ޑީއާރުޕީ އުގަށް އެމްޑީޕީ ވައްޓާ ލެއްވިއްޔާ ލެއްވީ ނަޝީދު
އިސް އެކްޓިވިސްޓުން ފަހަތައް ޖައްސުވާ ބާކީކޮށް ރައީސް ނަޝީދު އިސްކަން ދެއްވީ މުހާޖިރުންނަށް
އެމްޑީޕީގައި ޑީއާރޕީއެއް އޮވެގެން އުޅޭ ވާހަކައިގެ އަޑު އަނެއްކާވެސް ގަދަވެގެންފިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ދިމާކޮށް އަސްލު އެމްޑީޕީއެއް އަނެއްކާ ވެސް ފާޅުވެއްޖެއެވެ. ޑިމޮކްރަސީގެ ވާހަކަ ދައްކަމުން ކޮންމެ ރައްޔިތަކު ބޭނުން އިރަކު ކޮންމެ ޕާޓީއަކަށް ބަދަލު ވުމުގެ ހައްގު އޮތް ވާހަކަ ދައްކަމުން ޕާޓީގެ މެންބަރުން އިތުރު ކުރަން ފޫގަޅައިގެން އުޅެވުނުކަން ރިޔާސީ ޕްރައިމަރީއާ ޖެހުމުން ހަނދާނަކު ނެތެވެ.
ޑީއާރުޕީގެ އެންމެ ސަމަންތަރު ހެޔޮ ދުވަސްވަރެވެ. ޑީއާރުޕީގެ ނައިބު ލީޑަރ އަލީ ވަހީދަށް މާލެއިން ގޯތި ގަނެދީ މިލިޔަނުން ފައިސާ ދީ އާޓިފިޝަލް ބީޗްގައި ބޮޑު ޖަލްސާ ބާއްވާ އުރަލައިގެން ގެނެސް މާފަތި ކަރުގައި އަޅުވާ ބޮޑު ގޮނޑީގައި އަލީ ވަހީދު ވެޑުވީ ރައީސް ނަޝީދެވެ. އެމްޑީޕީގެ ދޮރުގައި ތަޅުދަނޑި ޖަހާ ޑީއާރުޕީއަށް އެމްޑީޕީ ހުޅުވާލަ ދެއްވީ ރައީސް ނަޝީދެވެ.
ޑރ. ޝަހީދާއި އަލްހާނު ފަހުމީއާއި އެނޫންވެސް އެތައްބަޔަކު އެމްޑީޕީއަށް އިއްޒަތުގައި ގެނެސް އާރާ ބާރު ހޯދަ ދިނީ ރައީސް ނަޝީދެވެ. އޭރު އެންމެން ތިބީ އަތްޖަހާށެވެ.
ރާއްޖޭގެ އެންމެ ތަޖުރިބާކާރު ސިޔާސީ ޑިޕްލޮމޭޓް އަބްދުﷲ ޝާހިދާއި އަހުމަދު މަހުލޫފާއި އަހުމަދު ތަސްމީނު އަލީއާއި އެމަނިކުފާނާއެކު ގެންނެވި ބޮޑު ޕެކޭޖަށް އެ ދުވަހު ވެސް މަރުހަބާ ވިދާޅުވެ އިސްސަފުން ޖާގަ ފަހިކޮށް ދެއްވީ ރައީސް ނަޝީދެވެ. އަލީ އާޒިމާއި ރޮޒޭނާ އާދަމާއި މުޙައްމަދު ނާޝިޒް ފަދަ އެތައް ބޭފުޅުންނެވެ. އޭރު ދާއިރާތަކަށް އެތައް މަސައްކަތެއް ކޮށްދީ ދާއިރާތަކުގައި އެމްޑީޕީ ރޫހު އުފައްދާ ރުކުރުވާލި އެތައް އިސް އެކްޓިވިސްޓުން ފަހަތައް ޖައްސުވާ ބާކީކޮށް މަޖިލިސް މެންބަރު ކަމުގެ ޓިކެޓަށް ދާންދެން ހޯދާދެއްވަން އިސްވެ ހުންނެވީ ރައީސް ނަޝީދެވެ. އެ ދުވަހު އިސްކަން ދެއްވީ މުހާޖިރުންނަށެވެ.
އިސްވެ ދެންނެވި ބޭބޭފުޅުން އެމްޑީޕީއާއި ގުޅި ވަޑައިގަތީ ނަމަކަށް ނޫނެވެ. އެ ބޭބޭފުޅުން ޑީއާރުޕީގައި ނުކުރައްވާ މަސައްކަތް އެމްޑީޕީއަށްޓަކާ ކޮށްދެއްވިއެވެ. ދަނީ ކޮށްދެއްވަމުންނެވެ. ކުރިއްސުރެ އެމްޑީޕީގައި ތިބި ގިނަ މެންބަރުންނަށް ވުރެ ބުރަ ގިނަ މަސައްކަތް އެމްޑީޕީއަށް ވަނީ ކޮށްދެއްވާފައެވެ. ސިޔާސީ ބަހުސްތަކާއި ސިޔާސީ އެއްވުންތަކުގައި އެ ބޭފުޅުން ކުރެއްވި މަސައްކަތްޕުޅު ރައީސް ނަޝީދަށް ވެސް ކުރެއްވި ފައެއް ނުއޮންނާނެއެވެ.
މުޒާހަރާއެއްގައި ނަމަ ތިއްބަވަނީ އެންމެ ކުރީގައެވެ. ސިޔާސީ އެއްވުމެއްގައި ޝާހިދާ ރޮޒޭނާގެ އަޑާ ނުލާ އެ އެއްވުމެއް ފުރިހަމައެއް ނުވެއެވެ. އެ ބޭފުޅުން ގުޅިވަޑައިގެން ފަހުން ރައީސް ނަޝީދު ހައްޔަރު ކުރެވޭ ކޮންމެ ފަހަރަކު އެންމެ ބާރަށް އަޑުއުފުއްލަވާ ހެއްދެވީ ރޮޒޭނާ އާއި މަހުލޫފާއި އަލީ އާޒިމް ފަދަ ބޭބޭފުޅުންނެވެ.
ރާއްޖޭގެ ރައީސް ގެ ފަހަތްޕުޅުގައި އެމްޑީޕީ އިސްވެ އޮވެ ހިންގާ ސަރުކާރު ނަގަހައްޓަން ޝާހިދާއި މަހުލޫފާއި ރޮޒޭނާމެން ތިއްބެވުން އެމްޑީޕީގެ ރައީސަށް ހަޖަމް ނުކުރެއްވެއެވެ. އެ ބޭފުޅުނަށް ބަދު ބަސް ރައްދު ކުރައްވާ ހުތުރު ނަންނަމުން މުހާތަބު ކުރެއްވުމުން ވެއްޓެނީ ރައީސް ނަޝީދުގެ އަގެވެ. އާންމު މެންބަރުންގެ ހިތުގައި ނަފްރަތު އުފެއްދެވުމަށް ރައީސް ނަޝީދު ޑީއާރުޕީގެ ވާހަކަ ރޮޒޭނާ މެނަށް ނިސްބަތްކޮށް ދައްކަވާއިރު ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ހުންނެވި އަލީ އާޒިމް ޑީއާރުޕީއަށް ނިސްބަތްވެ ވަޑައިނުގަންނަވަންޏާ އެހެން ބަޔަކަށް ޑީއާރުޕީއޭ ރައީސް ނަޝީދު ވިދާޅުވާނީ ފިތުނަ ފަސާދަ އުފެއްދެވުމަށެވެ.