އުޝާމަށް: ދިފާއީ ވަކީލުކަމުން މިލިޔަނުން ނުލިބެނީތަ!
އަދުލުވެރިބަދަލު ހޯދާދެނީ ވަކީމީހަކަށް ނޫން.
ރާއްޖޭގައި ގާނޫނީ ހަމަ މި އެނގެނީ ސިޔާސީ ހަސަދައިން ފޯވެފާތިބި ހައެއްކަ ވަކީލުންނަށް އެކަންޏެވެ. އެއިން މީހަކު ބުނެފިނަމަ އެއީ ހައްގުތެދެވެ. އެއިގެތެރެއިން ވެސް އަރާ ހުންނެވި ބޭފުޅެއްގެ ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ފާހަގަވެއެވެ.
މިހާރު ދިވެހިރާއްޖޭގައި ޖުޑީޝަރީއެއް އޮތުމުގެ އެއްވެސް މާނައެއް ނެތް ކަމަށް އެމްއެންޕީގެ ނައިބުރައީސްކަން ކުރައްވާ އުޝާމް ވިދާޅުވާއިރު އެމަނިކުފާނަށް ވާނުވާ އެނގިވަޑައިގަނޭ ބާއެވެ. ތައައްސަބުން ފުރިވަޑައިގެން ހުންނަވާ ސިޔާސީގޮތުން ވަކި ފަރާތަކަށް ހަމަލާދެއްވުމުގެ ގޮތުން ކަންކަން މާ ބޮޑުކޮށްލައްވައިގެން ޓްވީޓް ކުރައްވާއިރު ކަމެއް ހިނގާފައިވާ ގޮތް ރަނގަޅަށް އެނގިވަޑައިވެސް ނުގަނެއެވެ.
ރިސޯޓެއް ހެދުމަށް ނޫނު އަތޮޅު ރާފުށި 2010 ވަނަ އަހަރު ކުއްޔަށް ދީފައިވަނީ އެގްޒޮޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުނީގެ ހިއްސާދާރުންނަކީ ވިލުފުށީ ދާއިރާގެ މެންބަރ ހަސަން އަފީފާއި މޫސާ ހަސަންއެވެ. ވެވުނު އެއްބަސް ވުމާއެއް ގޮތަށް އޭރު އޮތް ސަރުކާރު ތަކުން އޮތީ އަމަލު ނުކޮށެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ހަސަން އަފީފްގެ މަސްލަހަތު ބޮޑުކޮށް އޮތް ކުންފުންޏަކަށް ރިސޯޓް ހަދަން ރާފުށި ދިންކަމަށް ވިޔަސް އެއްބަސް ވުމާއި އެއްގޮތަށް ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަން އޮތީ ކޮންނުދިއެވެ. ރައީސް ވަހީދުގެ ބަގަވީ ސަރުކާރުން ވެސް އެކަމެއް ނުކުރިއެވެ. ރައީސް ޔާމީނު ސަރުކާރުން ވެސް ސަރުކާރުން އަދާކުރަންޖެހޭ ޒިންމާ އަދާކޮށް ނުދީ އެ ކުންފުނިން ރަށް އަތުލާ އެގްރިމަންޓް ބާތިލު ކުރީއެވެ. ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް އެގްޒޮޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑްއަށް ލިބޭ ގޮތަށެވެ. ހަމައެއް ލަމައެއް ނެތިއެވެ.
ކުރީގެ ސަރުކާރު ތަކުން އަމަލުކޮށްފައި ހުރިގޮތުން ރާއްޖޭގެ ވަކިވަކި ފަރުދުންނާއި ކުންފުނިތަކާއި ބޭރުގެ އިންވެސްޓަރުންނަށް ލިބިފައިވާ ގެއްލުން ތަކަށް އަދުލުވެރި ބަދަލު ހޯދާ ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. ސަރުކާރުގެ އިހުމާލުން ނުވަތަ ގަސްދުގައި ވިޔަސް އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ޒިންމާ ސަރުކާރުން ނަގައި އަދުލުވެރިކަމާއެކު އެކަމެއް ނިންމާ ދިނުމަކީ ރައީސް ސޯލިހުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެކެވެ. އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ވެސް ކޮންމެހެން ކުރާންޖެހޭ ކަމެކެވެ.
މައްސަލައެއްގައި، ކޯޓުގެ ހުކުމަކުން ނަގައިދެވޭނެ ބަދަލު ގެ އަދަދު، މައްސަލަ ހައްލުކުރުމުގައި ދެވޭ އަދަދަށްވުރެ ބޮޑުވެދާނެ ކަމަށް ގަބޫލުކުރެވޭ ހާލަތުގައި ނުވަތަ މައްސަލައެއް ހައްލު ކުރުމުގައި ދައުލަތަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކީ އެ މައްސަލައެއް ކޯޓުން ބޭރުން ހައްލުކުރުމެވެ. އެކަމަށްޓަކައި ރައީސް އޮފީހުގައި އެކަމަށް ހާއްސަ ކޮމެޓީއެއް އުފައްދަވާ ކޮންމެ މައްސަލައެއް ކޯޓުން ހައްލުކުރަން އުޅުމުގެ ބަދަލުގައި ކޯޓުން ބޭރުން ހައްލު ކުރެވޭނެ މަގު ރައްޔިތުންނަށް ރައީސް އެ އޮތީ ދައްކަވާ ދެއްވާފައެވެ. އެމަގުން ސުލްހަވެރި ހައްލު ހޯދުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތެވެ. ރައްޔިތުމީހާއަށާއި ކުންފުނިތަކާއި އިންވެސްޓަރުންނަށް ވެސް އެންމެ ފައިދާ ބޮޑު ނަތީޖާ ހާސިލު ކުރުމުގެ އެންމެ ކުރު މަގެވެ. އެއީ އަކީ އުޝާމް އެ ވިދާޅުވާހެން ޖުޑިޝަރީގެ ބޭނުން ކަނޑުވާލުމެއް ނޫނެވެ. ދައުލަތުގެ އެސިޓް ބެހުމެއް ވެސް ނޫނެވެ. ދުނިޔޭގެ ތަހުޒީބު މުޖުތަމައު ތަކުގައި ވެސް އަމަލު ކުރާ ރީތި އަވަސް ގޮތެވެ. ހުރިހާ ފަރާތަކަށް ވެސް އެންމެ ގެއްލުން ކުޑަގޮތެވެ.
އުޝާމް މެން ތިއްބަވައިގެން ފާސްކޮށް އަމަލު ކުރެވެމުންދާ މަދަނީ އިޖުރާއަތުގެ ގާނޫނު ވެސް ބުނެދޭ ގޮތެވެ. ޝަރީއަތަށް ހުށަހެޅޭ މައްސަލަ ތަކުގައި ޑިސްޕިއުޓް މަރުހަލާއެއް ހިމެނިފައި އޮންނަ މަފްހޫމް ވެސް އުޝާމަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ސިޔާސީ ބޭނުމަށްޓަކައި ވަކިވަކި ބޭފުޅުންގެ އަގުވައްޓާލުމުގެ ނިޔަތުގައި އުޝާމްމެން ތިޔަ އުފައްދަވަނީ ފިތުނައެވެ. ނ. ރާފުށި މައްސަލާގައި ކަން ހިނގާފައިވާ ގޮތް އަކުރުން އަކުރަށް ބެއްލެވުމެއް ނެތި ހުކުމް ކުރައްވަން އުޝާމަށް އޮތް ހައްގަކީ ކޮބައިހެއްޔެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ދަށުން ތިމާއަށް ރަނގަޅަށް ނޭނގޭ ކަމެއްގެ ވާހަކަ ހިތުހުރި ގޮތަކަށް ދެއްކުމަކީ ފިތުނައެވެ. ފަސާދައެވެ.
އަދުލުވެރި ބަދަލު ހޯދާ ދެނީ ވަކި މީހެއް ވެގެނެއް ނޫނެވެ. ކުޑަވެސް ޒާތީ ތައައްސުބެއް މި ސަރުކާރުގައި އޮތް ނަމަ ރައީސް ސޯލިހަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ މި ސަރުކާރު ނޫން ގޮތެއް ހޯއްދަވަން އުޅުއްވާ ހަސަން އަފީފްގެ މަސްލަހަތު ބޮޑުކޮށް އޮތްކަމެއް މި ސަރުކާރަކުން ނުކުރީހެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ބަފައިބެ މޫސާ ހަސަންއަށް ނިސްބަތްކޮށް ސިޔާސީ ގޮތުން ފަސާދަ އުފައްދާއިރު ފައްޔާޒަށް ވުރެ ހަސަން އަފީފްގެ ސީދާ މަސްލަހަތު އެގްޒޮޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑްގައި ބޮޑެވެ.
2010 ވަނަ އަހަރު ދޫކުރި އެ އަތޮޅު ރާފުށި ތަރައްޤީ ނުކޮށް އޮތްވާ އެ ރަށް ކުރީގެ ސަރުކާރުން އަތުލުމުން ލިބުނުގެއްލުމުގެ އަދުލުވެރި ބަދަލެއްގެ ގޮތުގައި ނ. އަތޮޅު އެކުޅިވަރު އެގްޒޮޓިކް ޕްރޮޕަޓީސް ޕްރައިވެޓްއަށް ދިނުމުގައި ގޯހެއް އޮތްނަމަ އިންސާފު ހޯއްދަވަން އުޝާމް ޝަރީއަތަށް ވަޑައި ގަންނަވާށެވެ. އެކަމުގައި ހުރަހެއް ނެތެވެ.
ކޯޓު މެދުވެރި ނުކޮށް ކޯޓުން ބޭރުން ކަންކަން ސަރުކާރުން ހައްލު ކުރަންޏާ އުޝާމުމެން ކަހަލަ ލޯޔަރުން ކަންބޮޑުވެ ވަޑައިގަންނަވާނެއެވެ. ސަރުކާރާ ދެކޮޅަށް ދިފާއީ ވަކީލުންގެ ގޮތުގައި ކޯޓަށް ވަޑައިގެން ކޮންމެ މައްސަލައަކުން މިލިޔަން މިލިޔަން ރުފިޔާ ލިބުމުގެ ފުރުސަތު ހަނިވި ވަރަކަށް ރުޅި ގަދަވާނެއެވެ. ހިތުހުރި އަގެއް ކިޔައިގެން ދިފާއުކޮށްދިނުމުގެ ނަމުގައި އެގްޒޮޓިކް ޕްރޮޕަޓީސް ޕްރައިވެޓް އިން ފައިސާ ލިބޭގޮތް ނުވީމާ ޖުޑިޝަރީގެ ބޭނުން ކެނޑިއްޖެއޭ ވެސް ވިދާޅުވެ ވޭނެއެވެ.