އަދުރޭ އަކީ އިބޫގެ އެޖެންޓެއް!
ކެންޑިޑޭޓް ނުދައްކާ ލަސްވާ ކޮންމެ ދުވަހަކީ ޕީޕީއެމަށް ގެއްލުމެއް.
ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމް އިއްވި ދުވަހުގެ އެވަގުތުން ފެށިގެން އަދުރޭ ކުރަނީ ދެކަމެވެ. އެއްކަމަކީ ގަދަ ބަސްބުނެ ކަމުން ރެކި ޕާޓީ މީހުން މަގުމަތީގައި ގޭނި ހުސްވުމަށް ހިތްވަރުދީ އެތެރެއަށް ހޭން ދުރުގައި ހުރުމެވެ. ދެވަނަ ކަމަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓޭ ނޫސްވެރިޔަކު ބުނަން އުޅޭހެން ހީވިޔަސް އަވަހަށް އެ ވާހަކަ އޮއްބާލާ ކުރިމަރާލުމެވެ.
އަދުރޭ މިކުރާ 2 ކަންތަކުން ވެސް ޕީޕީއެމަށް އޮތީ ގެއްލުމެވެ. މި ވަގުތު ވާން ނެތް ކަމެއްގެ އަވާގައި މެންބަރުން ވަޖިދު ކުރުވައިގެން މަގުމަތީގައި ގޭނި ވަރަކަށް، ގޭނި ހުސްވާނީއެވެ. ވަރުބަލިވެ މާޔޫސްވެ ފޫހިވާނީއެވެ.
ޕާޓީ މެމްބަރުން ކިތަންމެ ހިތް ނޭދުނަސް ރައީސް ޔާން ވެއްޓިފައި އެ ވަނީ ފަސޭހަ ރަހުމަތަކުން އަރައި ނުގަނެވޭނެ ވަރުގެ ފުން ވަޅު ގަނޑަކަށެވެ. އަނެއް ކޮޅުން ފުއްގިިރި ކިޔާ ހައިމާކަކުން އަނެއްކާ އެވަޅުގަނޑު ކޮންނަން ފަށައިފިއެވެ. ވިއްޔާ އެ ވަޅުގަނޑު ދެން ވެސް ވާނީ ފުނެވެ. ގައިމު ވެސް ތިލައެއް ނުވާނެއެވެ. އަޑިން ބޮޑުވެ އޮއެ ކަނދެއްހެން މައްޗަށް އެރުން ނޫން ގޮތެއް އެ ފަކީރަކަށް ނެތެވެ.
ޕީޕީއެމް ކުދިން ހިތުގައި އެއްޗެއް ނުލައި ރައީސް ޔާމީންގެ ޝަރީޢަތުގެ ތެރޭން އެ މަނިކުފާނަށް ޖަމީލު ދޭނެ ކެހި ކަމަށް ލަފާކޮށް އޭރު މިނޫހުން ލިޔެފަ ހުރި ލިއުންތައް އަކުރުން އަކުރަށް ނިކަން ކިޔާލަ ބަލާށެވެ.
ދެން ވެސް ރައީސް ޔާމީނަށް ހެވެއް އެދެންޏާ ރައީސް ޔާމީނުގެ ވައްކަމާއި ކޮރަޕްޝަނާއި މަނީލޯންޑަރިން އާއި ގުޅޭ މައްސަލަ ތަކުގެ ވަކީލުންގެ ބެންޗާ ވީހާ ފެއަށް ޖަމީލު ޖައްސަން ޖެހެއެވެ.
ބުނީމާ ގަބޫލު ކުރާށެވެ. އިންސާނުންނާ ގާތް ކުރަން ހެޔޮ ނުވާ ރާއްޖޭގައި ތިބީ ހަމައެކަނި 2 މީހުން ކަމަށް ވަންޏާ އެއީ ޖަމީލާއި މަލީހާ ދެބޭންނެވެ. ލަދެއް ނުގަންނާނެއެވެ. އެކިއިރު ކިޔާނީ އެކި އެއްޗެވެ. ދެންމެ ދެއްކި ވާހަަކަ އޭގެ ދިމާ އިދިކޮޅަށް އަނެއް ސިކުންތުގައި ދައްކާ އިރު މޫނަށް ރުލެއް ވެސް ނާރުވާނެއެވެ. ކުރިމަތީގައި ނިކަން ހެވިފައެވެ. ހަމަ ފުރަގަސް ދިނީ ކަށި ހަފާ ކާނެއެވެ. މުނާފިގު ވުމަކީ އެލަރޖިކްވުން ކަހަލަ ކަމެއް ނަމަ އަބަދު ތިބޭނީ ގައި ހިރުވާށެވެ.
ޕީޕީއެމަށް ވެސް ރަަައީސް ޔާމީނަށް ވެސް އެންމެ ރަނގަޅު ގޮތަކީ އަދުރޭއަށް ހެއްލިގެން ފެން ނެތްތާ ބަކަ ތަޅަން ނުތިބެ އަވަހަށް ރިޔާސީ ކެންޑިޑޭޓެއް ނެރުމެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގަައި ހުންނަވައިގެން ރައީސް ޔާމީނު ވިދާޅުވިހާ ގޮތަކަށް މީގެ ކުރިން ވެސް ކަން ކުރެއްވި އިހުލާސްތެރި އަކީ ޑޮކްޓަރ ވަހީދެވެ. މުއިއްޒުގެ ވެރިކަމެއްގައި އޭނާއަށް ވެގެން ކުރިއްޔާ ކުރާނެ ކަމަކީ އަވަސްވީ ގޮތަކުން ނޭކުރެންދޫ ޖަލު ނިންމާ ހދ އަތޮޅާ ހަމައަށް ރައީސް އޮފީހާ ދުރަށް ރައީސް ޔާމީނު ޖެއްސުމެވެ. ސަބަބަކީ ރައީސް ޔާމީނަށް މިނިވަންކަން ލިބޭ ވަރަކަށް ރައީސް މުއިއްޒުގެ ބާރުތައް ކުޑަވެ ފާޓު ހަނިވާނެ ކަމުގެ ބިރު މުއިއްޒަށް އޮންނާނެއެވެ.
ވަކި މުއިއްޒެއް ނޫނެވެ. ޑރ. ވަހީދު ނޫނީ ޕީޕީއެމުން އެއިތުބާރު ކުރަން ހެޔޮވާ ވަރުގެ އެކަކު ވެސް ނުފެނެއެވެ. ރައީސް ގައްސާންގެ ވެރިކަމުގައި ވާނީ އެހެން ގޮތެކެވެ. އޭރުން ރައީސް މައުމޫންގެ ލޮސްޓް ޕެރެޑައިޒް އަނބުރާ ލިބުނީއެވެ. ޕީޕީއެމްގެ އެންމެ އަލިގަދަ ތަރީގެ އެވޯޑާ އެގޮނޑި ރައީސް މައުމޫނު ނެންގެވުމުން ދެން އެވީ ރައީސް ޔާމީނަށް އެންމެ ދެރަގޮތެވެ.
ކާނަލް ނާޒިމާއި ސަންސިޔާމާއި ގާސިމަށް ވެސް ޑރ. ވަހީދާ ހަތަރު ކަޅި ހަމަކޮށް ހީސަމާސާކޮށް އެކުގައި ދުފާ ދުންބޮއެ ހަދަން ފަސޭހަ ވާނެއެވެ. އެ ބޭބޭފުޅުން އެއްގަލަށް ނާރާނެ ތިއްބެވީ 2 ބޭފުޅެކެވެ. އެއީ ރައީސް ޔާމީނާ ރައީސް ނަޝީދެވެ.
ރައީސް ވަހީދު ނޫން ބޭފުޅަކަށް ޕީޕީއެމްގެ ޓިކެޓް ލިބިއްޖެ ނަމަ ފަހަތަށް އަރާ ލީޑަރުން ނެތި އިންތިހާބު ގެއްލޭނެއެވެ. ހަމަ އެގޮތަށް ރަައީސް ނަޝީދަށް އެމްޑީޕީ ޓިކެޓް ލިބުނަސް ފަހަތަށް އަރާނެ އެހެން ލީޑަރަކު ނުވެ 2023 ގައި އެމްޑީޕީ އޮޔާ ދާނެއެވެ.
މިލަގާ އެމްޑީޕީއަށް ދިނުމަށްޓަކާ ރަައީސް ނަޝީދަށް އެމްޑީޕީގެ ޓިކެޓް ހޯދައިދިނުމަށް ޕީޕީއެމްގެ ހާޑްކޯ ބައެއް މީހުން އެއުޅޭ އުޅުމަކީ ޕީޕީއެމުން ކުރާ މޮޅު ކަމެކެވެ. ރައީސް ނަޝީދުގެ ޓީމާ އެކު ކްލަބް ހަައުސް ފޯރަމް ތަކުގައާއި ކެމްޕޭން އެއްވުންތައް ޕްރޮމޯޓް ކުރުމުގައި ވެސް ޕީޕީއެމްގެ މިދެންނެވި މީހުން އަވަދި ނެތި އެބަ އުޅެއެވެ.
ތެދުތެދަށް ބުނާ ނަމަ ގިނަ ބަޔަކާ ގުޅިގެން 2023 ކާމިޔާބު ކުރުމުގެ ފުރްޞަތު ބޮޑު ދެބޭފުޅުން އެބަ ފެނެއެވެ. އެއީ އެމްޑީޕީ ނަމަ ރައީސް ސާލިހެވެ. ޕީޕީއެމް ނަމަ ރައީސް ވަހީދެވެ.
ސުވާލަކީ ޕީޕީއެމް މަގުމަތިކޮށްގެން ކެންޑިޑޭޓެއް ދެއްކިޔަ ނުދީ ހިފަހައްޓަން އަދުރޭ މިހާ ގަދަފައި ވިއްދާފަައި މިހުރީ ކާކުގެ އެޖެންޓެއްގެ ގޮތުގައި ހެއްޔެވެ؟ ގާސިމް އިބްރާހިމް ހެއްޔެވެ؟ ނޫނީ އަދުރޭ އަކީ ރައީސް ސާލިހުގެ އެޖެންޓަކީ ހެއްޔެވެ.