އދ ގައި ޝާހިދު ދެއްކެވި ލީޑަޝިޕަށް އީޔޫގެ ތައުރީފް
އދ ގައި ރާއްޖޭގެ ހާރިޖީ ވަޒީރު އޮނަރަބަލް އަބްދުﷲ ޝާހިދު ދެއްކެވި ލީޑަޝިޕަށް އީޔޫގެ އެމްބެސެޑަރު ޑެނިސް ޗައިބި ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ. މިހާރު ކުރިއަށްދާ ރާއްޖެ-އީޔޫ ޑައިލޮގްގެ ހަ ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗައިބި ވިދާޅުވީ އދ. ގައި ޝާހިދު ދެއްކެވި ލީޑަޝިޕަށް ތައުރީފު ހައްގުކަމަށެވެ. އެންމެ ފަހުން ބޭއްވި ކޮޕް ސަމިޓުގައި ރާއްޖޭން ކުރި މަސައްކަތަށް ވެސް ޗައިބި ވަރަށް ބޮޑަށް ތައުރީފްކުރައްވިއެވެ. ބޮޑެތި ގައުމުތަކުން ވާދަކުރި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ އިންތިހާބު ހޯދަން ފަސޭހައެއް ނުވާނެ ކަށާއި އެކަމަކު ރާއްޖެއިން އެ ގޮނޑި ހޯދުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެ ބައިނަލް އަގުވަމީ ދުނިޔޭގައި ހޯދަމުންދާ ކަމިޔަބީއަށް ޑެނިސް ޗައިބި މަރުހަބާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖެ އާއި އީޔޫގެ ގުޅުން ހަރުދަނާކުރަން ބާއްވާ ބައްދަލުވުމުގައި އެންމެ މުހިއްމު އެއް ކަމަކީ ސަލާމަތީ ކަންކަމާ ގުޅޭ މަޝްވަރާތައް ކަމަށެވެ. ރާއްޖެއަކީ ޔޫރަޕުން ވަރަށް ގިނަ ޓޫރިސްޓުން އަންނަ ގައުމެއްކަމުން އެ އެންމެންގެ ރައްކާތެރިކަމުގެ ނުހިންމު ކަން އީޔޫއަށް ވަރަށް ވެސް ބޮޑުކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ރާއްޖެ - އީޔޫ ޑައިލޮގްގެ ހަ ވަނަ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ފަސް ކަމެއްގެ މައްޗަށެވެ. އެކަން ކަމަކީ:-
- ޑިމޮކްރަސީ، ގަވަނެންސް އަދި ޝަރުއީ ދާއިރާ ހަރުދަނާ ކުރުން
- ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުން
- ޝެންގެން ވިސާ ދިނުން
- ވިޔަފާރި، ޓޫރިޒަމް، އިންވެސްޓްމަންޓް، ފައިނޭންސް އަދި އިގުތިސޯދީގޮތުން އެހީތެރިވުން
- ތިމާވެށި އަދި މޫސުމީ ބަދަލުތައް
ރާއްޖެ-އީޔޫ ޑައިލޮގްގެ ހަ ވަނަ ބައްދަލުވުން ހިނގަމުން ދަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީގައެވެ.