ނިޒާމު ނުގެނެވެނީސް ބަރުލަމާނީ ކެހި ބޮޑުވަޒީރަށް
ހުދުކޮތަރު ކޯލިޝަން ހެދުމުގެ ފަހަތުގައި ވެސް އޮތީ ބޮޑުވަޒީރުކަން
ބަރުލަމާނީ ނިޒާމު ނުގެނެވިގެން މީހަކު ވެއްޓިފުރޮޅި ގަންނާނެއްބާ ގޮވާއަޑު މިދޭތެރެއަކުން ވަރަށް ގަދަވިއެވެ. ބަރުލަމާނީ ނިޒާމު ނުގެނެސް ދިރި ތިބެން ދަތިވާ ހިސާބަށް ދިޔައެވެ. ބޮޑު ވަޒީރުގެ ހުވަފެން ބަލަބަލާ ހުރެފައި ކުއްލިޔަކަށް ފެނުނީ ރިޔާސީ ޕްރައިމަރީއަށް ނިކުތް ތަނެވެ. ޕްރައިމަރީން ފޭލިވުމުން ބޮޑާހަދާ ވިޔަރި ދައްކަން ފެށީ ތިޔަ ހެންނަކުން ނޫނެވެ.
ރަނެއް މަލަކަށް ހަދައިގެން އުޅުނު އެންމެންގެ އަޑު ނާހާ ހުދުކޮތަރު ކޯލީޝަނެއް ހަދަން މުޑިނެގިއެވެ، ހުދުކޮތަރު ކޯލިޝަން ހެދުމުގެ ފަހަތުގައި ވެސް އޮތީ ބޮޑުވަޒީރުކަމުގެ ހީލަތްތެރި ރޭވުމެވެ. ހުދުކޮތަރު ކޯލީޝަނަށް ރިޔާސީ އިންތިހާބު ކާމިޔާބު ވުމުން ހުވާކުރުމުގެ ކުރީން ޖުމްހޫރީން ކޮށްދޭން ޖެހޭ ކަމަކީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމެވެ. ކޮތަރު ކޯލީޝަނުގެ ފިކުރެއްގެ ދިރުމަށް ޖުމްހޫރީ ލީޑަރު މެންބަރުން ގަނެ ދިނުމެވެ. ބަރުލަމާނީ ފެންނަ ނުފެންނަ ވޯޓަށް ޖުމްހޫރުން ހަރަދު ކޮށްދީގެން ބަރުލަމާނީ ފެންނަ ނުފެންނަ ވޯޓު ނަގުވާ ނިޒާމް ބަދަލުކުރުމެވެ.
އެވަރަކުން ނުނިމެއެވެ. ޖުމްހޫރީ ލީޑަރު ހުވާކުރުމުގެ ކުރީން ބޮޑުވަޒީރަށް ސަރުކާރު އެކުލަވާލަން ފުރުސަތުދީ ސަރުކާރު ހިންގުން ބޮޑު ވަޒީރާ ހަވާލުކުރުމެވެ. ހުރިހާ މަސައްކަތަކާއި ހޭދައެއްކޮށް ސަރުކާރެއް އުފައްދާދީ ހެދުމަށް ފަހު ޖުމްހޫރީ ލީޑަރު ރައީސް ކަމަށް ހުވާކޮށްގެން ޖުމްހޫރީ ލީޑަރު ވާންޖެހެނީ ރިޔާސީ ގަނޑުވަރުގައި އެލުވާފައި ހުންނަ ޗަނދަލިޔާ އަކަށެވެ. ރައީސަށް ދައުލަތުގެ އެއްވެސް ކަމަކާ ބެހެވިގެން ނުވެއެވެ.
ބޮޑުވަޒީރުގެ ބަރުލަމާނީ ނަނާ ހުވަފެން ހަގީގަތަކަށް ހަދަން ކޮތަރު ކޯލިޝަން ވައިގާ ހިއްޕާކަށް ޖުމްހޫރީ ލީޑަރު އާނބަހެއް ނުބުންޏެވެ. ބަރުލަމާނީ ވެރިކަމެއް އަތުވެއްޖެނަމަ އެންމެ ފަސޭހައިން ބޮޑު ވަޒީރަކަށް ވެވޭނެ އެކަކީ ޖޫމްހޫރީ ލީޑަރެވެ. އެހެނަސް ބަރުލަމާނީ ވެރިކަމެއްގައި ދައުލަތް ހުއްޓި މަރުތަޅު އެޅޭ ޒާތުގެ އެތައް ކަމެއް ކުރިމަތިވާނެކަން ޖުމްހޫރީ ލީޑަރަށް އެނގެއެވެ.
ބަރުލަމާނީ ވެރިކަމެއްގައި އަމިއްލަ ޕާޓީތެރޭގައިވެސް ފެކްސަނީ ވާދަ ބޮޑުވެ އަމިއްލަ ޕާޓީގެ ބޮޑުވަޒީރު ވައްޓާލާ ސަރުކާރު މަރުތަޅު އަޅުވާލާ ދައުލަތް ހުއްޓާލަން ލަހެއް ފަހެއް ނުވާނެކަން ޖުމްހޫރީ ލީޑަރަށް އެގެނީތާއެވެ. ކޮތަރު ކޯލިޝަންގެ މަޅީގައި ނުޖެހި ސަލާމަތްވީ އެހެންވެ ތާއެވެ.
ކަންކަން ހިނގާ މަގު ނިކަން ދެކޭށެވެ. ރިޔާސީ އިންތިހާބެއް ކާމިޔާބުކޮށްގެން ރައީސްކަން ނުލިބޭނެކަން ޔަގީންވުމުން ބަރުލަމާނީ ނިޒާމަށް ދައުލަތް ހިންގުން ބަދަލުކުރަން މީހަކު މާ ބާރަކަށް އުޅުނެވެ. ފަސޭހަ ކަމާއެކު މަޖިލީހުގެ ކޮންޓްރޯލް ހޯދައިގެން ބޮޑުވަޒީރަކަށް ވެވިދާނެ ކަމުގެ ކުލަ ހުވެފެނުގައި ނިޒާމު ބަދަލު ކުރަން އުޅުނު މީހާއަށް ނިޒާމް ބަދަލުކޮށް ބޮޑުވަޒީރަކަށް ނުވެވި އުޅެނިކޮށް ބަރުލަމާނުން ކެހިދީފިއެވެ.
ސްޕަރ މެޖޯރިޓީ އޮވެގެން މަޖިލީހުގެ ރިޔާސަތަކީ ބޭބެއާއި ކޮއްކޮ ހެއްލާން ގޯތީގައި އެލުވާދިން އުނދޯއްޔަކަށް ހަދާ ދިނީމާ އޮޅި އަބަދު އެގޮތަށް އެކަން އޮންނާނެ ކަމަށް ހީކޮށް ރިޔާސަތަށް ސަވާރުވެ ތިއްބާ ކަމަކު ދާކަށް ނެތެވެ. އަމިއްލަ ޕާޓީން ވައިވެ ހުވަފެނީ ބޮޑު ވަޒީރަށް ކުޑަ މިސުރު ދައްކާލައިފިއެވެ. ބަރުލަމާނީ ނިޒާމު ލޮލަށް ނުފެންނަނީސް ބަރުލަމާނުންގެ ބާރު ހުވަފެނީ ބޮޑުވަޒީރަށް ދައްކަލައިފިއެވެ. ހަމަ ހޭ ހުރެ ބަރުލަމާނުނަށް އިތުބާރުކޮށްގެން ބަރުލަމާނީ ވެރިކަމެއް ގެންނަން މަސައްކަތެއް ދެން ނުކުރާނެއެވެ.