ބޯގިނަ މަތިބިޔަ ކިލޯހަމަ ނުވާ ސަރުކާރު
މުއިއްޒުގެ ހަން ފަޅައިގެން ދާތަން ފެންނާކަށް މާގިނަ ދުވަހެއް ނެތް
ކަފަބަސްތާ އެއްގައި ހާދަހާ ކަފައެއް އޮވެއެވެ. ކަފަ އަޅަން ހާދަހާ ޖާގައެއް ނަގައެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. ކިތަންމެ ބައިވަރު ކަފައެއް ހުއްޓަސް ގޯނި ކިތަންމެ ބޮޑަސް ކިލޯ ހަމައެއް ނުވެއެވެ. ކިތަންމެ ކަފައެއް އެޅިޔަސް މާ ބަރެއް ނުވާނެތާއެވެ. އަޅާހާ ކަފަޔަކުން ކިލޯ ހަމަ ވަނީއެއް ނޫނެވެ.
ރައީސް މުއިއްޒު ސަރުކާރަށް ވެގެން އުޅެނީ ވެސް އެހެންނެވެ. ފެންނަ ފެނުމަށް މަތި ކިތަންމެ ބޮޑޭ ހީވިޔަސް މަތި ބަރެއް ނުވާނެތާއެވެ. މުޅި ސަރުކާރުގައި އޮތީ ހުސް ހޮޔެވެ. އެތެރޭގައި އެއްޗެއް ނެތެވެ. އެތެރޭގައި އެއްޗެއްނެތް ހޮޅި ސަރުކާރުގައި ކިލޯ ހަމައެއް ނުވާނެތާއެވެ. ކިލޯ ހަމަވާނީ ލައްކަ އެއްޗެތި އަޅައިގެންނެވެ.
ކިތަންމެ ބޮޑަށް ފުއްޕާފައި އޮތަސް ފުއްޕާ ހަމެއްގައި ބުރަދަނެއް ނުހުންނާނެއެވެ. ފެންނަ ފެނުމަށް މުއިއްޒު ސަރުކާރު ކިތަންމެހާވެސް ބޮޑެވެ. ބިޔައެވެ. އެކަމަކު ކިލޯ ހަމައެއް ނުވެއެވެ. ކިލޯ ހަމަވާކަށް ވެސްނެތެވެ. ކިލޯ ހަމަކުރަން އެތަން މިތަނުން މީހުންގެނެސް ސަރުކާރު ބޮޑު ކުރަނީ ކިލޯ ހަމަ ނުވެގެންނެވެ. ބުރަދަނެއް ނެތިގެންނެވެ.
އާނއެކެވެ. މުއިއްޒު ސަރުކާރަކީ ފުުއްޕާފާ ވައިގެ ތެރެއަށް އެއްލާފައި އޮތް ބޮޑު ފުއްޕާ ހަމެކެވެ. ފަޅައިގެން ދިޔުމަށް ވާލަހަކީ ކުޑަކުޑަ ކައްޓެއްވެސް ޖެހެލަންވާ ލަހެކެވެ. ކިތަންމެ ބަޔަކު ސަރުކާރަށް ވައްދާ ފުރާލިޔަސް ވާނެ މޮޅެއް ނެތެވެ. މަޖިލިސް އިންތިހާބު ކާމިޔާބު ކުރާނަމޭ ހިތާ އަތްގުޅި ނުކާވަރު މުސާރަ ލިބޭ ގޮތަށް ބޮޑެތި ނަންނަމުގައި ބަޔަކު ލިޔަސް ވާނެ އެއްކަމެއް ނެތެވެ. ޖެހޭނީ މީހަކަށްފަހު މީހަކަށް ވަޒީފާ ދޭށެވެ.
ވަރުވަރުން މީހުންގެނަސް އަޅާ ފުރިޔަސް ކުރާނީ ކީއްހެއްޔެވެ. ސަރުކާރު ވެއްޓި ފަޅައިގެން ނުގޮސް ބޭއްވުމުގެ ބާރެއް މުއިއްޒު އަތަކު ނެތެވެ.
އަރުވާފައި އޮތް ރާރާ ގުޑިއެއްގެ ފުޅިތޮށި ޖެހި ރޮއްޖެއް ޖެހެލިޔަސް ފުއްޕާހަން ފަޅައިގެން ދާނެއެވެ. ފުޅިތޮށި ޖަހައިގެން ގުޑިތަކެއް އަރުވަން ތައްޔާރު ވަމުން ދާކަން ފަހަރުގައި ނޭނގި އޮވެދާނެއެވެ. ވައި ފަހި ދުވަހެއްގައި އަރުވާ ގުޑިތަކުން ތޯޅުވާލައިގެން މުއިއްޒުގެ ހަން ފަޅައިގެން ދާތަން ފެންނާކަށް މާގިނަ ދުވަހެއް ނެތެވެ.
ކިލޯ ހަމަ ކޮށްކޮށް ހުއްޓާ ސައިބޯނި ބޮކި ފަޅާލާނީ ތުމުން ފުމެލާ އެންމެ ފުމެލުމަކުންނެވެ. އޭރުން އަރުވާހާ ފޮނު ދާނީ ހަވަޔަށް އަރައިގެނެވެ.