ގާނޫނާހިލާފަށް އުޝާމް އޭޖީކަންކުރިކަމުގެ އިއުތިރާފެއް!

ފެންމަތިނުވެ ނުދާނެ ގާނޫނީ މައްސަލަތައް އުޝާމަށް އެނގޭ

ގާނޫނާހިލާފަށް އުޝާމް އޭޖީކަންކުރިކަމުގެ އިއުތިރާފެއް!

ބަންޑާރަ ނައިބަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރެކެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަކީ ރައިސުލްޖުމްހޫރިއްޔާ އައްޔަނުކޮށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ފާނޑިޔާރަކު ލާދޭ ހުވައެއް ރައީސްގެ ކުރިމަތީގައި ކޮށްގެން މަގާމުގެ ޒިންމާ ހަވާލުވާ ބައެކެވެ. 

ރައީސް މުއިއްޒުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ބަންޑާރަ ނައިބުކަމުގެ ޒިންމާއާ މަތިކުރާކަށް ފުރަތަމަ ފަހަރު ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް ނުލިބުނެވެ. މަޖިލީހުން ރުހުން ނުލިބުމުންވެސް އަލުން މަގާމަށް އައްޔަނުކޮށްގެން އުޅުނެވެ. މަޖިލީހުގެ ރުހުން ނުލިބެހުރެ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ވަޒީރުންގެ މަޖިލީހުގައި ބައިވެރިވުމާ ދައުލަތުގެ ގާނޫނީ އެތައް ޒިންމާއެއް އުފުލާ ނިންމުންތައް ނިންމާ ހަދަމުން އުޝާމް ގެންދިޔައެވެ.  

ގާނޫނު އަސާސީ ބުނާ ގޮތުން ޖޭއެސްސީގައި ބަންޑާރަ ނައިބު އިންނަން ޖެހެއެވެ. ޖޭއެސްސީގެ ނިންމުންތައް ނިންމުމަށް ބާއްވާ ޖަލްސާތަކުގައި ބައިވެރިވުމަކީ ބަންޑާރަ ނައިބުގެ ގާނޫނީ ޒިންމާއެކެވެ. 

މަޖިލީހުގެ ރުހުން ނުލިބުނު ހިސާބުން ބަންޑާރަ ނައިބުކަމުގައި ހުރި އުޝާމް ޖޭއެސްސީގެ ޖަލްސާތަކަކަށް ނުދެއެވެ. އޭރު ޖޭއެސްސީގެ 15 ޖަލްސާއެއްގައި އުޝާމް ބައިވެރިވެފައެއް ނުވެއެވެ. ހަމަ އެހެންމެ ޖޭއެސްސީގެ އިތުރުން އެޓާނީ ޖެނެރަލްގެ ހައިސިއްޔަތުން ބާ ކައުންސިލްގައި ވެސް އުޝާމް ބައިވެރިވާން ޖެހެއެވެ. ބާކައުންސިލްގެ ޖަލްސާތަކުވެސް އޭރު އުޝާމް ބައިވެރިއެއްނުވެއެވެ. 

ޖޭއެސްސީއާއި ބާ ކައުންސިލްގެ ޖަލްސާތަކުގައި ބައިވެރިވެއްޖެނަމަ ފެންމަތިނުވެ ނުދާނެ ގާނޫނީ މައްސަލަތައް އުޝާމަށް އެނގޭނީތާއެވެ. ޖޭއެސްސީއަކީ ގާނޫނީ ސިޔާސީ މުއައްސަސާއެކެވެ. ޖޭއެސްސީގެ ޖަލްސާއަކަށް އޭރު ދިޔަނަމަ ވެއްޓޭނީ ހޫނުފެނަށްކަން އުޝާމަށް ރަނގަޅަށް އެނގޭނެއެވެ. ބާ ކައުންސިލަކީ ރާއްޖޭގެ ހުރިހާ ގާނޫނީ ވަކީލުންނަށް ނިސްބަތްވާ ގާނޫނީ މުއައްސަސާއެވެ. އުޝާމްގެ ގައިރުގާނޫނީ ބަންޑާރަނައިބުކަން ބާ ކައުންސިލުން ބަލައި ނުގަންނާނެކަން އުޝާމަށް އެނގެއެވެ. 

އެއްވެރިކަމެއްގައި އެއްމަގާމަކަށް އައްޔަނު ކުރަން މަޖިލީހުން ރުހުން ނުދީފައިވާ މީހަކަށް އަލުން ރުހުން ހޯދަން ހުށަހަޅައިގެން ރުހުން ހޯދުމަކީ ގާނޫނު ދަންނަކަން ކަމަށް ނުވިޔަސް ހުދުމުހުތާރު ވެރިކަމެއްގައި ވެރިމީހާ ބޭނުންވުމުން ކަމެއް ނުވެވޭ ގޮތެއް ނުއޮންނާނެއެވެ. ގާނޫނަކުން މަނާ ނުކުރާތީ އުޝާމްގެ ބަންޑާރަ ނައިބުކަން ވެސް އެގޮތަށް މިހާރު އެތިބީ ހަލާލުކޮށްގެންނެވެ.  

ހަލާލުކުރި ބަންޑާރަ ނައިބުކަމުގައި ނޫސްވެރިން ކުރިމައްޗަށް ނިކުމެ އުޝާމް އަމިއްލައަށް ކަށަވަރުކޮށްދިނީ ކުރިން ހުރީ ހަރާން ބަންޑާރަ ނައިބު ކަމެއްގައި ކަމެވެ. ޖޭއެސްސީގެ ޖަލްސާތަކަށް ފަހުން ނުދާން ފެށި ސަަބަބަކީ ރުހުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ގޮތެއް ކަނޑައެޅިފައި ނެތުމުންކަމަށް އުޝާމް ބުނުމުން އުޝާމް އޭރު އެހުރީ ގައިރު ގާނޫނީކޮށް ކަމާމެދު ޝައްކެއް ނެތް މިންވަރަށް ޔަގީންވީއެވެ. 

ވަރަށް ސާފުބަހުން އުޝާމް ބުނީ " އަޅުގަނޑު ދެވަނަ ފަހަރަށް ރައީސް އެޕޮއިންޓް ކުރެއްވީމައި ރުހުމުގެ މައްސަލާގައި މަޖިލީހުން ގޮތެއް ނުނިންމާ އޮތުމުން ޖޭއެސްސީގެ ޖަލްސާތަކަށް ނުދަން،" ކަމަށެވެ. އަނެއް ކޮޅުން ޖޭއެސްސީގެ އިތުރުން އެޓާނީ ޖެނެރަލްގެ ހައިސިއްޔަތުން ބާ ކައުންސިލްގައި އިންނަން ޖެހޭއިރު ބާ ކައުންސިލްގެ ބައްދަލުވުންތަކާއި މަޝްވަރާތަކުގައި ވެސް އޭނާ ބައިވެރިނުވާ ކަމަށް އުޝާމް ވަނީ އިއުތިރާފް ވެފައެވެ.