ރައީސް ޔާމީނު ކުޅުއްވަނީ ބަތްކައްކާ!
ޕީޕީ ފިރުގާގައި ރޫހީ ލީޑަރަކަށް ޖާގައެއް ނޯވޭ
ރައީސް މުއިއްޒު ވެރިކަމަށް އިންތިހާބުވެވަޑައިގަތުމުން ރައީސް ޔާމީނު މިނިވަން ކުރެއްވުމަށް ރައީސް ސޯލިހަށް ދަންނަވާނެ ކަމަށް އުންމީދު ކުރައްވަނީވެސް މޮޔަފުޅު ކަމުންނެވެ. ރައީސް ޔާމީނު މިނިވަން ކުރައްވައިގެން ރޫހީ ލީޑަރަށް ރައީސް ޔާމީނު ހައްދަވައިގެން ވެރިކަން ނުކުރެއްވޭނެކަން ރައީސް މުއިއްޒު ދެނެވަޑައި ގަނެއެވެ.
ރައީސް ޔާމީނު ބަންދުގައި ހުންނެވިއިރު މާލޭ މޭޔަރު ކަމުގައި ހުންނެވީ ރައީސް މުއިއްޒެވެ. މުޅި ޕްރޮގްރެސިވް ކޯލިޝަންގައި ރައްޔިތުންގެ އެންމެ ގިނަ ބައެއްގެ ވޯޓު ލިބިގެން ދައުލަތުގެ މަގާމެއްގައި ހުންނެވި ބޭފުޅަކީ ރައީސް މުއިއްޒެވެ. އެހެނެއް ކަމަކު ޕްރޮގްރަސިވް ކޯލިޝަން ހިންގެވުން ހަވާލު ނުކުރެއްވިތާ ލީޑަރޝީޕާ ކައިރި ނުކުރެއްވިކަން ރައީސް މުއިއްޒު ހަނދުމަފުޅެއް ނުނެތޭނެއެވެ.
ރައީސް ޔާމީނު ސިފަކުރައްވާ ގޮތުގައި ޕީޕީއެމްގެ ޓިކެޓް ރައީސް މުއިއްޒު ހޯއްދެވީ ބަގާވަތަކުންނެވެ. ބަގާވާތަކުން ޓިކެޓް ހޯއްދެވި ރައީސް މުއިއްޒުގެ ކެންޕޭންގެ ވަރުގަދަ ދެހަރަކާތަކުން ރައީސް ޔާމީނުގެ އަނބިކަނބަލުން މެޑަމް ފާތުން ފެނިފައިވެއެވެ. ކެންޕޭނުގެ އެއްވެސް ހިސާބަކުން މެޑަމް ފާތުން ފެނުމަކީ ސަޕޯޓަރުން ރައީސް މުއިއްޒަށް އިތުބާރުކުރި އެއް ސަބަބެވެ.
އަނެއްކޮޅުން ރައީސް ޔާމީނުގެ ފޮޓޯފުޅާއި ހުސްގޮނޑި ކެންޕޭނުގައި ބޭނުން ކުރަމުން ދިޔައިރު އެކަމާ ރައީސް ޔާމީނު އިންކާރު ނުކުރެއްވުމަކީ ބަގާވާތެއް ކަމަށް ގަބޫލު ނުކުރެވޭ އަނެއްސަބަބެވެ. ރައީސް ޔާމީނުގެ ކެންޑިޑެސީ ބާތިލު ކުރުމުގައި ޝަރީއަތަށް ރައީސް މުއިއްޒު ނުފޫޒު ފޯރުއްވެވިކަން އެނގި ވަޑައިގެން ހުންނަވާ އިންތިހާބުގެ ތެރޭގައި ރައީސް ޔާމީނު އެކަން ސިއްރު ކުރައްވައިގެން ހުންނެވުން ވެގެން އެދިޔައީ ފައިންޕުޅަށް ޖެއްސެވިބަޑިއަކަށެވެ.
ރައީސް ކަމަށް ހުވާކުރެއްވުމަށްފަހު ކުރިން ހަރާންވި ހުކުން ރައީސް މުއިއްޒަށް ހަލާލުވެވަޑައިގެން އިރުވެސް ހުންނެވީ ހަނެވެ. ރައީސް ޔާމީނު ބަތްކައްކާ ނުކުޅުއްވާނެ ކަމަށް އަމިއްލަފުޅަށް ވިދާޅުވިޔަސް ރައީސް މުއިއްޒަށް ވެރިކަން ފަހިކޮށް ދެއްވުމުގައި ރައީސް ޔާމީނު ކުޅުއްވީ ބަތްކައްކާއެވެ.
ރައީސް ޔާމީނު މިނިވަންވެ ވަޑައިގަތަ ނުދެއްވުމަށް ޝަރީއަތަށް ނުފޫޒު ފޯރުއްވެވި ބޭފުޅުން އެނގި ވަޑައިގަންނަވާ ކަމަށް ވިދާޅުވާ ވިދާޅުވުމަކީ އޮއްޓަރެއް ހުރި ވާހަކަފުޅެއް ކަމަށް ގަބޫލުކުރާ މީހަކު ނޫޅެއެވެ. އެހެން ދައްކަވާ ކޮންމެ ވާހަކަފުޅެއް ވެގެން ދަނީ އަޅިބުރިއްސެވުމަކަށެވެ. ކަންކަން މުއާލާތް ކެނޑެންދެން ސިއްރު ކުރައްވައިގެން ހުންނަވާފައި މާފަހުން އެއްޗެކޭ މީއްޗެކޭ ވިދާޅުވިޔަސް ކުރެވޭނެ ކަމެއް ނުއޮންނާނެއެވެ.
ރައީސް ޔާމީނުގެ ފޮޓޯފުޅާއި ހުސްގޮނޑިއާއި ފިކުރުފުޅުތައް ވިއްކަވައިގެން ރައީސް މުއިއްޒު ވެރިކަން ހޯއްދެވިޔަސް، ރައީސް ޔާމީނު ހިތްޕުޅަށް އަރާވަޑައިގަންނަވާ ގޮތަށް ކަންކަން ކުރެއްވުމަކަށް ރައީސް މުއިއްޒުވެސް ދޫނުކުރައްވާނެކަން އެންމެ ބޮޑަށް އެނގިވަޑައިގަންނަވަނީ ވެސް ރައީސް ޔާމީނަށެވެ. ރައީސް ޔާމީނު ވަނީ ރައީސް މައުމޫނަށްވެސް އެކަން ދޫކޮށް ނުލައްވާފައެވެ. ޑީއާރުޕީއްސުރެ ޕީޕއެންސީއާއި ހަމަޔަށްވެސް ޕީޕީ ފިރުގާގައި ރޫހީ ލީޑަރަކަށް ޖާގައެއް ނޯވެއެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެއްޔަކީ އޮންނަ ކަމެއްނޫނެވެ.