ދެން ކީއްކުރާނި ރާއްޖެ!
ހައްގު ހޯދާ ހުކުން ތަންފީޒުކުރުން ގޭންގްތަކުގެ އަތްމައްޗަށް
ގައުމުގެ ކަންކަން ހަރާބުގެ މަގަށް ފުރޮޅުމުގެ ކޮންމެ ތުހުމަތެއްގައިވެސް ކޮންމެވެސް ހަގީގަތެއް އޮވެއެވެ. ޕާޓީ ނިޒާމުން ވެރިކަން ހިންގަން ފެށުމަކީ ވަރަށް ބޮޑު ގޯހެއްކަމަށް ބަޔަކުދެކެއެވެ. އެހެނެއް ކަމަކު ޕާޓީ ނިޒާމުން ވެރިކަން ކުރުން ނޫން ގޮތެއް އޮތްކަމަކަށްވެސް މިހާރަކު ގަބޫލެއް ނުކުރެވެއެވެ. ޕާޓީ ނިޒާމް ނެތުމަކީ ހުދު މުހުތާރުވެރިކަމުގެ ސިފައެއްކަމަށް ވެސް މީހުން މިހާރު ގަބޫލުކުރެއެވެ.
ސިޔާސީ ޕާޓީތަކުން ވެރި ކަންކުރުމަކީ ބޮޑު ދެ ޕާޓީން ދައުލަތް ނޮޅާކެއުމަށް ހޯދި މަގެއްކަމަށްވެސް މީހުން ކިޔާއުޅެއެވެ. އެއްފަހަރު އެއްބަޔަކު ދައުލަތް ވީދާ ނޮޅައިގެން ކެއުމުން އަނެއްފަހަރު އަނެއްބައި މީހުން ވެރިކަން ހޯދައިގެން ދައުލަތް ދަވާލަނީ ކަމަށް ބުނަނީވެސް މަދު ބައެއް ނޫނެވެ. ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް މީހުނަށް އެހެން ނުބުނެވޭ ވަރެއް ނޫނެވެ.
އެހެން ބުނެވެނީ ވެރިކަމުން ބޭރުގައި ތިބޭއިރު ގޯސްވާ ކަންކަން ވެރިކަމަށް އައުމުން ކަމުގޮސް ކުރިއަށްވުރެވެސް ބޮޑަށް ގޯސްކޮށްލާތީއެވެ. ރައީސް މައުމޫނުގެ ވެރިކަމުއްސުރެ މިވަގުތާ ހަމައަށް ސަރުކާރުތަކާއި މެދު ރައްޔިތުންގެ ގިނަބައެއްގެ އިތުބާރެއް ނޯވެއެވެ. ޕާޓީ ލައިނުން އެމީހަކު ގަބޫލު ކުރާގޮތް ނޫނީ އެއްވެސް ކަމަކީ ހަމަކަމަކަށްވެސް ނުވެއެވެ.
ޑިމޮކްރެޓިކް ދައުލަތެއްގައި ހުންނަން ޖެހޭ ހުރިހާ ބަހާތަކެއް ހުއްޓަސް ރާއްޖޭގައި އިންސާފެއް ނެތެވެ. ތައުލިމާއި ތަޖުރިބާއަކީ ދައުލަތް ހިންގުމުގައި އަގެއް އޮތް އެއްޗަކަށް ނުވެއެވެ. އުޑެއް ބުޑެއް ނޭނގުނަސް ފައިސާއާއި ނުފޫޒަކީ މަތިފަޑިން ޖާގަކަށަވަރު ކުރަން އޮތް ބަހާއަށްވެ ނިމިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިބެން ޖެހޭނީ އެންމެ އިލްމީ އެންމެ ތަންދޮރު ދަންނަ އެންމެ ތަޖުރިބާކަރުން ކަމަށް އަބަދުވެސް މީހުން ވަކާލާތު ކުރެއެވެ. މަޖިލީހުގެ ތަޅުމަކީ ގެރިކޮޢްޓެއް ކަމަށް ސިފަކޮށް އެހެން އެކަން ވެގެން ނުވާނެ ކަމަށް ވާހަކަ ދެއްކެއެވެ. ރަނގަޅު މޮޅު މީހުން މަޖިލީހުގައި ނުތިބޭތީ ޝަކުވާ ކުރެވެއެވެ. އާހިރުގައި އިންތިހާބުގެ ނަތީޖާ ލިބޭއިރު ދާއިރާ ގޮނޑިއަށް ވާދަކުރާ އިލްމީ ގާބިލުމީހާ ޖެހެނީ ގޮނޑު ހޮވަންދާށެވެ. ގިނަ ފަހަރަށް ގޮނޑީގައި އިންނަނީ އެންމެ ގިނަ ފައިސާ ހޭދަކުރާ އެންމެ ކޮރަޕްޓް އެންމެ ނުފޫޒު ގަދަ މީހާއެވެ.
އިޖުތިމާއީ ފޭރާމުގެ ވާހަކައަކީވެސް ނިކަން ބާރަށް އިވޭއަޑެކެވެ. އެ ވާހަކަ ދައްކާ މީހުން ބުނާ ގޮތުގައި ޑްރަގާއި ގޭންގް މަރާމަރީއާއި ރިޝްވަތާއި ކޮރަޕްޝަނަކީ އާދައިގެ ކަންކަމަށް ވެއްޖެއެވެ. އަދުލު އިންސާފުގެ ބާރަށް އިތުބާރެއް ނެތެވެ. ރަނގަޅަށް ކުރެވޭ ކަމެއްގައިވެސް ނިޔަތާމެދު ޝައްކު ކުރެވެއެވެ. އިންސާފު ގާއިމުކުރުން ފަސްވެ ލަސްވެ ދިގުލައިގެން ގޮސް ކަންކަމުގެ މުއާލާތްކެނޑި ޒަމާން ގަނޑަކަށް ފަހު ކޯޓުތަކުން އިއްވާ ނިޔާއަކީ ގިނަ ފަހަރަށް އަނިޔާއަކަށް ވެދެއެވެ. ހައްގު ހޯދާ ހުކުން ތަންފީޒުކުރުން ގޭންގްތަކުގެ އަތްމައްޗަށް ފުރޮޅި ކޯޓުތަކުގެ ބޭނުން ކެނޑިއްޖެއެވެ.
ފެންހިފޭ އެއްކަމެއްވެސް ރާއްޖޭގައި މިހާރަކު އޮތްކަމަކަށް ނުވެއެވެ. ފާލުން ނުނެއްޓޭ ވަކިކަމެއް ނެތެވެ. އަޑުގަދަމީހާ ރުއްގިނަވާ ނިޒާމް ކޮންމެ ކަމެއްގައި އޮތީ ވަކި ހިއްޕާލާފައެވެ. ޖަދަލުކުރުމާ ބަދަލު ހިފުމުގެ ރޫހު އަށަގެންފައިވަނީ ކަށީގެ މަދުއްސުރެއެވެ.
ކޮންމެ މީހެއްގެ ދުލުކުރީގައި ލިޔެވިފައި އޮންނަހާވެސް އެއްޗަކީ "ދެން ކުރާނީ ކީއް" ހެއްޔެވެ. ކަމެއް ރަނގަޅު ހަމަ މަގަށް އަޅުވަން ކުރާނެ އެއްވެސް ކަމެއް އޮތްކަމަކަށް ނުވެއެވެ.