ނަޝިދަށް ހަތުރެއް މިތުރެއް ވަތްކެއް ނުވޭ!

ނަޝީދުގެ މަގުބޫލުކަން ކެނޑެނީ ހިސާނުގެ ކުށަކުން ނޫން

ނަޝިދަށް ހަތުރެއް މިތުރެއް ވަތްކެއް ނުވޭ!

ވާދަވެރި އިންތިހާބާއި ތަފާތު ފިކުރު ހަޖަމްކުރުމުގެ ބާރެއް ފިކުރެއްގެ ދިރުމުގައި ނެތެވެ. ހިތު ލޯބި ދީގެން އެމީހަކަށްޓަކާ ރޭނިދި ނުނިދާ އުޅުމުގެ ހަމައަގަކީ ސަޕޯޓަރުން ލައްވާ ހައްޓަށް އަރުވާ ގުއްޓުތަކެވެ. މަވެތި ކަމުގައި ގުރުބާން ކަންބަޅިތަކަކަށް އަބަދަކު އެންމެނަކު ވެގެނެއް ނުތިބޭނެއެވެ. ޑިމޮކްރަސީއަކީ އެކެއްގެ ވަށައިގެން އެނބުރޭ ފިރުއައުނީ ނިޒާމް ނޫން ކަމަށް ވަކާލާތުކޮށް ހިތްތައް ހޯދައިގެން ތާއަބަދަށް އެޅިހާބަތަކަށް އެންމެން ރިހަ ނުވުމުން ސުއްދާނު ނުހިފުމަކީ އެހެން މީހެއްގެ މައްސަލައެއް ނޫނެވެ.

ބައެއް ފަހަރު ބައެއް މީހުން މޮޔަހެއްދި ދާނެއެވެ. ބައެއް ފަހަރު އެންމެން ވެސް މޮޔަ ހެއްދިދާނެއެވެ. އެކަމަކު އަބަދަކު އެންމެނެއް މޮޔައެއް ނުހެއްދޭނެއެވެ. ކާކަކީ ކާކުކަން އެނގި އޮޅުން ފިލިފިލިހެން އެ މިހަކާ މީހުން ދުރުވެ ގާތް ވާނެއެވެ. ރައީސް ނަޝީދު ވެސް ބޭޒާރުވެ ބަކީ ވަމުން އެ ހުރެދަނީ އެގޮތަށެވެ.

މަޝްހޫރުކަމާއި މަގުބޫލުކަން ހޯދަން ކުޅުނުހާ ޗަރުކޭހުގައި ތަކްލީފްތައް ލިބުނީ އެމްޑީޕީއަށާއި އެމްޑީޕީގެ ހިތްވަރު ގަދަ މެންބަރުންނަށެވެ. ވެރިކަން ލިބި ފަނޑިޔާރަކު ހައްޔަރުކޮށް އަތަށް ގޮއްވާލުމުން ވެރިކަން ވެއްޓި ހައްޔަރުވުމުން މުޅި އެމްޑީޕީ އޮންނަން ޖެހުނީ ދޫކޮށްލާ ދޫކޮށްލާ ގޮވަން މުޒާހަރާގައި މަގުމަތީގައެވެ. ޔާމީނުގެ އަނިޔާވެރި ވަކިތަކުން އެމްޑީޕީއާއި ރައީސް ނަޝީދު ސަލާމަތް ކުރަން މާބަނޑު ހާލުގައިވެސް އެންމެ ބޮޑު ގުރުބާނީއެއްވީ ފަހުލަވާނަކީ ހިސާން ހުސައިންއެވެ. އެހެނަސް ހަތަރެސްފައި ބަނދެވި އޮތް ޖަލުގެ ކުޑަގޮޅިން ނެރެ މައިބަދަ ބަހާނާގައި ބޭރަށް ފޮނުވާ ދިނުމުގައި ހިސާންވީ ގުރުބާނީ އަގަކީ ސަޕޯޓަރުން ނެރުވައިގެން ފަހާދުއްވުމެވެ. ގަޔަށް އަތްލާ ޖިސްމާނީ އަނިޔާއާއި ނަފްސާނީ އަނިޔާ ކުރިމަތި ކުރުވުމެވެ.

ފޮޓޯ:ވަން

ޔާމީނުގެ ގޮށްމުށުން ރާއްޖެ މިންޖުކޮށް އެމްޑީޕީ އިސް ބަސްބުނާ ސަރުކާރެއް ގެނެސް 13 އަހަރުގެ ޖަލު ހުކުމުން މިންޖުކޮށް ދިން ޒަމާންވީ މިތުރު ރައީސް ސާލިހާއި ވީހާލެއްގައިވީ ދިފާއީ ވަކީލު ހިސާން ހުސޭންމެންނަކީ ޖާނީ ދުޝްމަނުން ކަމަށް ރައީސް ނަޝީދަށް ވެއްޖެއެވެ. ނަޝީދުގެ ނަމާއި އަބުރާ ވަސް ފުހެލަން މަސައްކަތްކޮށް އެމްޑީޕީ ވުޖޫދުން ފުހެލުމަށް އެތައް އަނިޔާއާއި ދުއްތުރާ ޖެއްސި ޖައްބާރު ޔާމީނާއި އޭނާގެ ބައިވެރިންނަކީ ރައީސް ނަޝީދުގެ މިތުރުންނަށް ވެއްޖެއެވެ.

ރައީސް ނަޝިދަށް ހަތުރެއް މިތުރެއް ވަތްކެއް ނުވެއެވެ. ވެރިކަމުގެ ދަހިވެތިކަން ސިނކުޑީގެ މަދުގެ މަދުގައި އަށަގަތުމުން އަނގުރު އަލިފާންވެސް ވަތްކެއް ނުވެއެވެ. އަމިއްލަ އެދުން އިސްކޮށް އަމަލާ ބަސް މަގު ހުރިގޮތުން މީހުންގެ ހިތުލޯބި ކެނޑި ބަކީ ވުމަކީ ތަޅާނެ ކުދިން ހޯދައިގެން ހިޔާލު ތަފާތު މިތުރުން ފުޑާލަން ނިކުންނަން ޖެހޭ ސަބަބެއް ނޫނެވެ. ބޮޑުތަނުން ރައީސް ނަޝީދުގެ މަގުބޫލުކަން އެމްޑީޕީގައި ކެނޑިގެން ދިޔައީ މީހަކު ކުރިކަމަކުން ނޫނެވެ. މަވެތިކަން ބޮޑުވެގެންނެވެ. އަމަލާ ބަސްމަގު ހުންނަ ގޮތުންނެވެ. އެމްޑީޕީގެ ރައީސް ކަމުގައި ހުރެ ރީތިކޮށް ބާކީވެ ނިމެނީ ހިސާނުގެ ކުށަކުން ނޫނެވެ.

ހަޖަމްނުވާ ބަޔަކަށް ނުވިޔަސް އެމްޑީޕީ ދަމަހައްޓާ ނަގަހައްޓާ ދިފާއު ކުރަން ހިސާން ކުރާ މަސައްކަތުގައި ދައްކާ ބިރަކަށް ކުރާ ފުރައްސާރަ އަކަށް ނުބަލާނެއެވެ. ހިސާންގެ ހިދުމަތް ކުރަނީ އެމްޑީޕީއަށެވެ. ވަކި މީހަކަށް ނޫނެވެ. މިއަދު އެމްޑީޕީ އޮތީ ރައީސް ސާލިހާއެކު ކުރިއަށް ދިޔުމެވެ. ހިސާން އެހުރީ އެމްޑީޕީއާއެކު ފަހަށް ނުޖެހި ކުރިއަށް ދާށެވެ.