މުއިއްޒު ހަދާ ކޮމިޝަނަކަށް އިންސާފް ހޯދައެއް ނުދެވޭނެ!

މުއިއްޒު ހަދާ ކޮމިޝަނަކަށް އިންސާފް ހޯދައެއް ނުދެވޭނެ!

ރައީސް މުއިއްޒު ވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެކެވެ. މިނިވަން މުއައްސަސާތައް އެބަހުއްޓެވެ. ދުސްތޫރީ ނިޒާމް އެބައޮތެވެ. ޝަރުއީ ނިޒާމްވެސް އެބަ އޮތެވެ. ނިޒާމްގެ ތެރެއިން ކަންކަން ބެލޭނެއެވެ. ރިޔާސީ ކަމިޝަން ހަދާކަށް ނުޖެހެއެވެ. 

އެހެން ކަމުން އެއްވެސް ކަމެއް ބެލުމަށް ރިޔާސީ ކޮމިޝަން ނުހައްދަވާނެ ކަމަށް ޑރ. މުއިއްޒު އޮތީ ވިދާޅުވެފައެވެ. ރައީސް ކިތަންމެ ބާރަށް އެހެން ވިދާޅުވެފާ އޮތަސް ރިޔާސީ ކޮމިޝަން ނުކިޔަސް ފްލެޓް ތަކުގެ ކަންތަކާ ގުޅިގެންވެސް ޒާތެއްގެ ކޮމިޝަނެއް ހެއްދެވިއެވެ. އާނއެކެވެ. އެއްޔަކީ ރިޔާސީ ކަމިޝަނެއް ނޫނެވެ. 

ރައީސަށް ގާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުން ޔުމްނު މައްސަލައިގައި އެއޮތީ ޔަގީނުންވެސް ރިޔާސީ ކަމިޝަނެއް ހައްދަވާފައެވެ. ފުލުހުންގެ މުއައްސަސާ ހުއްޓައެވެ. ރިޔާސީ ކަމިޝަން ނުހައްދަވަން ވިދާޅުވި ޑޮކްޓަރ މުއިއްޒު އެކަމުގައިވެސް އުނބަށް ޖެއްސެވީއެވެ.

ޔުމްނު މައްއސަލައާއި ގުޅިގެން އުފެދުނު ޕްރެޝަރތަކާހުރެ ޕޮލިސް ކޮމިޝަނަރ ޝުޖާއު އިސްތިއުފާ ދެއްވުމުން ކަންކަން ވީގޮތުން ސަރުކާރު ހޫނުފެނަށް ވެއްޓިފައި އޮތްވަރު އިހުސާސްކޮށްލެވެއެވެ. ޕޮލިސް ކޮމިޝަނަރ އިސްތިއުފާ ދެއްވުމުން އެކްޓިންގ ކޮމިޝަނަރަކަށް ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީ ހަމަޖެއްސެވިއިރު އެންމެ ބޮޑު އިސްކަމެއްދީގެން ފުލުހުން ބަލާ މައްސަލައަކީ ޔުމްނު މައްސަލަ ކަމެއް އެ މައްސަލަ ބަލަން އިސްވެ އުޅެނީ ޑެޕިއުޓީ ކޮމިޝަނަރ ނަވީން ކަމެއް ހޯމް މިނިސްޓަރ އިހުސާނަކަށް ފަހުމެއް ނުވިއެވެ. ފަރުހާދު ފިކުރީ އެކްޓިންގ ކަމިޝަނަރަށް ކަނޑައެޅިފަހުން ޔުމްނު މައްސަލަ ބަލަނީ ނަވީންކަން އިހުސާސް ވެގެން ގަޑިއެއްގެ އިރުވެސް ނުވަނީ އެކްޓިން ކަމިޝަނަރަކަށް ނަވީން ހަމަ ޖެއްސީ ގައިމު ވަރެއްވެފައި ހުންނެވި ކަމުންތާއެވެ.

ޔުމްނު މައްސަލަ ބެލުމަށް ހާއްސަ އިސްކަމެއް ދެވިގެން އެކްޓިން ކަމިޝަނަރ ބަދަލުކޮށް މުޅި ފުލުސް މުއައްސަސާ އެކަމަށް ހުސްވިއެވެ. އެހެން އެކަން ހިނގިތާ މާ ގިނަ އިރެއްނުވެ ޔުމްނު މައްސަލަ ބެލުމަށް ފުލުހުންގެ އަތުގައި އޮތް ހުރިހާ ބާރުތަކެއް ނަގާ ރިޔާސީ ކޮމިޝަނަކާ ހަވާލު ކުރިއެވެ. މުއައްސަސާތައް ބާރުގަދަކޮށް ނިޒާމްގެ ތެރެއިން ކަންކަން ބަލާނިންމަން ވިދާޅުވި ރައީސް މުއިއްޒު ސަރުކާރުގެ ލާހޫރުމާއި އުނބަށް ޖެހުން ހުރިވަރު ވަރަށް ރަނގަޅަށް ސާފުވެއެވެ. 

ތަޖުރިބާ ކާރުން ބުނާ ގޮތުގައި ރިޔާސީ ކޮމިޝަން އުފައްދަވައިގެން ކުރައްވަން އުޅުއްވާކަމަކީ މައްސަލައިގެ ހެއްކާ ގަރީނާތައް އެއްތަންކޮށް ހެކިނައްތާލައި މައްސަލަ އޮއްބާލުމެވެ. މިހާތަނަށް ރާއްޖޭގައި އުފެއްދި ރިޔާސީ ކަމިޝަނަކުން ހޯދާދެވުނު އިންސާފެއް ނެތުމުން ޔުމްނު މައްސަލަ ބެލުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނުން ހޯދާދެވޭނެ އިންސާފެއް އޮތްކަމަށް ގިނަ މީހުން ގަބޫލެއް ނުކުރެއެވެ.