ކުޑައިރުއްސުރެ އޮތް އަހުވަންތަ މިތުރުކަމާއި ވަކިނުވޭ ވަރަށް އޮތް އާއިލީ ބަދަހި ގުޅުމާއި ހެދި ނަޝީދު ގޮވައިގެން އުޅުއްވޭތޯ ރައީސް އިބޫ ކެތްތެރިކަމާއެކު ހިތްވަރު ކުރެއްވިއެވެ. އެހެނަސް ކުރާނީކީއް ހެއްޔެވެ. ވެރިކަން ނޫން އެހެން ކަމެއް ބޭނުން ނުވާ ނަޝީދަށް ރައީސް އިބޫ ވެރިކަން ކުރެއްވުމަކީ ކެތްކުރެވުނު ކަމަކަށް ނުވެ އިބޫ ނޫން ގޮތެއް ހޯދީއެވެ. އަންނި އައިގެން މަރުދިން އެއޮތް ބޮޑު އެމްޑީޕީ މިއަދު އެތިބީ އެއްވާނަކަށް އަންނި ނޫން ގޮތެއްގައެވެ.
ޑރ. މުއިއްޒު ވެސް ހެޔޮވެރި ކަމެއް ކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވަންޏާ އަންނިއާއި ޑިމޮކްރެޓްސް ނޫން ގޮތެއް ހޯއްދަވާށެވެ. ޑރ. މުއިއްޒުގެ ސަރުކާރެއްގައި ގާބިލުކޮންމެ މީހަކަށް ވެސް ފުރުސަތު އޮންނާނެ ކަމާއި ޑިމޮކްރެޓްސްއަށްވެސް ފުރުސަތު އޮތްކަމަށް ވިދާޅުވެލެއްވޭ އިރަށް މިހާ އަވަހަށް ދެއްކި ވާހަކަ ދެކޭށެވެ. މުއިއްޒު އިންތިހާބުވެ ވަޑައިގެން ރޫހާ ހިލާފަށް އިންޑިއާ ސިފައިންނަށް ރާއްޖޭގައި ޖާގަ ޑރ. މުއިއްޒު ސަރުކާރުގައިވެސް އޮތް ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކައިގަތީއެވެ. އެވެސް ދުނިޔޭގެ މީޑިއާގައެވެ. ކިތަންމެ ރީތި ވާހަކައެއް ފެށުމުގައި ދެއްކިޔަސް އަންނިއަށް އެހެން މީހަކު ވެރިކަމުގައި ހުންނަތަން ދެކޭކަށް ކެތެއް ނުވާނެއެވެ.